22 އޮކްޓޯބަރ 2021 - 07:33
އިންޑިއާގެ ވައިގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ ޕެރަޓްރޫޕަރުންގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ޝާހިދު ކަޕޫރް ސޮއިކޮށްފި އެވެ.
ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ބުޝަން ކުމާރުގެ ޓީ ސީރީޒުން ހަދަން ނިންމާފައިވާ ވަތަނީ ފިލްމުގެ ނަމަކީ "ބުލް" އެވެ. އަސީމް އަރޯރާ އާއި ޕަރްވީޒް ޝައިހްގެ ސްކްރީން ޕްލޭއަކަށް ހަދާ ފިލްމުގެ ޑައިރެކްޓަރަކީ އަދިތިޔާ ނިމްބާލްކަރެވެ.
އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ "ބުލް" އަށް ޝާހިދު ސޮއިކުރި އިރު، ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ފިލްމު ކުންފުނީގެ ފިލްމަކަށް ވެސް އޭނާ އެއްބަސްވެފައިވެ އެވެ. އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާނެ ކަމަށް ބުނާ އެ ފިލްމަކީ ފްރާންސްގެ 2011 ގެ އެކްޝަން ތުރިލާ ނުއީ ބްލާންޗް (ސްލީޕްލެސް ނައިޓްސް) ގެ ރިމޭކެކެވެ.
މި ހަފުތާގައި އަންހެނުން މީރާއާ އެކު ރާއްޖޭގެ ސޮނެވާފުށި ރިސޯޓްގައި ޗުއްޓީ ހޭދަކުރި ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ކަބީރް ސިންގް" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 31 އަށް ތާވަލުކޮށްފައި އޮތް ކްރިކެޓް ފިލްމު "ޖާޒީ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy