ދުނިޔެ / ސިޑްނީ

ސިޑްނީ، ކޮވިޑާ އެކުގައި އުޅެން ފަށައިފި

11 އޮކްޓޯބަރ 2021 - 11:52

ދޮޅު އަހަރުގެ ފުރަބަންދެއްގައި އޮތުމަށް ފަހު، ކޮވިޑާ އެކުގައި ދިރިއުޅެން ފެށުމަށް، އޮސްޓްރޭލިޔާގެ އެންމެ ބޮޑު ސަހަރު، ސިޑްނީ ތައްޔާރުވެއްޖެ އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން، އޮސްޓްރޭލިޔާގެ ވެރިރަށް ސިޑްނީގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް، މިއަދުން ފެށިގެން ވަނީ ދޫކޮށްލައިފަ އެވެ. ފުރަބަންދުގެ ފިޔަވަޅުތައް އުވައިލުމާއެކު، ސިޑްނީގެ ރެސްޓޮރަންޓްތަކާއި ޖިމްތަކާއި ބާތައް ހުޅުވައިގެން ހިދުމަތް ދިނުން މިއަދުން ފެށިގެން ހުއްދަވާނެ އެވެ.

ސިޑްނީގައި އާންމު ހާލަތު އިއުލާންކުރި ނަމަވެސް، ގިނަ ބަޔަކު އަދިވެސް ތިބީ، ކޮވިޑްގެ ނުރައްކާތެރިކަމާ މެދު ވަރަށް ބޮޑަށް ޖެހިލުންވެފަ އެވެ. ފުރަބަންދުގެ ހިފެހެއްޓުންތައް ދޫކޮށްލައި އާންމު މައިދާންތަކާއި ރެސްޓޮރަންޓްތަކާއި ބާތައް ފަދަ ތަންތަނުގައި އެއްވެ އުޅުން ހުއްދަކުރިޔަސް، މުޅި މުޖްތަމައުގައި ކޮވިޑްގެ ދިފާއު އުފެދިފައިވާ މިންވަރަކާ މެދު ގިނަ ބައެއްގެ ހިތްތަކުގައި ވަނީ ސުވާލު އުފެދިފަ އެވެ.

ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، އޮސްޓްރޭލިޔާގެ ބޯޑަރުތައް ބަންދުކޮށް ބޭރު ދުނިޔެއާ އެކު ދަތުރުފަތުރުގެ ގުޅުންތައް މަދުކަނޑައިލިތާ މިހާރު ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. އޮސްޓްރޭލިޔާ އިން ބުނި ގޮތުގައި، ދޮޅު އަހަރަށް ފަހު "ހޮހޮޅައިގެ" ތެރެއިން މިއަދު މި ނުކުމެވުނީ އެވެ.

އޮސްޓްރޭލިޔާ ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުން، ކޮވިޑުން ދިފާއުވުމުގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް، ރެސްޓޮރަންޓްތަކާއި ބާތަކާއި ޖިމް ފަދަ ތަންތަނުގެ އެތެރޭގައި ތިބެގެން ހިދުމަތް ހޯދޭނެ އެވެ.

ކޮވިޑުގެ ހިފެހެއްޓުންތަކަށް ލުއިތަކެއް ދިނަސް، ކޮވިޑް ފެތުރުން އަދި ކޮންޓްރޯލް ނުކުރެވޭ ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ބުނެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެތައް ބަޔަކަށް ކޮވިޑް ޖެހި އޭގެ ތެރެއިން އެތައް ބަޔަކު މަރުވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ސިޑްނީގެ ސިއްހީ ހިދުމަތުގެ ނިޒާމުގައި ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާ ދަނޑިވަޅެއްގައި، ކޮވިޑްގެ ހިފެހެއްޓުންތައް ދޫކޮށްލުމުން ދެން ވެދާނެ ގޮތަކާ މެދުގައި ވެސް އެއް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ކޮވިޑްގެ އިތުރު ރާޅެއް ބިންދާލައިފި ހާލަތެއްގައި، އެ ކަމާ ކުރިމަތިލުމުގެ ގާބިލްކަން ސިޑްނީގެ ސިއްހީ ހިދުމަތުގެ ނިޒާމުގައި އެބަހުރިތޯ ވެސް ސުވާލު އުފައްދަ އެވެ.

ކޮވިޑުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެންމެ ކާމިޔާބުކަމާ އެކު ކޮވިޑް ކޮންޓްރޯލްކުރި ގައުމަކަށް އޮސްޓްރޭލިޔާ ވާނެ އެވެ. ނަމަވެސް ބޯޑަރުތައް ބަންދުކޮށް، ބަލިޖެހޭ މީހުން ކަރަންޓީނުވުން މަޖުބޫރުކޮށް، ބޮޑެތި ސަހަރުތައް ވެސް އެކި ދުވަސްވަރަށް ފުރަބަންދުކޮށްގެން އުޅުނު އޮސްޓްރޭލިޔާގައި، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަސް ފެތުރެން ފެށުމާ އެކު، ސިޑްނީ އަލުން ފުރަބަންދުކުރި އެވެ.

ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަސް މުޅިން ނައްތައިނުލެވެނީސް، ފުރަބަންދުގެ ފިޔަވަޅުތައް އުވާލައި އާންމު ދިރިއުޅުމުގެ ހާލަތަށް ހުޅުވައިލުމަކީ، ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް މިންވަރެއްގައި ހިފެހެއްޓިދާނެ ކަމެއްތޯ ސުވާލު އުފެދެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454