ޑްރަގް ގެ ވަބާ އޮތް ވަރު ބަަލަން ހެލްތު މިނިސްޓްރީން ހެދި އެސެސްމެންޓް ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު މަޖިލީހަށް ހުށަހަޅުއްވާ އިރު މިނިސްޓަރު އަހުމަދު ނަސީމް އަޑު އައްސަވަނީ.
15 ސެޕްޓެމްބަރ 2021 - 12:53
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ކުދިންގެ އުމުރުފުރާ ވަރަށް ބޮޑަށް ފުޅާވެ، އުމުރުން އެންމެ އަށް އަހަރުގެ ކުދިން ވެސް އެ ވަބާވައި ޖެހޭ ކަމަށް ހެލްތު މިނިސްޓްރީގެ އެސެސްމެންޓަކުން ދައްކައިފި އެވެ.
މަސްތުވާތަކެއްޗަށް ދެވި ހިފުމުގެ މައްސަލަ ހައްލު ކުރުމަށާއި ނެޝަނަލް ޑްރަގް އެޖެންސީ އިސްލާހު ކުރުމަށްް ހެލްތު މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް މިއަދު ހުށަހެޅި ޕްރެޒެންޓޭޝަނެއްގައި ވާ ގޮތުން، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރުފުރާ 2014 ވަނަ އަހަރާ އަޅާ ބަލާއިރު މިހާރު އޮތީ ވަރަށް ބޮޑަށް ފުޅާ ވެފަ އެވެ. މަސްތުވާތަކެތި ބޭނުންކުރާ އުމުރުފުރާ ކަަމަށް 2014 ގެ ހޯދުންތަކުން ފެންނަން އޮތީ އުމުރުން 22-37 އަހަރާ ދެެމެދެވެ. އެކަމަކު މި އަހަރުގެ ހޯދުންތަކުން ދައްކާ ގޮތުގައި މަަސްތުވާތަކެތި ބޭނުންކުރާ އުމުރުފުރާ ވަނީ 17 އަހަރުން ފެށިގެން 68 އަހަރާ ހަަމައަށް ފުޅާ ވެފަ އެވެ.
ދިވެހިރާއްޖޭގައި ކުޑަކުދިން މަސްތުވާތަކެތީގެ ވަބާވައި ޖެހޭކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ވަރަށް ބޮޑު އަދަދަކުން ހަމަ ކުޑަކުދިން [މަސްތުވާތަކެތި] ބޭނުންކުރާކަން ފާހަގަކުރެވޭ. އެންމެ ގިނައިން ބޭނުންކުރަނީ 15 އަހަރާ 17 އަހަރާ ދޭތެރޭގެ ކުދިން. އެކަމަކު ހަމަ އަށް އަހަރުގެ ކުދިން ވެސް މި މަސްތުވާތަކެތީގެ ވަބާފައި ޖެހޭކަން ފާހަގަކޮށްލެވޭ--- ސަފިއްޔާ
ހެލްތު މިނިސްޓްރީން އިސްނަގައިގެން މަޖިލީހަށް ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ވިދާޅުވީ، މިހާރުގެ އާއްމު އުމުރުފުރައަކީ 17-68 އަހަރާ ދެމެދު ކަމަށް ވިޔަސް އެ އަށް ވުރެ މާ ހަގު ކުދިން ވެސް ޑްރަގް ބޭނުންކުރާ ކަމަށެވެ.
"ދިވެހިރާއްޖޭގައި ކުޑަކުދިން މަސްތުވާތަކެތީގެ ވަބާވައި ޖެހޭކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ވަރަށް ބޮޑު އަދަދަކުން ހަމަ ކުޑަކުދިން [މަސްތުވާތަކެތި] ބޭނުންކުރާކަން ފާހަގަކުރެވޭ. އެންމެ ގިނައިން ބޭނުންކުރަނީ 15 އަހަރާ 17 އަހަރާ ދޭތެރޭގެ ކުދިން. އެކަމަކު ހަމަ އަށް އަހަރުގެ ކުދިން ވެސް މި މަސްތުވާތަކެތީގެ ވަބާފައި ޖެހޭކަން ފާހަގަކޮށްލެވޭ،" ސަފިއްޔާ ވިދާޅުވި އެވެ.
އެސެސްމެންޓުން ދައްކާ ގޮތުން ރާއްޖޭގައި މަސްތުވާތަަކެތި ވިއްކުމުގައި ގިނައިން ކުޑަކުދިން ބޭނުންކުރެ އެވެ. އެ ޖަރީމާގައި ކުޑަކުދިން ބޭނުންކުރުމުގެ އިތުރުން ބިދޭސީން ލައްވައި އެ ކުށް ކުރުވާ ކަމަށް ވެސް އެ އެސެސްމެންޓުން އެނގުނެވެ.
ރާއްޖޭގައި ޑްރަގް ބޭނުންކުރާ މީހުންގެ އުމުރުފުރާ ފުޅާ ވުމުގެ އިތުރުން، ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ މަސްތުވާތަކެތީގެ ބާއްވަތްތައް ވެސް މިހާރު ވަނީ ބަދަލުވެފަ އެވެ. މީގެ ކުރިން ގިނައިން ބޭނުންކުރަނީ ގަސްގަހާޖެހިން ލިބޭ ތަކެތިން އުފައްދާ ބާވަތްތައް ކަމަށް ވިޔަސް މިހާރު ގިނައީ ސިންތެޓިކް މާއްދާތައް ބޭނުންކޮށްގެން އުފައްދާ މަސްްތުވާތަކެއްޗެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ފެތުރިފައި އޮތް ވަރަށް ބަލާއިރު، އެ މައްސަލަ ނެތް އެންމެ އަތޮޅެއް ވެސް ނެތެގެ.
"މިއީ ހަމަ ވަރަށް ހިތާމައާ އެކީގައި ދަންނަވައިލަން ޖެހޭ ކަމެއް. އަދި އަޅުގަނޑުމެން އެޓެންޑް ކުރަން ޖެހޭ ކަމެއް،" ސަފިއްޔާ ވިދާޅުވި އެވެ.
މި އަހަރުގެ އެސެސްމެންޓުން އެނގިފައިވާ ގޮތުގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ ގައުމުތަކާއި ސަރަހައްދުތައް ވެސް ކުރިއަށް ވުރެ އެތައް ގުނައެއް މިހާރު ވަނީ އިތުރުވެފަ އެވެ. ކުރީގެ ހޯދުންތަކުން ދައްކާ ގޮތުގައި ރާއްޖެ އަށް އެންމެ ގިނަ މަސްތުވާތަކެތި އެތެރެކުރަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުންނެވެ. އެކަމަކު މިހާރު ޔޫރަޕްގެ ގައުމުތަކުން ވެސް މިހާރު މަސްތުވާތަކެތި އެެތެރެކުރެ އެވެ. އޭގެ ތެރޭގައި ޖަރުމަނާއި އިނގިރޭސި ވިލާތާއި ނެދަލޭންޑްސް ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާ ކަމަށް ވިޔަސް، އެ މައްސަލަ ހައްލު ކުރަންވީ ގޮތް ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ހަގީގަތުގައި ނޭނގޭ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ޑްރަގްގެ މައްސަލަ ރާއްޖޭގައި އެކަށީގެންވާ ގޮތަކަށް ދިރާސާއެއް ވެސް ކޮށްފައި ނެތެވެ.
އެކަމަކު މިނިސްޓަރު ވިދާޅުވީ، އެ މައްސަލަަ ރަނގަޅަށް ދެނެގަތުމަށްޓަކައި ކުރަން ޖެހޭ ދިރާސާގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެކޭގޮތް
27 May 2022
އެންމެ ފުރަތަމަ މައިންބަފައިން އިސްލާހުވާށެވެ. އެއައްފަހު ދަރިން އިސްލާހުކުރަން މަސައްކައި ކުރާށެވެ. އެކުދިންނައް އަޅާލާށެވެ އަދި އެކުދިންނައް ލޯބިދޭށެވެ. ކުދިންނައް ހެޔޮނަސޭޙަތް ދޭށެވެ.ދަރިންނާ ބެހޭގޮތުން މައިންބަފައިންނާ ސުވާލުކުރެވޭނެކަން ކަށަވަރޭ
އާންމުގަމާރުނަސް
18 September 2021
ޒުވާނުން އެކި ފޯރަމްތަކުގައި ތި ވާހަކަ ދައްކަން އުޅޭ. ހައްލުގެ ވާހަކަ ދައްކަން އުޅޭ. މަސްތުވާތަކެތީގެ ވަބާ އަދި އެއާ ގުޅި ލާމެހިފައިވާ މައްސަލައެއް ކަމަށްވާ ޖިންސީ ގުޅުމުގެ ކަންކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، ކުދިންނަށް ސައްހަ މައުލޫމާތު ފޯރުކުރަންޖެހޭ ކަމަށް ބުނާ އިރަށް، އާންމުން މޮޔަވެ އެކަން ހުއްޓުވަނީ. މީ އޭގެ ނަތީޖާ. އަދިވެސް 'ހަޑި' ވާހަކަތައް ސިއްރުކޮށްގެން ތިބޭ. އަދި ތި ފެންނަނީ ގަމާރުކަމުގެ ހިތި ނަތީޖާގެ ފެށުން.
އެްއެްދއރތ
16 September 2021
ދެން ހެވި ދިލިފަ ތިބީމަ ރަނގަޅުވާނެ މަހުންމަހަށް މުސާރަ ނަގައިގެން. ދިރާސާ ހެދިއްޖެއެއްނު.
އެނދިމަރިޔަނބު
15 September 2021
ޖަޕަނީޒް ސްޓަޑީސް ކިޔަވައިގެންހުރި ތަޖުރިބާ ނެތް ޑެޕިއުޓީ ދޯ؟ މި ސަރުކާރުގަ ތިބީ މިކަހަލަ މީހުންނަށް މަގާމު ހަދާފަ ދީފަ މުޅިންވެސް.
ލަދުފާ
15 September 2021
ޙައްލަކީ ރޭޝަންކާޑެއްދީ، އާސަންދައިގެދަށުން ދައުލަތުން ޚަރަދުކުރުންބާވައެވެ؟ ނުވަތަ އަންނަންއޮތް ޖީލުތަކުގެ ސަލާމަތަކަށް ޑުރަގުވިޔަފާރިކޮށް، ބޭނުންކުރާމީހުނާއިމެދު ސިންގަޕޫރުގައި ކަންކުރާގޮތަށް ކަންކޮށްގެންނަމަވެސް ހުއްޓުވުންބާވައެވެ؟ ކޮންމެސް އެއްގޮތެއްހަދައި އިރުއިރުކޮޅާ މިސުރުޚީއަޅައިގެން ވިޔަފާރިގަދަކުރުވުމުގެ އިސްތިހާރުކުރުމަށް ނިމުމެއްގެނެސް ހުއްޓުވަން އެބަޖެހޭ.
ވ ދެރަ
15 September 2021
ކުދިންގެ ޒިންމާ ވީހާ ފުރިހަމައަށް އުފުލޭތޯ ބަލަންވާނެ. އެކަން ނުވާނެހެން ހީވާނަމަ އިހަށް ކުދިން ހޯދުމާ ދުރުގަ ތިބީމަ މައުސޫމް ފުރާނަތަކެއް އަނިޔާވެރި ދުނިޔެއަކަށް ނުގެނެވޭނީ. މަސްތުގެ ވަބާގަ ޖައްސައިގެން މައުސޫމް ފުރާނަތަކެއް ހަލާކުކޮށްލަން ހިތަށްއަރާނީ ވަރަށް ޖނވާރު ބައެއް. އެފަދަ މީހުންނަށް ވަރަށް ދެރަ ނިކަމެތި ދުވަސް އަންނާނެ.
ބޮޑުމީހާ
15 September 2021
އިތުރު ކޮމިޝަނެއް ހަދަން ފެނޭ
މަހޭބެ
15 September 2021
ތިމަސައްކަތް ކުރުން ހުއްޓާލަންވީ ދައުލަތުން ހޭދަވާ ބޮޑުޚަރަދެއްތީ ވާހަމައެއްކަމެއްވެސް ނޯވެ. މިކުޑަކުޑަ ގައުމުގައި ޑްރަގު އެހާ ތިޔާގިވަނީ ކީއްވެކަން ނޭގޭ މީހަކު ހުންނާނެހެން ހިޔެއްނުވެ. ހަމަގައިމުވެސް އެއެއްޗެކީ މިގައުމުގައި އުފައްދާ އެއްޗެއްނޫން. އެތެރެކުރެވޭ އޮންނަނީ ދެދޮރު އެ ދެދޮރު ކުރިމަތީ ބޮޑުމުސާރަދީފަ ބަަލަން މީހުން އަބަދުތިބޭ ނުފެންނަނީބާ ނުވަތަ ފެންނަކަމަށް ނުހަދަނީބާ؟
ކޮރަލް
15 September 2021
އާބާދީ ކުޑަ ވެފަ ހައްލުކުރަން ފަސޭހަ މައްސަލަ އެކެވެ. އެކަމު މަންފާ ބޮޑުވީމަ ބޮޑުންގެ ބަޔަކު އަޑީގަ ހުރެގެން ކުރުވާ ކަމެކެވެ. ދެން ސިޔާސީ ބައެއްމީހުން ގްރޫޕް ތައް ކައިރި ކޮށްގެން އުޅެނީ މީހުންނަށް ބިރުދައްކާށެވެ. އެތެރެކޮށް ވިއްކާ ބޯން އެންމެ ފަސޭހަ ގައުމެވެ.
ގުންޑާ
15 September 2021
ޑްރަގްގެ ވާހަކަ ނުދައްކާ