"ފޭން" ގެ ޕޯސްޓަރެއް.
22 ސެޕްޓެމްބަރ 2021 - 06:32
ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒްކުރި ޝާހްރުކްގެ ފިލްމު "ފޭން" ގެ ލަވައެއްގެ ގޮތުގައި އާންމުކުރި ލަވަ "ޖަބްރަ ފޭން" ފިލްމުގައި ހިމަނާފައި ނުވާތީ އެއީ ޓިކެޓް ގަނެގެން ފިލްމު ބަލަން ދިޔަ މީހުންނަށް ލިބުނު ގެއްލުމެއް ކަމަށް ބުނެ ކުރި ދައުވާއަކާ ގުޅިގެން އެ ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ބެލުންތެރިޔަކަށް ފައިސާގެ ބަދަލު ދޭން ޖެހިއްޖެ އެވެ.
މަނީޝް ޝަރުމާ ޑައިރެކްޓްކުރި ފިލްމުގައި ލަވަ ނެތުމުން ދައުވާކުރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ އަފްރީން ފާތިމާ ޒައިދީ ކިޔާ މީހެކެވެ. އެވެ. އޭނާ ބުނީ ދައުވާކުރީ ސިނަމާގައި "ފޭން" ބެލި އިރު، ފިލްމު ރިލީޒްކުރުމުގެ ކުރިން އާންމުކުރި ލަވަ "ޖަބްރަ ފޭން" ކަމުދިއުމުން، ބޮޑު ސްކްރީނުން އެ ލަވަ ބަލަން ބޭނުންވެ، ޓިކެޓް ގަނެގެން ފިލްމު ބެލި އިރު، ލަވަ ނެތުމުން ކަމަށެވެ.
އެހެންވެ މި މައްސަލަ ބެލި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ބެންޗުން ހޯމަ ދުވަހު ނެރުނު ހުކުމްގައި ވަނީ ގެއްލުމުގެ ބަދަލަށް އަފްރީނަށް 15،000 ރުޕީސް ވައިއާރްއެފުން ދޭން ޖެހޭނެ ކަމަށް ކަނޑައަޅައިފަ އެވެ. މި މައްސަލަ މިގޮތަށް ނިންމީ ކޯޓުން ކުރިން ނިންމި ނިންމުން ވައިއާރްއެފުން އިސްތިއުނާފަށް ހުށަހެޅުމުންނެވެ.
އަފްރީން ހުށަހެޅި މައްސަލައާ ގުޅިގެން މައްސަލަ ބެއްލެވި ބެންޗްގެ ފަނޑިޔާރުން ވިދާޅުވީ ފިލްމުގައި ނުހިމެނޭ އެއްޗެއް ފިލްމުގެ ޕްރޮމޯޝަނަލް މެޓީއަރިލްއެއްގެ ގޮތުގައި ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
"ފިލްމެއް ޕްރޮމޯޓްކުރަން ޓްރެއިލާއެއް ނެރޭ ނަމަ އެ ވާން ޖެހޭނީ ހަމަ އެ ފިލްމެއްގެ ޓްރެއިލާއަކަށް. އެކަމަކު ޓްރެއިލާ ބަލާފައި ސިނަމާ އަށް ގޮސް ފިލްމު ބަލާ އިރު މުޅިން އެހެން އެއްޗެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން." ފަނޑިޔާރުން ވިދާޅުވި އެވެ. "ދެން ސުލާވަކީ ފިލްމުގެ ބައެއްގެ ގޮތުގައި ނުހިމެނޭ އެއްޗެއް ކީއްވެ ހެއްޔޭ ފިލްމުގެ ޕްރޮމޯޝަނަށް ބޭނުން ކުރަންވީ؟ އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން."
"ޖަބްރަ ފޭން" ލަވަ ވައިއާރްއެފުން ބޭނުންކުރީ ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގަ އެވެ. މި ގޮތަށް ފިލްމުތަކުގެ ލަވަތައް ނެރުމަކީ ބޮލީވުޑްގައި ވަރަށް އާންމު ކަމެކެވެ.
ޝާހްރުކްގެ ކެރިއަރުގެ އެންމެ ނާކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ފޭން" އަކީ ސަޕޯޓްކުރާ ސުޕަސްޓާރަކާ ހެދި "މޮޔަވެފައި" ހުންނަ ފޭނެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއް ދައްކުވައިދިން އެކްޝަން ތުރިލާއެކެވެ. ޖުމްލަ 120 ކްރޯޑް ރުޕީސް (16.30 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ 124.4 ކްރޯޑް ރުޕީސް (16.90 މިލިއަން ޑޮލަރު) އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy