ދުނިޔެ / އުތުރު ކޮރެއާ

އުތުރު ކޮރެޔާ އިން ކްރޫޒް މިސައިލެއްގެ އަޖުމަ ބަލައިފި

13 ސެޕްޓެމްބަރ 2021 - 14:50

ދުރު ރާސްތާގެ ކްރޫޒް މިސައިލެއް ކާމިޔާބުކަމާ އެކު އަޖުމަ ބަލާފައިވާ ކަމަށް، އުތުރު ކޮރެއާ އިން އިއްޔެ ބުނެފި އެވެ.

އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ކްރޫޒް މިސައިލްގެ އަޖުމަ ބެލީ ހުސްވި ހަފުތާ ބަންދުގެ ތެރޭގަ އެވެ. ދެ އަހަރުގެ މުއްދަތެއްގައި ތަރައްގީ ކުރި މިސައިލް ދެ ދުވަހެއްގެ މަތިން އަޖުމަ ބެލި އެވެ. ފުރަތަމަ އަޖުމަ ބެލުން އޮތީ މިމަހުގެ 11ވީ ހޮނިހިރު ދުވަހު އެވެ. ދެ ވަނަ ފަހަރަށް އަޖުމަބެލީ މިމަހުގެ 12 ވީ އާދީއްތަ ދުވަހު އެވެ.

ނޫސް އޭޖެންސީން ބުނި ގޮތުގައި އަލަށް އުފެއްދި މިސައިލް ކާމިޔާބުވުމަކީ، އެގައުމުގެ ވަށައިގެން ތިބި ދުޝްމަނުންގެ އުދުވާނީ ހަމަލާތަކުން، އުތުރު ކޮރެއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

އުތުރު ކޮރެއާގެ މި ބުނުމާ ގުޅޭ ގޮތުން، ދެކުނު ކޮރެއާ އާއި އެމެރިކާ އިން ވެސް ބުނީ، އުތުރު ކޮރެއާ އިން އެފަދަ މިސައިލެއްގެ އަޖުމަ ބެލިތޯ މިހާރު ބަލައި ކަށަވަރު ކުރަމުން އަންނަ ކަމަށެވެ.

"ގިނަ ފަހަރަށް ކްރޫޒް މިސައިލްތައް އަހަރެމެންގެ ނިޒާމުތަކަށް ދެނެގަނެވެނީ، އެ ފަދަ ތަކެތީގެ އަޖުމަ ބަލައި ނިމޭ ފަހުން. އެއީ އެފަދަ މިސައިލްތައް ދަތުރުކުރަނީ ވަރަށް ތިރިން ކަމަށްވާތީ. މިއަހަރުގެ ކުރީކޮޅު ވެސް އުތުރު ކޮރެއާ އިން ދެ ކުރޫޒް މިސައިލްގެ އަޖުމަ ބެލި. ނަމަވެސް އަހަރެމެންގެ ނިޒާމުތަކަށް ފާހަގަކުރެވޭ އެފަދަ ހުރިހާ ހަރަކާތެއް އަހަރެމެން އާންމެއް ނުކުރާތީ، އެ ފަހަރުގެ އަޖުމަ ބެލުމުގެ ވާހަކަ ވެސް އަހަރެމެން އާންމެއް ނުކުރަން،" ދެކުނު ކޮރެއާގެ ދިފާއީ ވުޒާރާގެ އިސް އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުންޏެވެ.

އުތުރު ކޮރެއާ އިން ކްރޫޒް މިސައިލެއްގެ އަޖުމަ ބެލިކަން އެ ގައުމުން މި އިއުލާންކުރީ، އުތުރު ކޮރެއާގެ އަސްކަރީ ހަރަކާތްތަކާ ބެހޭ ގޮތުން އެމެރިކާ އާއި ޖަޕާންގެ އަސްކަރީ އޮފިޝަލުންނާ މަޝްވަރާ ކުރެއްވުމަށް، ދެކުނު ކޮރެއާގެ ނިއުކްލިއާ ކަންކަމާ ބެހޭ އިސް މަންދޫބު ޖަޕާނަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އޭގެ އިތުރުން އުތުރު ކޮރެއާއާ ގާތް ގުޅުމެއް އޮންނަ ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ ވެސް މި ހަފުތާގައި ދެކުނު ކޮރެއާ އަށް ވަޑައިގަންނަވާނެ އެވެ.

އެމެރިކާގެ އަސްކަރިއްޔާގެ އިންޑޯ-ޕެސިފިކް ކޮމާންޑުން ބުނި ގޮތުގައި، އުތުރު ކޮރެއާގެ މިސައިލްގެ ވާހަކަ އިވިފައިވާތީ، ރަހުމަތްތެރި ގައުމުތަކާ އެކު، އެކަން މިހާރު އަންނަނީ ބަލަމުންނެވެ.

"އުތުރު ކޮރެއާގެ މިހަރަކާތްތަކުން ދައްކައިދެނީ، އުތުރު ކޮރެއާއިން އެ ގައުމުގެ އަސްކަރީ ޕްރޮގްރާމް ތަރައްގީކުރަމުން ދާ ކަމާއި، އުތުރު ކޮރެއާގެ އަވައްޓެރި ގައުމުތަކަށާއި ބައިނަލްއަގުވާމީ މުޖްތަމައަށް، އުތުރު ކޮރެއާ އިން ނުރައްކާ ކުރަމުންދާ މިންވަރު،" އެމެރިކާގެ އަސްކަރިއްޔާގެ އިންޑޯ-ޕެސިފިކް ކޮމާންޑުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޕްރޮގްރާމާ މެދު ކަންބޮޑުވުން ފާޅުކޮށް، އދ.ގެ ސަލާމަތީ މަޖިލީހުން މީގެ ކުރިން އެތައް ގަރާރެއް ފާސްކޮށްފައިވެ އެވެ. ނަމަވެސް އެއިން އެއްވެސް ގަރާރެއްގައި ކްރޫޒް މިސައިލް ތަރައްގީ ކުރުމާއި އަޖުމަ ބެލުމާ ބެހޭ ގޮތުން ވަކި ގޮތެއް ކަނޑައަޅައިފައެއް ނުވެ އެވެ.

ބެލެސްޓިކް މިސައިލާ ޚިލާފަށް، ކްރޫޒް މިސައިލަކީ ޖެޓް އިންޖީނަކުން ދަތުރުކުރާ ހަތިޔާރެކެވެ. ކްރޫޒް މިސައިލް ދަތުރުކުރަނީ ބިމާ ވަރަށް ކައިރިން ކަމަށްވާތީ، މިސައިލްގެ ދިފާއީ ނިޒާމުތަކަށް އެފަދަ މިސައިލްތައް ދެނެގަތުން ފަސޭހައެއް ނޫނެވެ. އަދި ގިނަ ކްރޫޒް މިސައިލް ފަރުމާކޮށްފައި ހުންނަނީ ވެސް ނިއުކްލިއާ ވޯހެޑް އުފުލޭ ގޮތަށް ކަމަށް ނުވާތީ، އެފަދަ މިސައިލް އެއް ތަނުން އަނެއް ތަނަށް ފޮނުވައިލަނީ ވަރަށް ތިރިންނެވެ.

އުތުރު ކޮރެއާގެ ކްރޫޒް މިސައިލްގެ މި އަޖުމަބެލުމަކީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އުތުރު ކޮރެއާ އިން ހިންގި އަސްކަރީ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

އިތުރު ކޮރެއާ އިން ބުނި ގޮތުގައި އަޖުމަ ބެލުމުގެ ގޮތުން އުދުއްސައިލި ކްރޫޒް މިސައިލް 7580 ސިކުންތު (ދެ ގަޑިއިރާއި 10 މިނެޓް) ވަންދެން، ވައްބުރަކަށް އަދި އަށެއް ބައްޓަމަށް ދަތުރުކުރި އެވެ. އުތުރު ކޮރެއާގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައި ވައިގެ ތެރޭގައި ދަތުރުކުރުމަށް ފަހު، އެ މިސައިލުން ހަމަލާ ދިނީ 1500 ކިލީމީޓަރު ދުރުގައިވާ އަމާޒަކަށެވެ.

މިއީ އަވައްޓެރި ދެކުނު ކޮރެއާ އާއި ޖަޕާނުގެ ކޮންމެ ތަނަކަށް ވެސް ހަމަލާ ދެވިދާނެ ރާސްތާއެކެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 25%
icon angry icon angry 25%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454