ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް. --ފޮޓޯ:އޭއެފްޕީ
19 އޮކްޓޯބަރ 2021 - 11:08
ރަޝިޔާ އިން ނޭޓޯ އަށް ކަނޑައަޅާފައި ހުންނަ މިޝަންގެ މަސައްކަތްތައް އިއްޔެ އިން ފެށިގެން ހުއްޓާލާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވި ގޮތުގައި ބެލްޖިއަމްގައި ހުންނަ ރަޝިޔާގެ ނޭޓޯ މިޝަން ބަންދުކުރީ، އެ މިޝަންގައި ވަޒީފާ އަދާކުރި އަށް މުވައްޒަފަކު ނޭޓޯ އިން ބޭރުކުރުމުން އެކަމުގެ ބަދަލެއްގެ ގޮތުންނެވެ. ނޭޓޯ އިން ބުނި ގޮތުގައި، ރަޝިޔާގެ މިޝަންގައި މަސައްކަތްކުރި މީހުން ނޭޓޯ އިން ބޭރުކުރީ، އެ މީހުން ޖާސޫސުންގެ ގޮތުގައި މަސައްކަތް ކުރާތީ އެވެ.
ޖުމްލަ 30 ގައުމު ހިމެނޭ ނޭޓޯ އަށް ރަޝިޔާ އިން ކަނޑައަޅާފައި ހުންނަ މިޝަންގައި މަސައްކަތް ކުރަމުން އައީ ރަޝިޔާގެ 20 މީހުންނެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ ނިންމުމަކުން އެ އަދަދު މިހާރު ވަނީ 10 އަށް މަދުކޮށްފަ އެވެ.
ނޭޓޯގައި ހުންނަ އެހެން ގިނަ ގައުމުތަކުގެ މިޝަންތައް ހުންނަނީ ނޭޓޯގެ މައި މަރުކަޒު ހުންނަ ބްރަސެލްސްގަ އެވެ. ނަމަވެސް ރަޝިޔާގެ މިޝަން ހުންނަނީ، ބްރަސެލްސްގެ ދެކުނުން އޮންނަ ކުޑަ އަވަށެއްގަ އެވެ.
ލަވްރޯވް ވިދާޅުވި ގޮތުގައި މި ނިންމުމާ އެކުގައި، މޮސްކޯގައި ހުންނަ ނޭޓޯގެ ލޭޒަން އޮފީހާއި އިންފޮމޭޝަން އޮފީސް ވެސް ބަންދުކުރުމަށް ރަޝިޔާ ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.
"ނޭޓޯ އިން ގަސްދުގައި އެފަދަ ފިޔަވަޅުތައް އަޅާއިރު، އަހަރެމެން ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރުމުގެ އެއްވެސް ބޭނުމެއް ނެތް. އަދި ނޭޓޯގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން، ނޭޓޯގައި ހުންނަ އަހަރެމެންގެ ދާއިމީ މިޝަންގެ މަސައްކަތް ހުއްޓާލަން އަހަރެމެން މި ނިންމީ. އޭގެ ތެރޭގައި އަސްކަރީ އިސް މަންދޫބުގެ މަސައްކަތްތައް ވެސް ނޮވެމްބަރު ފުރަތަމަ ދުވަހުން ފެށިގެން ހުއްޓާލަން ގަސްދުކުރަން. ނުވަތަ އެއަށް ވުރެ ކުޑަ ދުވަސްކޮޅެއް އިތުރުވެދާނެ،" ލަވްރޯވް ވިދާޅުވި އެވެ.
ރަޝިޔާ އިން ޔޫކްރޭންގެ ކްރީމިއާ ސަރަހައްދު 2014 ވަނަ އަހަރު ހިފައި، އެއީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅި ފަހުން، ރަޝިޔާ އާއި ނޭޓޯގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އޭގެ އިތުރުން ރަޝިޔާ ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވާން ފެށުމުން، ނޭޓޯ އިން ވަނީ، ރަޝިޔާއާ އެކުގައި އަމަލީ ގޮތުން އެއްބާރުލުން ހުއްޓާލައިފަ އެވެ. ނަމަވެސް މަތީ ފެންވަރުގެ ވާހަކަތައް ދެ ފަރާތުގެ މެދުގައި ދެކެވެ އެވެ.
ދެ ފަރާތުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން އެކުލަވާލާފައި އޮންނަ ރަޝިޔާ-ނޭޓޯ މަޖިލިސް ވެސް މިހާރު ބައްދަލުކުރަނީ ވަރަށް ދޭތެރެ ދުރުކޮށް އަދި އެހާމެ މަދުންނެވެ.
ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ތަރައްގީކުރާ މައްސަލައިގައި ވެސް ނޭޓޯ އާއި ރަޝިޔާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އޭގެ އިތުރުން ރަޝިޔާގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތައް ނޭޓޯގެ ވައިގެ ދިފާއީ ސަރަހައްދަށް ވަންނަ މައްސަލައިގައި ވެސް ނޭޓޯ އިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
19 October 2021
ސާބަހޭ ރަޝިޔާ.ދަގަނޑު ކެނޑޭނީ ދަގަނޑުން.
ޗިޕްސް
19 October 2021
ތީ މިހާރު އެއްވެސް ބަޔެއްނޫން، 3ވަނަ ދުނިޔޭގެ ފަޤީރު ޤައުމަކަށްވުރެން ހާލުބޮޑު، ވަރަށް ފަހަތުގާ އުޅޭބަޔެއް. ހުޅަގާ ފައިހަމަކުރުމަކީ ރަޝިޔާއަށް ދެން ފަސޭހަކަމަކަށް ނުވާނެ.