މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާ ނިންމެވުންތަކުގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން މައުލޫމާތެއް ނުދިނުމަށް ނުވަތަ ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް ހައި ކޯޓުގައި އިސްތިއުނާފް ކުރެވިދާނެ އެވެ. އެކަމަކު އެމްޑަބްލިއުއެސްސީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި ހައި ކޯޓުން ދާދިފަހުން ނިންމީ އެފަދަ މައްސަލަތައް ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވަނީ ހައި ކޯޓުގެ އެ ހުކުމަކީ ގާނޫނުއަސާސީން ލިބިދޭ އިސްތިއުނާފް ކުރުމުގެ ހައްގު ގެއްލޭ ގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. އެހެންވެ، އާންމު މަސްލަހަތަށް ބަލައި އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ރިފްއަތުގެ ޓްވީޓްގައިވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމީ ގާނޫނުގައި "އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން" މިފަދައިން ބުނެފައި އޮންނާތީ އެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ އޭގެ ޒާތުގައި މުއައްސަސާއެއް ނުވަތަ އޮފީހަކަށް ނުވާތީ ކަމަށް ބުނެ އެވެ. އެކަމަކު އެ ގާނޫނުގެ 72 ވަނަ މާއްދާ ބުނާގޮތުން "އިންފޮމޭޝަން ކޮމިޝަނަރު" ކަމަށް އެ ގާނޫނުގައި ބުނަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރަން ގާއިމްކުރާ އޮފީސް ނުވަތަ މުއައްސަސާއަށެވެ.