ދުނިޔެ

އައިސްލޭންޑް ޕާލަމެންޓުގެ ގިނަ ގޮނޑިތަކެއް އަންހެނުންނަށް

ސެޕްޓެމްބަރ 25، 2021؛ އައިސްލޭންޑްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގައި އެ ގައުމުގެ ބޮޑުވަޒީރު ކެޓްރިން ޖެކޮބްސްދޮތީރް ވޯޓު ލައްވަނީ. --އޭއެފްޕީ

27 ސެޕްޓެމްބަރ 2021 - 08:45

3 comments

އައިސްލޭންޑުގެ ގާނޫނު ހަދާ މަޖިލިސް "އަލްތިންގީ" ގެ ގިނަ ގޮނޑިތަކެއް އަންހެނުން ކާމިޔާބުކޮށްފި އެވެ.

އަލްތިންގީ އަށް މެމްބަރުން އިންތިހާބު ކުރުމަށް މި މަހުގެ 25 ވަނަ ދުވަހު ބޭއްވި ވޯޓުލުމުގެ ރަސްމީ ނަތީޖާ އަށް ބަލާއިރު، އަލްތިންގީގެ ޖުމްލަ 63 ގޮނޑީގެ ތެރެއިން 30 ގޮނޑި ކާމިޔާބު ކުރީ އަންހެން ކެންޑިޑޭޓުންނެވެ. އެއީ ޖުމްލަ ގޮނޑީގެ 47.6 ޕަސެންޓެވެ. މިއީ އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި އިންތިހާބުގައި އަންހެން ކެންޑިޑޭޓުން އިންތިހާބުވި އަދަދަށް ވުރެ ނުވަ ކެންޑިޑޭޓުން އިތުރު އަދަދެކެވެ. ކުރިން އިއުލާންކުރި ނަތީޖާ އިން ދައްކާފައިވާ ގޮތުގައި އަންހެން ކެންޑިޑޭޓުން ވަނީ 33 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އިންޓަޕާލިމެންޓްރީ ޔޫނިއަންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޔޫރަޕްގެ އެއްވެސް ގައުމެއްގައި މިހާތަނަށް، ގާނޫނު ހަދާ މަޖިލީހެއްގެ 50 ޕަސެންޓް ގޮނޑި އަންހެނުންނަށް ކާމިޔާބު ކުރެވިފައެއް ނެތެވެ. އެ ނިސްބަތާ އެންމެ ކައިރި ކުރާ އަދަދަކަށް ވެސް މިހާތަނަށް އެންމެ ގިނަ އަންހެން ކެންޑިޑޭޓުން އިންތިހާބުވީ ސްވިޑްންގެ ގާނޫނު ހަދާ މަޖިލިސް "ރިކްސްތޮގް" އަށެވެ. އެއީ، ރިކްސްތޮގްގައި ހިމެނޭ ޖުމްލަ 116 ގޮނޑީގެ 47 ޕަސެންޓެވެ.

އައިސްލޭންޑަކީ، ޔޫރަޕްގެ ބައެއް ގައުމުތަކާ ހިލާފަށް، ގާނޫނު ހަދާ މަޖިލީހަށް ވަކި އަދަދަކަށް އަންހެން މެންބަރުން އިންތިހާބު ކުރުމަށް ގާނޫނީ ކޯޓާއެއް ކަނޑައަޅާފައި އޮންނަ ގައުމެއް ވެސް ނޫނެވެ. އެހެން ނަމަވެސް އައިސްލޭންޑް ބެލެވިފައިވަނީ، މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ގައުމުގެ ގޮތުގަ އެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ފަރާތުން މި އަހަރުގެ މާޗް މަހު ނެރުނު ރިޕޯޓްގައިވާ ގޮތުން، އައިސްލޭންޑަކީ މިންތީގެ ހަމަހަމަކަން އެންމެ ބޮޑަށް ގާއިމުވެފައިވާ ގައުމުގެ ގޮތުގައި، މެދުކެނޑުމެއް ނެތި އައިސްލޭންޑް އޮންނަތާ މިއީ 12 ވަނަ އަހަރެވެ.

ސެޕްޓެމްބަރ 25، 2021؛ އައިސްލޭންޑްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރަމުން ދިޔަ އިރު، އެ ގައުމުގެ ބޮޑުވަޒީރު ކެޓްރިން ޖެކޮބްސްދޮތީރް އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން، އައިސްލޭންޑަކީ އަނބިމީހާ އާއި ފިރިމީހާ އަށް ހަމަހަމަ ގޮތެއްގައި، ވިހެއުމުގެ ޗުއްޓީ ދޭ އެއް ގައުމެވެ. އޭގެ އިތުރުން ވިލާތުގެ ގައުމުތަކުގެ ތެރެއިން، އަންހެނުންނާއި ފިރިހެނުންގެ މުސާރަ، ގާނޫނަކުން ހަމަހަމަކުރި އެންމެ ފުރަތަމަ ގައުމެވެ. އެއީ 1961 ވަނަ އަހަރު ފާސްކޮށް އަމަލުކުރަން ފެށި ގާނޫނަކުންނެވެ.

އޭގެ އިތުރުން އައިސްލޭންޑަކީ މުޅި ދުނިޔޭގައި ވެސް ރައީސްކަމުގެ މަގާމަށް އަންހެނަކު އެންމެ ފުރަތަމަ އިންތިހާބު ކުރި ގައުމު ވެސްމެ އެވެ. އެއީ 1980 ވަނަ އަހަރު އިންތިހާބު ކުރި ވިގްދިސް ފިންބޮގަތީރް އެވެ. އައިސްލޭންޑަކީ މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ހުރި ގާނޫނު ހަދާ މަޖިލިސްތަކުގެ ތެރެއިން އެންމެ ދޮށީ މަޖިލީހެވެ. އައިސްލޭންޑްގެ ގާނޫނު ހަދާ މަޖިލިސް އުފެދިފައިވަނީ، މީގެ 1091 އަހަރު ކުރިން މީލާދީން 930 ވަނަ އަހަރުގެ ތެރޭގަ އެވެ.

މިހާރު ހުރި ގާނޫނު ހަދާ މަޖިލިސްތަކުގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ ގޮނޑި އަންހެނުން ފުރަމުން އަންނަނީ އެންމެ ފަސް ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގަ އެވެ. އޭގެ ތެރެއިން ވެސް ކުރި ހޯދާފައިވަނީ، ރުވަންޑާ އެވެ. އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ޖުމްލަ މެމްބަރުންގެ 61.3 ޕަސެންޓަކީ އަންހެނުންނެވެ.

ދެ ވަނަ އަށް އެންމެ ގިނަ އަންހެނުން ތިބީ ކިއުބާގަ އެވެ. އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 53.4 ޕަސެންޓަކީ އަންހެނުންނެވެ. ތިން ވަނަ އަށް އަންނަނީ، ގާނޫނު ހަދާ މަޖިލީހުގެ 50.6 ޕަސެންޓު ކާމިޔާބު ކޮށްގެން ނިކަރާގުއާ އެވެ. އަދި ހަތަރު ވަނައިގައި އޮތީ ގާނޫނު ހަދާ މަޖިލީހުގެ 50 ޕަސެންޓް ގޮނޑީގައި އަންހެން މެމްބަރުން ތިބި އެމިރޭޓްސް އާއި މެކްސިކޯ އެވެ.

މިންތީގެ ހަމަހަމަކަމަށް އެންމެ ބޮޑަށް ވަކާލާތުކުރާ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ ނިސްބަތަކީ، އެ ގައުމުގެ ހައުސް އޮފް ކޮމަންސްގެ 34.2 ޕަސެންޓެވެ. އަދި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގައި އަންހެނުންގެ ނިސްބަތަކީ އެންމެ 27.6 ޕަސެންޓެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޝީދުގެ ކާފަދަރި.

27 September 2021

އަރަބިން ހޭނެތިދާނެ މިކަހަލަ ވާހަކަ ލިޔުނީމާ!

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

27 September 2021

އަންހެނުން ޕާލިމެންޓަށް. ފިރިހެނުން މަހަށް. ދެން ލަލަލާ.

The name is already taken The name is available. Register?

ދިޔެ

27 September 2021

ކިހާ ރަނގަޅު! ފިރިހެނުންނަށް މަހަށް އެކަންޏެއްނޫން ރާވެރިކަން ކުރަން ވެސް ދެވޭނެ އަބަދު މަހަށް ދާށޭކިޔަނީ އެދެން މާ ދެރަވަރު ކަމަކީތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454