އެތުލެޓިކޯގެ ކޯޗު ސިމިއޯނީ.-- ފޮޓޯ: އޭއެފްޕީ
06 ޑިސެމްބަރ 2016 - 12:08
މިއުނިކް (ޑިސެމްބަރު 6) - ކޯޗިން ކެރިއަރު ނިންމާލުމުގެ ކުރިން އިންޓަ އަށް ކޯޗުކޮށްދޭނެ ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު އަދި އިންޓަގެ ކުރީގެ ކުޅުންތެރިޔާ ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
ސިމިއޯނީ ވަނީ މީގެ ކުރިން ވެސް އިންޓަ އަށް ކޯޗުކޮށްދޭނެކަމުގެ އިޝާރާތެއް ކޮށްފަ އެވެ. ސިމިއޯނީ އިންޓަ އަށް ޝައުގުވެރިވާ ކަމަށާއި ވަރަށް އަވަހަށް އޭނާ އެ ޓީމާ ހަވާލުވާނެ ކަމަށް ޖެނޮއާ އަށް ކުޅޭ ސިމިއޯނީގެ ދަރިފުޅު ޖިއޮވާނީ ވަނީ ބުނެފަ އެވެ.
"އަހަރެން އެއްވެސް ކަމެއް ފޮރުވަން ބޭނުމެއް ނޫން. އިންޓަ އަށް އަހަރެން ކޯޗުކޮށްދޭނަން. އަހަރެންގެ ދަރިފުޅު ބުނީ ތެދެއް. އެކަމަކު މި ވަގުތު އަހަރެންގެ ހުރިހާ ސަމާލުކަމެއް ހުރީ އެތުލެޓިކޯ އަށް. ކުރިއަށް އޮތް ބަޔާން މެޗަށް،" އެތުލެޓިކޯ މެޑްރިޑަށް ސްޕެނިޝް ލީގު ކާމިޔާބު ކޮށްދިނުމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ޓީމު ދެ ފަހަރު ގެންދިޔަ ސިިމިއޯނީ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެތުލެޓިކޯ ވަނީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. މިރޭ ރަށުން ބޭރުގައި ބަޔާން އަތުން އެތުލެޓިކޯ މޮޅުވެއްޖެނަމަ އެ ޓީމު ވެގެންދާނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް މުބާރާތުގެ ދެ ވަނަ ބުރަށް ދިޔަ ހަ ވަަނަ ޓީމަށެވެ. މީގެ ކުރިން މި ރެކޯޑް ހަދާފައިވަނީ ރެއާލް މެޑްރިޑް، ޕީއެސްޖީ، ސްޕާޓާ މޮސްކޯ، އޭސީ މިލާން އަދި ބާސެލޯނާ އެވެ.
އަމިއްލަ ދަނޑުގައި ބަޔާން އަތުން އެތުލެޓިކޯ މޮޅުވީ 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޔަނިކް ފެރޭރާ ކަރަސްކޯ އެވެ.
އެތުލެޓިކޯ ގްރޫޕް އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ވަނީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ޔަގީންވެފަ އެވެ. ދެ ވަނައިގައި އޮތް ބަޔާނަށް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ރޮސްޓޯވް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ޕީއެސްވީ އެއިންދޯވަން އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ބަޔާން ދަނޑުގައި އެ ޓީމު ވަނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު 14 މެޗުން މޮޅުވެފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ރެކޯޑެކެވެ.
ބަޔާނާއި އެތުލެޓިކޯ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
06 December 2016
ކަމް ޓު އާސެނަލް.