24 އޮކްޓޯބަރ 2021 - 14:41
އަފްގާނިސްތާނުގެ ސަރަހައްދުގެ ތެރޭގައި، އެމެރިކާ ސިފައިން އަސްކަރީ ހަރަކާތްތަކާއި ޖާސޫސީ ހަރަކާތްތައް ހިންގުމުގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުމާ ގުޅޭ ގޮތުން، އެމެރިކާ އާއި ޕާކިސްތާނާ ދެމެދު އެއްބަސްވުމެއް ގާއިމުކުރަން ތައްޔާރުވެއްޖެ އެވެ.
ސީއެންއެން އިން އިއްޔެ ބުނި ގޮތުގައި މި އެއްބަސްވުން ގާއިމުކުރުމާ ގުޅޭ ސިއްރު މައުލޫމާތުތައް ހިމެނޭ ސިއްރު މެމޯއެއް، އެމެރިކާގެ ރައީސް ޖޯ ބައިޑެން މިހާރު ވަނީ ކޮންގްރެސްގެ މެމްބަރުންނަށް ފޮނުއްވައިފަ އެވެ.
އެއްބަސްވުމާ ގުޅޭ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ ސީއެންއެން އިން ބުނި ގޮތުގައި، އެމެރިކާ އިން އަފްގާނިސްތާނުގައި ހިންގާ ހަރަކާތްތަކުގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކުރުމަށް، ޕާކިސްތާން ވެސް ބޭނުންވެ އެވެ. އެކަމުގައި ޕާކިސްތާނުގެ ބޭނުމަކީ، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ގުޅުން އުފެއްދުމުގައި އެމެރިކާ އިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުން ކުރާ މަސައްކަތުގައި އެމެރިކާ އިން އެހީތެރިވުމެވެ.
މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނާ ގޮތުގައި، އެމެރިކާ އާއި ޕާކިސްތާނާ ދެމެދު ގާއިމުކުރާ އެއްބަސްވުމުގެ މާއްދާތައް އަދިވެސް މުޅިން އެކުލަވާލައި ނުނިމެ އެވެ. އަދި އެ އެއްބަސްވުމުގެ ބައެއް މާއްދާތައް މިހާރު އަންނަނީ ދެ ގައުމު ބޭނުންވާ ގޮތަށް އިސްލާހު ކުރަމުންނެވެ. މި އެއްބަސްވުމާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާ ކުރީ، އެމެރިކާ ސަރުކާރުގެ އިސް ވެރިންތަކެއް ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ދަތުރެއްގަ އެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނަން، އެމެރިކާގެ ދިފާއީ ވުޒާރާއިން ބޭނުމެއް ނުވެ އެވެ. އެމެރިކާގެ ޚާރިޖިއްޔާ އިން ވެސް ބުނީ، އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.
ޕާކިސްތާނުގެ ހާރިޖިއްޔާ އިން ބުނީ، އެފަދަ އެމްއޯޔޫއެއް ނުހަދާ ކަމަށެވެ. އެހެން ނަމަވެސް، ޓެރަރިޒަމް ހުއްޓުވުމާއި ސަރަހައްދީ ސަލާމަތީ ކަންކަމުގައި ޕާކިސްތާނާއި އެމެރިކާއާ ދެމެދު އެއްބާރުލުން އޮންނަތާ ކިތަންމެ އަހަރެއް ވެފައިވާ ކަމަށް ވެސް ޕާކިސްތާނުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިއްކާލައިފި
24 October 2021
މިއޮތީ ޕިންކީން ބުނާގޮތުން ނަމަ ސަރުކާރު ބަދަލުކޮށްލަން ޖެހިފަ. ގައުމު ވިއްކާލައިފި. މިވަރުން ދާނަމަ ނުވިއްކައިއޮތް ގައުމެއް މިދުނިޔޭގައި އޮންނާނެބާއޭ ހިތަށްއަރާ.