އައްޑޫގައި ޒަހަމްކޮށްލި މީހުން ލޭތަކުތެރޭގައި. -- ފޮޓޯ: މިހާރު
21 ސެޕްޓެމްބަރ 2021 - 14:28
މިދިޔަ ހުކުރު ދުވަހު އައްޑޫ ހިތަދޫގައި ހިންގި ދެ މާރާމާރީގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އައްޑޫގައި އެންމެ ފުރަތަމަ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލީ ހިތަދޫ ފްލެޓުތައް ސަރަހައްދުގަ އެވެ. އެ ދުވަހު މެންދުރު 12 ޖަހާކަންހާ އިރު ހިންގި އެ މާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބޮލާއި ކަރަށް ހަމަލާދީފައިވާއިރު، އޭނާގެ ހާލު ސީރިއަސްވި އެވެ.
ދެވަނަ މާރާމާރީ ހިންގީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ހަތަދޫގައި ސައިކަލެއްގައި ދިޔަ ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީ އެރޭގެ 8 ޖަހާކަށްހާއިރު އެވެ.
އެ ހަމަލާގައި އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކު ޒަހަމްވި އެވެ.
ސައިކަލުގެ ފަހަތުގައި އިން އަންހެންމީހާ އަކީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ މަސައްކަތްކުރާ ނަރުހެކެވެ. އެއީ މާބަނޑު މީހެއް ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުނެ އެވެ. އަދި ސައިކަލު ދުއްވަން އިނީ އޭނާގެ ފިރިމީހާ އެވެ.
އެނގިފައިވާ ގޮތުގައި ހިތަދޫގައި ސިލްސިލާކޮށް ހިންގި އެ ދެ މާރާމާރީ ވެސް ގުޅެނީ އެރަށުގެ ދެ ގޭންގެއްގެ ދެމެދުގައި ޖެހުނު މައްސަލައަކާ އެވެ. އެކަމަކު ޖެހުނީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ.
ފުލުހުން ބުނީ އެ ދެ ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނު ހުންނަ މީހާ
21 September 2021
ބައްލަވާ އެބޭފުޅުންނަކީ އިއްޒަތްތެރިން އެބޭފުޅުން ހައްޔަރު ކުރެވޭނެ ގޮތެއް ނޯންނާނެ. މި ގައުމުގައި މިނިވަން ބަޔަކީ ސިޔާސީ މީހުނާއި ގޭންގުސްޓާރުން ދެންތިބީ އެމީހުންގެ އަޅުން