18 އޮކްޓޯބަރ 2021 - 05:57
ފިލްމީ މަސައްކަތެއް ނުކުރާތާ ދެ އަހަރު ފަހުން، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ސޮއިކޮށްފައި އޮތް ދެ ފިލްމުގެ ތެރެއިން "ވިކްރަމް ވޭދާ" ގެ ޝޫޓިން ފަށައިފި އެވެ.
މީގެ ތިން އަހަރު ކުރިން ރިލީޒްކުރި ތަމަޅަ އެކްޝަން ތުރިލާގެ ހިންދީ ރިމޭކްގެ މަސައްކަތް ހޮނިހިރު ދުވަހު ފެށީ ޔޫއޭއީގަ އެވެ. މީގެ ސެޓުން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އާންމު ކޮށްފައިވެ އެވެ. ރިތިކްގެ ސޯޝަލް މީޑީއާ އެކައުންޓްތަކުގައި ޕޯސްޓް ކޮށްފައިވާ ވީޑިއޯއެއްގައި ވެސް ދެ އަހަރު ފަހުން ކެމެރާ ކުރި މައްޗަށް ނުކުތް ވާހަކަ ބުނެފައިވެ އެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމުތަކަކީ 2019 ގެ "ސުޕަ 30" އާއި "ވޯ" އެވެ.
Hero walking on to set after 2 years. I am walking in front of him .
— Hrithik Roshan (@iHrithik) October 15, 2021
Wait for it. #vikramvedha #teamisasliheroes
Shot by : Vinod Rawat pic.twitter.com/nG4BJgikbt
"ވިކްރަން ވޭދާ" ގައ ރިތިކާ އެކު ސައިފް އަލީ ޚާން ވެސް މުހިއްމު ރޯލެއް ކުޅޭނެ އެވެ. މިދިޔަ ހަފުތާގައި އޭނާ ޑައިރެކްޓަރު އޯމް ރައުތުގެ "އާދިޕުރުޝް" ގެ ޝޫޓިން ނިންމާލާފައިވާތީ މި ހަފުތާގެ ތެރޭގައި ޔޫއީއޭ އަށް ފުރާނެ އެވެ. ރިތިކާއި ސައިފް ކުރިން 2002 ގެ "ނަ ތުން ޖާނޯ ނަ ހަމް" ގައި ވެސް މަސައްކަތްކުރި އެވެ.
It begins ! #VikramVedha pic.twitter.com/TYARY8mYCV
— Y Not Studios (@StudiosYNot) October 15, 2021
"ވިކްރަމް ވޭދާ" ގެ ހިންދީ ރިމޭކް ވެސް އޮރިޖިނަލް ފިލްމު ޑައިރެކްޓްކުރި ޕުޝްކާރް-ގަޔަތުރީ ޑައިރެކްޓްކުރާ އިރު، މީގައި ރިތިކް ކެރެކްޓާގެ އަކީ ވޭދާ ކިޔާ ގޭންގްސްޓާރެއްގެ ރޯލެވެ. ސައިފް ކުޅޭ ވިކްރަމް އަކީ ފުލުހެކެވެ.
އޮރިޖިނަލް ފިލްމުގައި ވޭދާ އަކީ ވިޖޭ ސެތުޕަތީ އެވެ. ވިކްރަމް އަކީ އާރް މާދްވަން އެވެ.
ސައިފާއި ރިތިކާ އެކު "ވިކްރަމް ވޭދާ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ގަ އެވެ.
ރިތިކް، 47، ސޮއިކޮށްފައި އޮތް އަނެއް ފިލްމަކީ ދީޕިކާ ޕަދްކޯނާ އެކު ކުޅެން ހަމަޖެހިފައިވާ "ވޯ" ގެ ޑައިރެކްޓަރު ސިދާންތު އާނަންދުގެ "ފައިޓާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy