ދުނިޔެ / ތުރުކީ

ސަފީރުން ބޭރު ނުކުރުމަށް އުރުދުގާން ނިންމަވައިފި

26 އޮކްޓޯބަރ 2021 - 13:11

ތުރުކީ ވިލާތުގައި ޖަލަށް ލާފައި ހުރި، އިސްލާހަށް މަސައްކަތް ކުރާ ކަމަށް ބުނާ މީހަކު މިނިވަންކުރުމަށް ގޮވާލައި ބަޔާނެއް ނެރުނު ހުޅަނގުގެ 10 ގައުމެއްގެ ސަފީރުން، ތުރުކީ ވިލާތުން ފޮނުވައިލުމަށް ނިންމި ނިންމުން، އެގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން އިއްޔެ އަނބުރާ ގެންދަވައިފި އެވެ.

މިދިޔަ ހަފުތާ ބަންދުގައި އުރުދުގާން ވިދާޅުވެފައިވަނީ، ޖަލުގައި ހުރި އުސްމާން ކަވާލާ މިނިވަން ކުރުމަށް ގޮވާލައި ބަޔާން ނެރުނު 10 ސަފީރުން އެ ގައުމުގައި ބައިތިއްބަން ބޭނުންނުވާ ކަން ރަސްމީކޮށް އިއުލާން ކުރުމަށް، ތުރުކީގެ ހާރިޖީ ވަޒީރަށް އަންގަވާފައިވާނެ ކަމަށެވެ.

ވިޔަފާރިވެރިޔާ އުސްމާން ކަވާލާ ޖަލުގައި ހުންނަތާ މިހާރު ހަތަރު އަހަރު ވެއްޖެ އެވެ. އޭނާ ޖަލުގައި ހައްޔަރުކުރީ، ސަރުކާރާ އިދިކޮޅު މުޒާހަރާތަކަށް ހަރަދުކުރުމުގެ ތުހުމަތުގަޔާއި، އުރުދުގާންގެ ވެރިކަން ވައްޓާލަން 2016 ވަނަ އަހަރު ގެންނަން އުޅުނު ނާކާމިޔާބު ބަގާވާތުގައި ބައިވެރިވުމުގެ ތުހުމަތުގަ އެވެ.

އުސްމާން ކަވާލާ މިނިވަން ކުރުމަށް ގޮވާލައި ބަޔާނެއް ނެރުނީ، އެމެރިކާ، ޖަރުމަން، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފްރާންސް، ނެދަލޭންޑްސް، ނިއު ޒީލޭންޑް، ނޯވޭ އަދި ސްވިޑްންގެ ސަފީރުންނެވެ.

އެ ގައުމުތަކުގެ ސަފީރުން ތުރުކީ ވިލާތުން ބޭރުކުރުމަށް ނިންމި ނިންމުން އަނބުރާ ގެންދެވީ، ބޭރު ގައުމުތަކުގައި ތިއްބަވާ ސަފީރުންނަށް ލިބިގެންވާ އިމްތިޔާޒުތަކާއި ކޮށްގެން ނުވާނެ ކަންކަން ބަޔާންކުރާ އދ.ގެ މުއާހަދާ އަށް އިހުތިރާމްކުރާ ކަމަށް ބުނެ، އެ ގައުމުތަކުން ވަކިވަކިން ބަޔާންތަކެއް ނެރުމާ ގުޅިގެންނެވެ. އެ މުއާހަދާގައި ބުނާ ގޮތުން، އެ ގައުމެއްގެ ދާހިލީ ކަންކަމާ ބެހުމަކީ، އެ ގައުމެއްގައި ތިބޭ ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމޭޓުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

ތުރުކީ ވިލާތުގެ ރަސްމީ ޓީވީ ޗެނަލުން އިއްޔެ ދެއްކި އުރުދުގާންގެ ބަޔާނެއްގައި އޭނާ ވިދާޅުވީ "އަހަރެމެންގެ ގައުމުގައި އެމީހުން އަޅުވާ ބަދުނާމުތަކުން އެމީހުން ފިޔަވަޅެއް ފަހަތަށް އަޅައިފި ކަމަށް މިހާރު އެބަ ފެނޭ" ކަމަށެވެ. އަދި ތުރުކީއާ ބެހޭ ގޮތުން ވާހަކަ ދައްކާ ނަމަ، މިހާރަށް ވުރެ ބޮޑަށް އެ ގައުމުތައް ފަރުވާތެރިވާނެ ކަމަށް ވެސް އުރުދުގާން ވިދާޅުވި އެވެ.

"ތުރުކީ ވިލާތުގެ ޝަރުއީ ނިޒާމަކީ ވަކި ބައެއްގެ ފަރާތުން އަންނަ އަމުރުތަކަށް އަމަލުކުރާ ނިޒާމެއް ނޫން. އަދި އެއީ އެއްވެސް ފަރާތެއްގެ އަމުރުވެރިކަމުގެ ދަށުގައި އޮތް ނިޒާމެއް ވެސް ނޫން. އަހަރެމެންގެ މަގްސަދަކީ އެއްވެސް ގައުމަކާ ދެމެދު މައްސަލަތަކެއް އުފެއްދުމެއް ވެސް ނޫން. އަހަރެމެން މަސައްކަތް ކުރަނީ އަހަރެމެންގެ ގާނޫނުތަކާއި ހުރުމަތާއި މަސްލަހަތުތައް ހިމާޔަތްކޮށް، އަހަރެމެންގެ ސިޔާދަތީ ހައްގުތައް ވެސް ރައްކާތެރިކުރަން،" އުރުދުގާން ދެއްވި ޓީވީ ބަޔާނުގައި ވިދާޅުވި އެވެ.

ތުރުކީ ވިލާތުގެ ކޮމިޔުނިކޭޝަންގެ ޑިރެކްޓަރ ފަޚްރުއްދީން އަލްތޫން ވިދާޅުވީ، ގައުމުގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިއްޖެ ނަމަ، އެ ކަމަށް ވެސް ތުރުކީ ވިލާތުން ފަސް ނުޖެހޭނެ ކަމަށެވެ. އަދި ތުރުކީ ވިލާތާ ދެކޮޅަށް ބަޔާން ނެރުނު ގައުމުތަކުގެ އެމްބަސީތަކަށް، ތުރުކީ ވިލާތުގެ ހާރިޖިއްޔާ އިން އެކަށީގެންވާ ގޮތެއްގައި ރައްދު ދީފައިވާނެ ކަމަށާއި، އެ ގައުމުތަކުގެ ސަފީރުންގެ ފަރާތުން ފެނުނު ބަލައިނުގަނެވޭނެ ސުލޫކު ތަކުރާރު ނުކުރުމަށް އިންޒާރުކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭ ވިއެނާ ކޮންވެންޝަންގެ 41 ވަނަ މާއްދާ އަށް އެމެރިކާ ފުރިހަމަ އަށް އަމަލުކުރާނެ ކަން އަންގަމެވެ،" ތުރުކީގައި ހުންނަ އެމެރިކާ އެމްބަސީން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ. ކެނެޑާ އާއި ނެދަލޭންޑްސް އަދި ނިއު ޒީލޭންޑުން ވެސް ވަނީ މިމޭރުމުން ބަޔާންތަކެއް ނެރެފަ އެވެ. އަދި ނޯވޭ އާއި ސްވިޑްން އަދި ޑެންމާކާއި ފިންލޭންޑުން ވަނީ އެމެރިކާގެ މެސެޖް ރިޓުވީޓް ކޮށްފަ އެވެ.

އެ ގައުމުތަކުން އިއްޔެ ނެރުނު މި ބަޔާންތަކަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454