ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި
04 ޑިސެމްބަރ 2016 - 13:36
ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވީ އެންމެ 15 މެމްބަރުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ނިމި، މެމްބަރުން ވަނީ ޗުއްޓީއަށް ވަޑައިގެންފަ އެވެ. އަންނަ އަހަރުގެ ޖަލްސާތައް ފަށާނީ މީގެ ތިން މަސް ފަހުން، އަންނަ މާޗް ނޫނީ އޭޕްރީލް މަހު އެވެ.
ފަހު ދައުރުގައި 16 ޖަލްސާ ބޭއްވިއިރު، 85 މެމްބަރުންގެ ތެރެއިން ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވީ ޕީޕީއެމްގެ 13 މެމްބަރަކާއި އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ އާއި މިހާރު ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ އަދި މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ.
ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވި ޕީޕީއެމް މެމްބަރުންނަކީ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ އަބްދުﷲ މަސީހާއި މާފަންނު އުތުރު ދާއިރާގެ އަބްދުﷲ ރިފާއު އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި މިލަންދޫ ދާއިރާގެ ހަސަން މުފީދާއި ހޮޅުދޫ ދާއިރާގެ އަލީ މުހައްމަދާއި އުނގޫފާރު ދާއިރާގެ ޖައުފަރު ދާއޫދާއި ދުވާފަރު ދާއިރާގެ މުހައްމަދު އަލީ އާއި ކ. ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ އާއި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދާއި ތ. ގުރައިދޫ ދާއިރާގެ ހުސެއިން މަނިކު ދޮންމަނިކާއި ގެމަނަފުށީ ދާއިރާގެ ޖަމީލް އުސްމާނާއި ގައްދޫ ދާއިރާގެ އަހުމަދު ރަޝީދު އަދި ފޭދޫ ދާއިރާގެ އިބްރާހިމް ދީދީ އެވެ.
ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވެވަޑައިގެންނެވީ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ އަހުމަދު ސިޔާމް މުހައްމަދެވެ. އޭނާ ހާޒިރުވެވަޑައިގެންނެވީ އެންމެ ދެ ޖަލްސާއަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ޖަލުގައި ހުންނެވުމުން އޭނާ އަށް އެއްވެސް ޖަލްސާއަކަށް ވަޑައެއް ނުގެންނެވެ އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ނަޝީދާއި ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ނާޝިދާއި ތުޅާދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ނާޒިމް ރަޝާދާއި އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމާއި ފެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު މަރުޒޫގު ވަޑައިގެންނެވި ޖަލްސާތަކުގެ އަދަދު ދެބައި ކުޅަ އެއް ބަޔަށް ވުރެ މަދެވެ.
ފަހު ދައުރުގެ ފަހު ޖަލްސާގައި މަޖިލީހުގެ ރައީސް މަސީހު ވިދާޅުވީ މި އަހަރު މަޖިލީހަށް ހުށަހެޅި 380 މައްސަލައިގެ ތެރެއިން 376 މައްސަލައެއް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން 43 ބިލް ފާސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫނ
05 December 2016
މޮޔަނުވޭ ބަލަ. ބޭނުން ވާހަކަ އެއް ނޫން ދައްކާކަށް މިއީ. ބަރާބަރަށް މުސާރަ ޖަމާކޮށްދެ އެއްނު.
ލޮލް
04 December 2016
ކޮންމެ ހެން ޖަލްސާއަކަށް ހާޒިރު ވާ ކަށް ނުޖެހޭނެ މުސާރަ ނެގީމަ އެވީ......
GAN Island
04 December 2016
ދުވަހަކު ތިއިން މީހަކު ތިޔަތަނަށް ނުދިޔަ ކަމުގައި ވިޔަސް އަހަރުމެންނަށްކީއް... ؟؟!! ހުތުބާގައި ބުނީ ''ހަލާލު ގޮތުގައި ނޫން ގޮތަކަށް ހޯދާ މުދަލާއި ފައިސާ ކައި އުޅޭ ބައެއްގެ އަނބިދަރިން ވެސް އޭގެ ގެއްލުމާއި ކުރިމަތިލާން ޖެހޭނެ'' ކަމަށް
އަލިދީދީއައްޑޫސިޓީ
04 December 2016
މަޖިލިސް މެންބަރުންނަށް އިންތިހާޔަށް ބޮޑު މުސާރަޔާއި އަހަރަކު ހަތަރު ފަސް މަސް ދުވަހުގެ ޗުއްޓީ އާއި އަދި އެހާމެ މަތީ ފަންތީގައި ސިއްޙީ އިންސޫރެންސް އާއި ވަޒީފާ އަދާކުރާ ދުވަހުގެ ވަގުތު ތަކުގައި ސަޔާއި، ކޮފީ އާއި ކުއުމާއި ދުފުން ދެވޭ. އަދި މަޖިލީހުގެ ޖަލްސާ ތައް ބާއްވަނީ، ހަފްތާގެ 7 ދުވަހުން 3 ދުވަހު. މިހުރިހާ ކަމެއް މިގޮތަށް ހަމަޖައްސައިދީ ހެދުމުގެ ބޭނުމަކީ މަޖިލިސް ގެއާއި މަޖިލިސް މެންބަރުން " ކޮރަޕްޝަން " ގެ ނުބައި ނުލަފާ ހަޑި ހުތުރު ޢަމަލުން ދުރުކުރުން. އެކަމަކު އެކަން އެހެންތޯ ދަނީ؟ އެހެން ނުދާކަމަށް ވަންޏާ، މުސާރަ ކުޑަކޮށް ހިލޭދެވޭ ކެއުމާއި ސައި ކަނޑާ، މުސާރަޔާއި ޗުއްޓީ އާއި މަސްއްކަތް ކުރުމުގެ ވަގުތުވެސް ސަރުކާރުގެ އެހެން މުއައްޒިފުންނާނައި އެއްހަމަޔަކަށް ގެންނަން ކޮންމެހެން ވެސް އެބަޖެހޭ.
ދޮންދީނި
04 December 2016
ސަރުކާރުން ބޭނުންވާގޮތަށް ބިލްތައް ފާސްކޮށްދޭ ތަނަކަށް ހާޒިރުވުން މުހިއްމެއްނޫން....ތި މަޖްލީހަކީ ވަކި މީހަކު ބޭނުންވާ ގޮތަށް ކުރާ ވިޔަފާރިއެއް....ތި ޕިންކު ކުލަޖެހިފައި ތިބި މީހުން ރައްޔިތުންގެ ކައިރިއަށް ވޯޓު ހޯދަންނުގޮސް މިހާރު ވެރިކަމުގައިއެހުރި ބޭފުޅާގެ ހިތް ރުއްސޭތޯބަލާ!
ބެރު
04 December 2016
މަޖިލީހަށް ހާޟިރުވުން މިހާރަކު މުހިއްމެއް ނޫނެވެ. މަޖިލީހުގައި އުފެއްދުންތެރި މަސައްކަތެއް ނުކުރެވެ. ރަބަރު ސްޓޭމް ޖެހުން ނޫން ކަމެއް ނުކުރެވެ. ފުޅާދާއިރާއެއްގައި ބަހުސްކުރެވި އެ ބަހުސްގެ މަށްޗަށް ބިނާކޮށް ޓެކްނިކަލް މީހުންގެ ލަފަޔާއެއްގޮތަށް ކަންކަން ނިންމުމުގެ ބަދަލުގައި ވަކިފަރާތަކުން އަންގާ އެންގުންތަކަށް ބޯލަބަންޖެހިފައިވާ ތިބެމެ ޖަލްސާތަކުގައި ބޯގިނަކުރަން ތިބުމުގެ ބޭނުމެއް ނެތެވެ.
ވަތަންލޯބިވާ
04 December 2016
މެންބަރުންނަށް މުހިއްމީ ގައުމެއްނޫނެވެ އެމީހުންނަށް ފެނިގެން އުޅެނީ ޕާރޓީ އެވެ ގައުމުގެ ކަރާމާތާ ވަހްދާނިއްޔަތަށް އުނިކަން ލިބޭ ކިތައްބިލަށް ވޯޓުދިން ކިތަންމެންބަރުން އެބަތިބިކަން އެނގޭތޯ އެވެ
ރިކަޗް
04 December 2016
މުސާރަ ބަރާބަރަށް ނަގާނެ.
އުނބުށެން
04 December 2016
ޖަލްސާއަށް ހާޒިރު ނުވުމަކީ މައްސަލައެއް ނޫނެވެ. މުސާރައާމެދު ސުވާލުކުރެވުނު ހިނދު ކުރިން ނާއިބު ރައީސްކަން ކުރެއްވި ބޭފުޅަކު ގައުމީ ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވީ އެބޭފުޅުންގެ މަސައްކަތުން (ޓެކްސް ބިލުތައް ފާސްކޮށްގެން) ދައުލަތަށް އެތައް މިލިޔަން ރުފިޔާގެ އާމްދަނީ އިތުރުކޮށްދެއްވައިފި ކަމަށާއި، އެމުސާރައަކީ ބޮޑުއެއްޗެއް ނޫންކަމުގައެވެ. ވީމާ އެމުސާރައިން އެންމެ ލޯ ލާރިއެއްވެސް އުނިނުވަންޏާ ވޯޓްދޭންޖެހޭ މީހުންްނޫނީ ހާޒިރުވާންޖެހޭ ދުނިޔަވީ އެއްވެސް ބޭނުމެއް ނެތެވެ.