އައްޑޫ ހިތަދޫގައި މިދިޔަ ހަފުތާގައި މާރާމާރީ ހިންގަން ބޭނުންކުރި އިތުރު ބައެއް ސާމާނު ހޯދާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އެ ގޭންގު މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް އައްޑޫގައި ފަށައިފަ އެވެ.
ފުލުހުން ބުނީ، ހިތަދޫގައި ގްރޫޕް ހަދައިގެން އެއްވެ އުޅޭ އުސްގަނޑު ބީޗު ސަރަހައްދު ބަލައި ފާސްކޮށް، މާރާމާރީ ހިންގުމަށް ތައްޔާރު ކޮށްފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކާއި އަންގި އާއި އަންނައުނު އަދި އެހެނިހެން ބައެއް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ތަކެތި ހޯދީ އުސްގަނޑު ބީޗް ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައިވަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގޭންގް މާރާމާރީތައް ހުއްޓުވަން އައްޑޫގެ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސްގެ ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ވެސް ވަނީ ތޫނު ހަތިޔާރުތަކެއް ހޯދައިފަ އެވެ.
އައްޑޫ މާރާމާރީތަކާ ގުޅިގެން މިހާތަނަށް 11 މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވާއިރު، ދެން ތިބި މީހުންގެ ބަންދަށް އެކި މުއްދަތުތައް ކޯޓުން އިތުރު ކޮށްފައި ވެ އެވެ.
އައްޑޫގައި މާރާމާރީތައް ފެށުނީ ފާރެއްގައި ކުރަހާފައި ހުރި ގްރެފިޓީތަކެއްގެ މައްޗަށް އެހެން ގޭންގެއްގެ ބަޔަކު މިދިޔަ މަހުގެ ގްރެފިޓީތަކެއް ޖެހުމުންނެވެ. އެކަމާ ގުޅިގެން ހިތްހަމަނުޖެހުންތައް ބޮޑުވެ، އެކަން އެންމެ ފަހުން ޒުވާބަކަށް ބަދަލުވެ، ގޭންގު ހަމަނުޖެހުމަކަށް ބަދަލުވެ، އެކަކަށް ހަމަލާ ދިނެވެ.
އެކަމުގެ ބަދަލު ހިފުމުގެ ހަމަލާއެއް މިދިޔަ އާދިއްތަ ދުވަހު ދިނެވެ.
މި މާރާމާރީތަކުގައި ދެ މީހަކަށް އަނިޔާވި އެވެ. ފުރަތަމަ މާރާމާރީގައި ހާލު ސީރިއަސްވި މީހާ ވަނީ އިތުރު ފަރުވާ އަށް މިދިޔަ ހަފުތާގައި މާލެ ގެނެސްފަ އެވެ.