ދުނިޔެ / ތިމާވެށި

ވިހަ ގޭސްތައް 2020 ގައި ރެކޯޑް މިންވަރަކަށް މައްޗަށް

26 އޮކްޓޯބަރ 2021 - 08:53

1 comments

ޖައްވުގެ ތެރޭގައި ހަރުލާފައި ހުރި ވިހަ ގޭސްތަކުގެ މިންވަރު، 2020 ވަނަ އަހަރުގެ ތެރޭގައި ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާ ކަމަށް، ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ، ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔޫއެމްއޯ) އިން ބުނެފި އެވެ.

ޑަބްލިޔޫއެމްއޯ އިން އިއްޔެ ނެރުނު 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރޭގައި ހުރި، ކާބަން ޑައިއޮކްސައިޑްގެ މިންވަރު، 2020 ވަނަ އަހަރު ވަނީ، 413.2 ޕާޓްސް ޕާ މިލިއަން އަށް މައްޗަށް ގޮސްފަ އެވެ. މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި، އެވްރެޖްކޮށް އަހަރެއްގެ ތެރޭގައި އިތުރުވާ މިންވަރަށް ވުރެ މާބޮޑަށް މަތީ މިންވަރެކެވެ.

ކޮވިޑް-19ގެ ވަބާއާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ފުރަބަންދުގެ ހާލަތު އިއުލާންކޮށް، ކާރުހާނާތައް ވެސް ބަންދުކުރުމުން، ޖައްވުގެ ތެރެއަށް ބޭރުވި ވިހަ ގޭހުގެ މިންވަރު، އަހަރުގެ ވަކި ދުވަސްވަރެއްގައި ކޮންމެވެސް ވަރަކަށް ދަށަށް ދިޔަ އެވެ. ނަމަވެސް މުޅި އަހަރަށް ބަލާއިރު، ވިހަ ގޭސް ބޭރުވި މިންވަރު ދިޔައީ މައްޗަށެވެ.

އަހަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް ކާބަން ޑައިއޮކްސައިޑް އާއި މީތޭން އަދި ނައިޓްރަސް އޮކްސައިޑް އިތުރުވުމުން، ދުނިޔޭގެ ހޫނުމިން މައްޗަށް ދިޔަ އެވެ. އަދި އޭގެ ސަބަބުން، ވިލާތުގެ ބައެއް ސަރަހައްދުތަކަށާއި މެދުއިރުމަތީ އަދި އެމެރިކާގެ ބައްރުގެ ބައެއް ސަރަހައްދުތަކަށް ހޫނު ރޯޅިތައް ކުރިމަތިވި އެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ހާދިސާތައް މިދިޔަ އަހަރު އިތުރުވި އެވެ.

ޑަބްލިޔޫއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ޕެޓެރީ ޓާލަސް ވިދާޅުވި ގޮތުގައި، ޖައްވު ހޫނުކުރާ ގޭސްތައް ބޭރުކުރަމުންދާ މިންވަރަށް ބަލާއިރު، ސިނާއީ އިންގިލާބު ފެށުނުއިރު، ދުނިޔޭގެ ފިނިހޫނުމިން ހުރި މިންވަރަށް ވުރެ، 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ ވެސް، ދުނިޔޭގެ ހޫނުމިން އިތުރުވެގެންދާނެ އެވެ.

ފަރަންސޭސި ވިލާތުގައި 2015 ވަނަ އަހަރު ބޭއްވި މޫސުމާ ބެހޭ ބައްދަލުވުމުގައި ދުނިޔޭގެ ގައުމުތަކުން ނިންމާފައިވަނީ، 1750 ވަނަ އަހަރު ސިނާއީ އިންގިލާބު ފެށުމުގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން ހުރި މިންވަރަށް ވުރެ، 1.5 ޑިގްރީ ސެލްސިއަސް އިތުރުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށެވެ.

ޑަބްލިޔޫއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ޕެޓެރީ ޓާލަސް ވިދާޅުވި ގޮތުގައި މިހާރު ކަންތައް މިދަނީ، 2015ގެ ޕެރިސް އެގްރީމެންޓްގައި ކަނޑައެޅި މަގުން މާ ބޮޑަށް ކަސިޔާރު ވެގެންނެވެ. އެހެންކަމުން، ސިނާއީ މަސައްކަތްތަކާއި ހަކަތަ އުފެއްދުމާއި ދަތުރުފަތުރުގެ ނިޒާމުގެ ކަންތައް އަލުން މުރާޖައާ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ އިން، ދުނިޔޭގެ ހޫނުމިން މަތިވަމުންދާ މިންވަރާ ބެހޭ ގޮތުން މިއިންޒާރު ދިނީ، ސްކޮޓްލޭންޑްގެ ގްލެސްގޯގައި، އޮކްޓޫބަރު 31 ން ނޮވެމްބަރު 12 އަށް ބާއްވަން ހަމަޖެހިފައިވާ، ދުނިޔޭގެ މޫސުމާ ބެހޭ މަހާސިންތާ (ކޮޕް26) އަށް، ދުނިޔޭގެ ގައުމުތަކުން ތައްޔާރުވަމުން އަންނަ ދުވަސްވަރެއްގަ އެވެ.

ދުނިޔޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކާއި ސައެންސްވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ބުނާ ގޮތުގައި، ކޮޕް26 އަކީ، 2015ގެ ޕެރިސް އެގްރީމެންޓްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ. މި މަހާސިންތާގައި 200 ވަރަކަށް ގައުމުން ބައިވެރިވާނެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮމެންޓާ

26 October 2021

ހުރިހާ މީހުން ގޭގަ ތިބި އަހަރުވެސް ރެކޯޑު މިންވަރަށް މައްޗަށް ގޮސްފިއޯ.ހައިރާނެއްނުވާނެ<؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454