ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް އައްޑޫގައި ވަރަށް ބޮޑު. އައްޑޫގައި ގިނަ އަދަދަކަށް ބިދޭސީން ތިބި އިރު އޭގެ ތެރޭގައި ގިނައީ ގަވައިދާހިލާފަށް އުޅޭ ބިދޭސީން.
23 ސެޕްޓެމްބަރ 2021 - 09:54
އައްޑޫ ހުޅުދު އާއި މީދޫގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ނުފޫޒު ގަދަވެ، އެ މީހުންގެ ފަރާތުން ނުކުންނަ މައްސަލަތައް ވެސް ވަރަށް ބޮޑަށް އިތުރުވެ، އެ ދެ އަވަށުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހުޅުދޫ ކައުންސިލަރު ހުސެއިން ފައިޒުއްރަހްމާން "މިހާރު" އަށް ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނާ ގުޅުން ހުރި އެތައް މައްސަލައެއްގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އޭގެ ތެރޭގައި ކުރާ މަސައްކަތްތަކާ ނުބައްދަލު އަގު ހޯދަން ޑިމާންޑްކުރުމާއި ރަށުގެ އާންމު ރައްޔިތުންނަށް އެކި ގޮތްގޮތުން ބިރު ދައްކައި، އިންޒާރު ދިނުން ފަދަ މައްސަލަތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބިދޭސީންގެ އުނދަގޫތަކާ ހެދި، މި ހަފުތާގައި ވެސް ރައްޔިތުންގެ ބަޔަކު އަވަށު އޮފީހަށް ގޮސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
"މިތަނުގައި މި އުޅޭ ބިދޭސީ މަސައްކަތްތެރިން މިހާރު އުޅެނީ ޔޫނިއަނެއްގެ ގޮތުގައި. އެގޮތަށް މަސައްކަތްތަކާ އެއްޗެހި ނަގައި ބޮޑު އަގު ހޯދަން ޑިމާންޑްކުރާތީ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކާ ވަނީ ކުރިމަތިލާން ޖެހިފައި. އެ މީހުން މަސައްކަތް ކޮށްފައި ޑިމާންޑްކުރާ އަގުތައް އުޅެނީ ރައްޔިތުން އަތްފޯރާ ހިސާބެއްގައެއް ނޫން،" ފައިޒު ވިދާޅުވި އެވެ.
"މި މީހުންގެ ނުފޫޒު ބޮޑުވެގެން ގޮސް މިހާރު އާންމު ރައްޔިތުންނަށް މަރުގެ އިންޒާރު ދިނުން ފަދަ ކަންކަން ވެސް އެބަކުރޭ. މިކަހަލަ ކަންތައްތަކާ ހެދި ބިދޭސީންގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް."
ހުޅުދޫ ކައުންސިލަރު ފައިޒު
އޭނާ ވިދާޅުވި ގޮތުގައި މިކަން މިގޮތަށް ދިގުދެމިގެން ހިނގައްޖެ ނަމަ ބިދޭސީންގެ ކަންކަން ކޮންޓްރޯލުން ނެއްޓިދާނެ އެވެ. އެހެންވެ އެކަމާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ކުރެވޭނެ އެއް ކަމަކަށް ވާނެ އެ މީހުން ޑިމާންޑްކުރާ ވަރަކަށް އަގު ނުދިނުން. އެއް މަސައްކަތެއް އެކި މީހުންނަށް އެބަކޮށްދޭ އެތައް ގުނަ ބޮޑުކޮށް،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ މަސައްކަތެއް ކުރުވާ އިރު ކުރީ ބައިގައި އަގަކަށް އެއްބަސްވެގެން މަސައްކަތްކުރުވުމަކީ ވެސް ވަރަށް މުހިއްމު."
ހުޅުދޫގައި މިހާރު ވެސް 100 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ގަވައިދާ ހިލާފަށް އުޅޭ މީހުންނެވެ.
"ކަންކަން ގޯހުން ގޯހަށް ނުދަނީސް އެބަޖެހޭ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބޭރުކުރަން." ފައިޒު
މީދޫގައި ވެސް މިހާރު 170 އަށް ވުރެ ގިނަ ބިދޭސީން ތިބި އިރު އޭގެ ތެރޭގައި ވެސް ނިސްބަތުން ގިނަވާނީ ގަވައިދާ ހިލާފު މީހުން ކަމަށް އެ އަވަށު ކައުންސިލަރު އައިމިނަތު ސާލިހާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީދު އާއި ހުޅުދޫގައި އުޅޭ ބިދޭސީން ގުޅި، ހިތަދޫގައި އުޅޭ ބިދޭސީންތަކެއް ބޮޑު ނެޓްވޯކެއްގެ ގޮތަށް މަސައްކަތްކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލީ ގޮތުން ބޮޑު ގެއްލުމެއް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ދެ އަވަށު އޮފީހުން ވެސް މިހާރު ތައްޔާރު ވަނީ އަންނަ ހަފުތާގެ ތެރޭގައި ދެ އަަށުގައި އުޅޭ ހުރިހާ ބިދޭސިންގެ މައުލޫމާތު އެއްކޮށް، ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފެށުމަށެވެ.
ފައިޒް ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ ބޮޑުވަމުންދާތީ އެކަން ހައްލުކޮށްދޭން އިކޮނޮމިކް މިނިސްޓްރީގައި ވެސް އެދުމުން އެ މިނިސްޓްރީގެ ޓީމެއް ވަރަށް އަވަހަށް އައްޑު އަށް އަންނަ ގޮތަށް ހަމަޖެހިފައިވެ އެވެ. އަދި ބިދޭސީންގެ ފަރާތުން ދިމާވާ މައްސަލަތަކުގެ ވާހަކަ ފުލުހުންނާ ވެސް ހިއްސާކޮށްފައިވެ އެވެ.
މީދޫ ކައުންސިލަރު ހާލިސާ.
"ކަންކަން ގޯހުން ގޯހަށް ނުދަނީސް އެބަޖެހޭ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބޭރުކުރަން،" ފައިޒް ވިދާޅުވި އެވެ.
"މިކަމަށް ބޭހުން ވަނީ އަވަސް ހައްލެއް."
އޭނާ ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލުވާނީ އާންމު ރައްޔިތުން ފަރުދީ ޒިންމާ ވެސް އަދާކޮށްގެންނެވެ. އެގޮތުން ރަށުތެރޭގައި ހުންނަ މަސައްކަތްތައް ރަށުގެ މީހުން ކުރަން ނުކުތުމަކީ ވެސް ވަރަށް މުހިިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ހާލިސާ ވެސް ވިދާޅުވީ ބިދޭސީންގެ އުނދަގޫ މިހާރު އޮތީ އެ މީހުން ހެދިހާ ގޮތެއް ހެދިގެން އާންމުން އުޅެން ޖެހޭ ފަދަ ހާލެއްގައި ކަމަށެވެ.
"ބިދޭސީންގެ މައްސަލަ ހައްލުކުރެވޭތޯ ކުރެވެން ހުރިހާ މަސައްކަތެއް އަހަރެމެން ކުރާނަން. މިކަމުގައި މަޑުން ތިބެވޭ ވަރަށް މި މީހުންގެ ފަރާތުން ނުކުންނަ މައްސަލަތައް." އޭނާ ވިދާޅުވި އެވެ.
އައްޑޫގައި އުޅޭ ބިދޭސީންގެ ސާފު އަދަދެއް ސާފު ނުވި ނަމަވެސް، އެ ސިޓީ އަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެންމެ ގިނަ ވާނެ އެއް ތަން ކަމަށް ގިނަ ބަޔަކު ބުނެ އެވެ. މި މައްސަލަ ހައްލުކުރަން މީގެ ދެ އަހަރު ކުރިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ފައްޓަވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހަސަން (ހަނަފީ) ވެސް ވިދާޅުވެފައިވެ އެވެ.
ސައްހަ ލިޔެކިޔުން ނެތް އަދި ސަރުކާރުގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވާ ބިދޭސީން އައްޑޫގައި ނުބައިތިއްބަން އައްޑޫ ސިޓީ ކައުންސިލުން ވެސް މިދިޔަ އަހަރު ނިންމާފައިވެ އެވެ. އެކަމަކު މިއީ މިހާތަނަށް ހައްލެއް ނުލިބި އޮތް އައްޑޫގެ އެންމެ ބޮޑު އެއް މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަމުން މުސްލިމު
24 September 2021
ޒިންމާދާރު މަގާމުގައި ތިބި ވެރިންގެ ސަބަބުންދިމާވާ ކަންތައް މީ. ﷲގެ ހަޟުރަތުގައި މިވެރިން ޖަވާބުދާރީ ވާންޖެހޭނެދުވަހު ސަލާމަތްވެވިދާނެބާ!
ޮމޮހޮނު
23 September 2021
މާލޭގައި ދުއްވާ ސައިކަލްތަކުން ބައްސުން ލައިފި. އޯކޭތަ؟ ސައިކަލްގެ ތޮއްޖެހުމާ، އަޑުފައްގަޑާ، އެކްސިޑެންޓްތަކާ، އަނިޔާ، ދުންތަކުން. މިވެސް ހަގީގީ ވާހަކައެއް. މި ދުއްވަނީވެސް ހަމަ ދިވެހިން. ގެއްލުންވަނީވެސް ދިވެހިންނަށް. މުސްކުޅިވާ ދުވަހަކުން ވިސްނިދާނެ.
ބައިޓަނު އަނބު ފޮނުވި ވީނުވީއެއް ނޭނގޭ
23 September 2021
ހުޅުދޫއާއި މީދޫ އެކަންޏެއްނޫން ނާގާބިލް ކަމުން މުޅި ރާއްޖޭގައި ބޮއްސުން ލައްވާފައި އޮތް ރައްޔތުން ނުހަނު ކަންބޮޑުވެ ތިބެ ކުދިކިޔާ މައްސަލަ އެއް އެހެން ނަމަވެސް މަރުކަޒީއިދާރާތައް ހުރި ވެރިރަށް މާލޭގައި މީހުން އެތެރެކުރާ މީހުން ތިނބި ހިނދު އިކޮނޮމިކްމިނިސްޓަރީން އަހަރުން 2 އަހަރުން ގަވައިދާ ޚިލާފަށް ތިބި މީހުން މަގަށް އެޅެން ދޯހަޅި ފުރުޞަތުދޭ ހިނދު ކައުންސިލްތަކުން ވެސް ކުރަނީ ހަމަ އެއްކަހަލަ ގޮތަކަށެެވެ. ވާނީ އެހެންނެވެ.ބޮޑުސޯބު ގޮތަށް ކުދިސޯބު
މަބުރޫމް
23 September 2021
އަމިއްލަ ގައުމުގެ ، ރައްޔިތުންގެ މިނިވަންކަމުގެ ހާލަތު މިހާދައްފެއްވަރަށް ވެއްޓިފައިވާއިގައި ، މިލިއަނުން ޚަރަދުކޮށްގެން ވަޑއިގެން އދ ގަ ރައީސުލް ޖުމުހޫރިއްޔާ ވާހަކަފުޅު ދެއްކެވީ އެހެން ގައުމުތަކުގެ ރައްޔިތުންނަށް މިނިވަންކަން ނުލިބިފައިވާ ވާހަކައާއި މިނިވަންކަން ގެއްލިފައިވާ ވާހަކަ. ވަޓް އަ ޖޯކް. މިސްޓަ ޕުރެޒިޑެންޓް!
ކައްކަކާކޯ
23 September 2021
ހާލިވާހަކަ ނުދައްކާ… އެވެރިންގެ ޑިމާނޑު އޮތީމާ އަގުބޮޑުވެގެން ތިޔާދަނީ
ސައިމާ
23 September 2021
ވެރިންގެ ފަރުވާ ކުޑަކަމާއި ޚިޔާނަތް ބޮޑުވެގެންގޮސް ކަންކަން މިހާހިސާބައް ދަނީ. އަދިވެސް މިދައްކަނީ ޓެސްތަކާއި ނުލައި އެވެރިންނަށް ލައިސަންސް ހަދިޔާކުރާ ވާހަކަ. ދެންއޮތީ ފަރުދީ ޒިންމާ އަދާކުރުން. ކޮންމެ ރައްޔިތަކަށްްްް ވެސް ކުރެވޭނެ ކަމަކީ ، އެމީހަކު މަސެއްކަތެއެއް ކުރުވާއިރު ދިވެއްސަކު ލައްވާ މެނުވީ މަސައްކަތް ނުކުރުވުން. ބިދޭސީންކުރާ ވިޔަފާރީގައި ބައިވެރިނުވުން. ވިޔަފާރިކުރަން ބިދޭސީނަށް ތިމާގެ ބިން ކުއްޔަށްވެސް ނުދިނުން.
އޭކީކޭ
23 September 2021
އިހަކަށް ދުވަހު އެކަމު ފައްޔާޒު ބުންޏޭ ކިޔާފަ ނޫސްތަކުގަ އޮތީ ބިދޭސީންގެ ކަންކަން މާބޮޑަށް ކޮންޓްރޯލްކުރެވިގެން އުޅޭ ވާހަކަ. އެތައް ހާސް ބަޔަކު ފޮނުވާލެވުނު ވާހަކަ ބުނިއިރު މާލެއިން އައްޑުއަށް ކަމެއް އެމީހުން ފޮނުވާލެވުނީ ބުނަން އެކަމު ހަނދާންނެތުނީ ކަމަށްވާނީ.
މޫޗީ.މީދޫ
23 September 2021
މީދޫއަށް ދިމާވެފައިވާ މައްސަލައަކީ މުޅިރާއްޖެއަށް ދިމާވެފައިވާ މައްސަލައިގެ އެއްބައި. މިކަމުގެ ފައިދާ ނެގީ ހުރިހާ ސަރުކާރެއް ހިންގަން ތިބިވެރިންނާއި ބިދޭސީން ރެކްރޫޓްކުރާ މީހުން. މިމީހުން ގަވާއިދާއިލާފަށް ބޮޑެތި ކޯޓާ އަދަދުތަކުން ރާއްޖެފުރާލީ. ދެން ދިވެހި ޒުވާނުން މަސައްކަތްނުކޮށް ކޮފީ ބޯން އަދި ބިތަކަށްޖެފިތިބީ. މިކަންކަން ހައްލުކުރެވޭވަރު ގެ އިހްލާސްތެރި ވެރިން ނެތީ.
ބޮންދ
23 September 2021
މީހެއްގެ ވަޒީފާގަ ނޫން ގޮތަކަށް އެމީހުންނަށް މިތާ އުޅެވިގެން ނުވާނެ. ޢެކަމު ފެންނަނީ އެމީހުން އަމިއްލަ ބިޒްނެސް ކުރާތަން.. ގެސްޓް ހައުސް ވިޔަފާރި ކުރަނީ، ހޮޓާ ރެސްޓޯރެންޓް ހިންގުމާ ކުދި އަދި މެދުފަންތީގެ ވިޔަފާރި އާ މާރުކޭޓް ގޮޅިތަކާ ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތް. ގުރޫޕް ހަދާފަ ކޮންސްޓރަކްށަން މަސައްކަތްވެސް ކުރަނީ.. ގޭގެ އަށް ގޮސް އޭސީ، ދޮންނަ މެށިން މަރާމާތު ކުރުން އިސްތިހާރު ޖަހާލައިގެން އަމިއްލަ އަމިއްލަ އަށް ކުރަނީ .. ސަރުކާރަށް ނުފެނޭ
ހާސަރު
23 September 2021
މިހާރު ހުރިހާ ކައުންސިލް ތަކަށްވެސް ކޯޕަޜޭޓިވްސް ހަދައިގެން ހިންގުމުގެ ހުއްދަ ލިބޭ ، ވީމާ ކޯޕަރޭޓިވްސް އެއްހަދައި އެތަނުން މަސައްކަތު މީހުން ކުއްޔަށް ދެވޭނެ އިންތިޒާމެއް ކުރަންވީ . ގަވައިދާޚިލާފަށް އުޅޭ އެެންމެން ފޮނުވާލާ ކޯޕަރޭޓިވްސް އިން ގަވައިދުން މީހުންގެނެސް މިކަން ހިންގާ އެހެން ރަށްރަށަށްވެސް ނަމޫނާއެއް ދައްކަންވީ.