05 އޮކްޓޯބަރ 2021 - 06:57
ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ ފުރަތަމަ ވެބް ސީރީޒްގެ ބަތަލުގެ ރޯލު ކުޅޭނީ މިދިޔަ އަހަރު މަރުވި އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ސީރީޒްގެ ބޯޕާލްގައި މަންޒަރުތައް ނަގަން ހަމަޖެހިފައިވާ އިންވެސްޓިގޭޓިވް ތުރިލާއެއް ކަމަށެވެ. ނަން އަދި ހާމަނުކުރާ ސީރީޒްގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝިވް ރަވައިލް އެވެ. އޭނާ އަކީ "ލަވް ސްޓޯރީ" އާއި "ބޭތާބު" އާއި "ސަމަންދަރު" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ކުރީގެ ޑައިރެކްޓަރު ރާހުލް ރަވައިލްގެ ދަރިއެކެވެ.
ކުރިން މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝިވް ރަސްމީކޮށް ޑައިރެކްޝަނަށް ނުކުންނަން އޮތީ ވައިއާރްއެފުން ހަދަން ނިންމާފައިވާ ބޮޑު ބަޖެޓް ސުޕަހީރޯ ފިލްމަކުންނެވެ. އޭގެ ކާސްޓުންނަކީ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ ކަޒިން އަހާން ޕާންޑޭ އާއި 2018 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރް ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.
ނަމަވެސް މި ވަގުތަށް އެ ފިލްމުގެ މަސައްކަތް މަޑުޖައްސާލައި، ބާބިލްއާ އެކު ޝިވް ވެބް ސީރީޒްގެ މަސައްކަތް ފަށަން ނިންމީ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ މަޝްވަރާގެ މަތިންނެވެ. ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަކީ އެ ސްޓޫޑިއޯގެ މިހާރުގެ ވެރިޔާ އެވެ.
ޝިވް ކުރިން ވަނީ ވައިއާރްއެފްގެ "ދޫމް 3" އާއި "ތަގްސް އޮފް ހިންދުސްދާން" ފަދަ ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
ވައިއާރްއެފުން ހަދާ ސީރީޒް ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް އަދި އެ ސްޓޫޑިއޯ އިން ހާމަނުކުރި ނަމަވެސް ބެލުންތެރިންނަށް އެ ގެނެސްދޭނީ އެތަނުގެ ސްޓްރީމިން ޕްލެޓްފޯމަކުން ކަމަށް މީޑިއާތަކުން ބުނެ އެވެ.
ވައިއާރްއެފްގެ ފުރަތަމަ ވެބް ސީރީޒުން ބާބިލް އަށް ފުރުސަތު ލިބުނު އިރު، އޭނާ ތައާރަފު ކުރާނީ ބަތަލާ އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކުރާ ނެޓްފްލިކްސްގެ ފިލްމު "ޤަލާ" އިންނެވެ. ޓްރިޕްތީ ދިމްރީ ބަތަލާގެ ރޯލު ކުޅޭ އެ ފިލްމަކީ އަންވިތާ ދަތު ޑައިރެކްޓްކުރާ އެއްޗެކެވެ. އެ ފިލްމު އިއުލާންކުރީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy