ދަރޭ އަދި ރަންވީރު.
14 އޮކްޓޯބަރ 2021 - 07:08
އެކްޓަރު ރަންވީރު ސިންގް އަކީ ވަރަށް ހިތްތިރި މީހެއް ކަމަށާއި އެކީގައި މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާ ބުނެފި އެވެ.
ކަރަން ޖޯހަރްގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ދެ ތަރިން މިހާރު އެކީގައި މަސައްކަތް ކުރަމުން އަންނަ އިރު، ދަރޭ ބޮމްބޭ ޓައިމްސް އަށް ބުނީ ރަންވީރަކީ އޭނާ ފެނިއްޖެ ނަމަ ވަރަށް އުފަލުން އުޅޭ މީހެއް ކަމަށާއި ރަންވީރަކީ ވަރަށް އޯގާތެރި ވެސް މީހެއް ކަމަށެވެ.
"އެއީ ހަމަ ޑާލިންއެއް. ފެނިއްޖެ ނަމަ އައިސް އަތުގައި ހިފައި ވަރަށް ވާހަކަ ދައްކައި ސަކަރާތް ޖަހާނެ. ގިނަ ފަހަރަށް އަތުން ދޫ ވެސް ނުކުރަން އުޅޭނީ." ސަނީ އާއި ބޮބީ ޑިއޯލްގެ ބައްޕަ ބުންޏެވެ.
ދަރޭ ބުނި ގޮތުގައި ރަންވީރުގެ ފަރާތުން ފެންނަ އެންމެ ހާއްސަ އެއް ސިފަ އަކީ ވަރަށް ކާމިޔާބު، އެހާމެ މަގުބޫލު ތަރިއަކަށް ވިޔަސް އެކަމާ ބޮޑާ ވެގަނެގެން ނޫޅުމެވެ.
"މިހާރުގެ ބައެއް އެކްޓަރުން ވަރަށް ނޯމަލްކޮށް އުޅޭ ތަން ފެނުމަކީ ވަރަށް އުފާވާ ކަމެއް." އޭނާ ބުންޏެވެ.
ރަންވީރާ އެކީގައި މަސައްކަތް ކުރަން ލިބުމުން ދަރޭ އުފަލުން ހުރި އިރު، އޭނާގެ އަންހެނުން އަދި ކުރީގެ ބަތަލާ ހެމާ މާލިނީ އަށް ބޮލީވުޑުން މިހާރު އެންމެ ކަމުދާ ބަތަލާ އަކީ ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯނެވެ.
"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލީޑް ބަތަކާ އަކީ އާލިއާ ބަޓެވެ. މީގެ ކާސްޓްގައި ދަރޭއާ އެކު "ޝޯލޭ" ކުޅުނު އަމީތާބް ބައްޗަންގެ އަންހެނުން ޖާޔާ ބައްޗަނާއި އެ ފިލްމުގެ އެއް ސްކްރީން ރައިޓަރު ޖާވިދު އަޚްތަރުގެ އަންހެނުން ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.
ދަރޭ ބުނީ އެތަކެއް އަހަރެއް ފަހުން ކަރަންގެ ފިލްމާ އެކު ޖަޔާއާ އެކީ މަސައްކަތް ކުރަން ލިބުމަކީ ވެސް ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ދެ ތަރިން ކުރިން "ގުއްޑީ" އާއި "ޗުޕް ޗުޕްކޭ" ގަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy