ޅ. ކުރެންދޫ ފުޓުބޯޅަ ދަނޑަށް އުދަ އަރައި، ގެއްލުންވެފައި.-- ފޮޓޯ: ކުރެންދޫ ކައުންސިލް
27 ސެޕްޓެމްބަރ 2021 - 11:04
މިދިޔަ ހުކުރު ދުވަހު ޅ. ކުރެންދު އަށް އުދަ އަރައި ލިބުނު ގެއްލުންތައް ހަތަރު މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެ ރަށު ކައުންސިލުން އަންދަޒާކޮށްފި އެވެ.
އެ ރަށުގެ އިރު ދެކުނު ފަރާތުން ވަރަށް ބޮޑަށް އުދަ އަރައި، އެ ދުވަހު ކުރެންދޫގެ ރީތި ފުޓުބޯޅަ ދަނޑު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އަދި ރަށު ތެރެއަށް ވެސް އުދައިގެ އަސަރުކޮށް، ގޭގެ އަށް ވަނީ އެކިވަރުގެ ގެއްލުންވެފަ އެވެ.
ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު މިއަދު "މިހާރު" އަށް ވިދާޅުވީ އުދައިގައި އެ ރަށަށް ލިބުނު ގެއްލުންތައް ބަލަމުން އަންނައިރު، ފުޓުބޯޅަ ދަނޑާއި ގޭގެ އަށް ލިބުނު ގެއްލުންތައް ހަތަރު މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
"އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ ފުޓުބޯޅަ ދަނޑަށް. އެތަނުގެ ޓާފު ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި،" އޭނާ ވިދާޅުވި އެވެ.
ޅ. ކުރެންދޫ ފުޓުބޯޅަ ދަނޑަށް އުދަ އަރައި، ގެއްލުންވެފައި.-- ފޮޓޯ: ކުރެންދޫ ކައުންސިލް
އޭނާ ވިދާޅުވީ އެ ފުޓުބޯޅަ ދަނޑަކީ ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދައިފައިވާ ތަނެއް ކަމަށެވެ. އުދައިގައި އެ ދަނޑުގެ ވަށާފާރުން ބައެއް ވެސް ވަނީ ވެއްޓިފަ އެވެ. އަދި ޓާފުގެ މަތި ވަނީ ވެއްޔާއި ގަލުން ފުރިފަ އެވެ. އެ ދަނޑު ސާފުކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
ގެގޭ އަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ދެ ގެއެއްގައި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވުމާއި ގޭގެ ގޯތިތެރޭގައި ހައްދާފައި ހުރި ގަސްގަހާގެއްސަށް ލޮނުގެ އަސަރު ކުރުމާއި އަދި ބައެއް ގޭގޭގެ ފެން ނަގާ ވަޅުތައް ލޮނުވުން ވެސް ހިމެނެ އެވެ.
ކުރެންދޫގައި ޓާފު އަޅައިގެން ފުޓުބޯޅަ ދަނޑު ހަދާފައި ވަނީ އެ ރަށުގެ އިރު ދެކުނު ފަރާތުން ބިން ހިއްކައިގެންނެވެ.
ޓާފު އަޅައިގެން ފުޓުބޯޅަ ދަނޑެއްގެ ހެދުމުގެ މަސައްކަތް އެ ރަށުގެ ޒުވާނުން އިސްވެ، ހުރިހާ ރައްޔިތުންގެ ބައިވެރިވުމާ އެކު ފެށީ 2017 ގަ އެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލީ ބޮޑު ހަރަދެއްކޮށްގެންނެވެ.
"ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ތިބީ. މިއީ މި ރަށުގެ ރައްޔިތުން އަމިއްލަ މަސައްކަތުން ހެދި ދަނޑެއް،" ސިމާއު ކުރިން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy