ދުނިޔެ / އ.ދ.

އދ.ގެ މެންބަރަކަށް ވުމުގެ ހައްގު ތައިވާނަކަށް ނެތް: ޗައިނާ

28 އޮކްޓޯބަރ 2021 - 08:45

1 comments

އދ. މަޖިލީހުގެ މެންބަރަކަށް ވުމަކީ އެއްވެސް ގޮތަކުން ތައިވާނަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ޗައިނާ އިން އަނެއްކާ ވެސް ބުނެފި އެވެ.

އެ ގައުމުން މި މޭރުމުން ތައިވާނަށް މި އިންޒާރު ދިނީ، އދ. މަޖިލީހުގައި މާނަހުރި ގޮތެއްގައި ތައިވާން ބައިވެރިވުމަކީ، ވަރަށް ބޮޑަށް ތާއީދުކުރާ ކަމެއް ކަމަށް އެމެރިކާ އިން ބުނިތާ އެއް ދުވަސް ފަހުންނެވެ. އެމެރިކާ އިން އެކަމަށް ތާއީދުކުރާ ކަން ހާމަކުރީ، ތައިވާނުން އދ. ގެ މެންބަރުކަން ހޯދުމަށް މަސައްކަތް ކުރުމާ ބެހޭ ގޮތުން އެމެރިކާގެ އިސްވެރިންނާ މަޝްވަރާ ކުރުމުންނެވެ.

މީގެ 72 އަހަރު ކުރިން، ތައިވާނަކީ ޗައިނާގެ ވެރިކަމުގެ ދަށުގައި އޮތް ވަކި ޖަޒީރާއެކެވެ. ނަމަވެސް 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، އޭރުގެ ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ހަނގުރާމަވެރިންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ރިޕަބްލިކް އޮފް ޗައިނާގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް، ރެފިއުޖީންގެ ގޮތުގައި ތައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ތައިވާންގައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރި އެވެ.

އދ.ގެ އާންމު މަޖިލީހުގައި ޗައިނާގެ ރައިސް ޝީ ޖިންޕިންގް ވާހަކަ ދައްކަވަނީ.

އެއާއެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށި އެވެ. ނަމަވެސް އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ތައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.

ޗައިނާ އަށް މިއައި ބޮޑު ބަދަލާ ގުޅިގެން، 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ.

އެއިރުން ފެށިގެން ތައިވާނުން މަސައްކަތް ކުރަމުން އަންނަނީ އދ.ގެ މެމްބަރު ގައުމަކަށް ވުމަށެވެ. އެމެރިކާގެ މަދަދާ އެކު އެ މަސައްކަތް ކުރަމުން އަޔަސް، ޗައިނާ އިން ވަނީ ތައިވާނުން މިނިވަންކަން އިއުލާންކޮށްފި ނަމަ، ބާރުގެ ބޭނުންކޮށްގެން ވިޔަސް، ޗައިނާގެ ބާރުގެ ދަށަށް ތައިވާން ގެންނާނެ ކަމަށް އިންޒާރު ކޮށްފަ އެވެ.

އދ.ގެ މެމްބަރުކަން ހޯދުމަށް ތައިވާނުން ކުރާ މަސައްކަތަށް އެމެރިކާ އިން ތާއީދުކުރުމާ ގުޅިގެން، ޗައިނާގައި ހުންނަ ތައިވާންގެ ގުޅުންތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު މާ ޒިއައުގޮންގް ވިދާޅުވީ އެކަން އެ ގޮތަށް ނުކުރެވޭނެ ކަމަށެވެ.

"އދ. މަޖިލީހާ ގުޅުމުގެ އެއްވެސް ހައްގެއް ތައިވާނަކަށް ނެތް. އދ. މަޖިލީހަކީ ސިޔާދަތީ މިނިވަންކަން ލިބިގެންވާ ގައުމުތަކުގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުވާމީ ޖަމާއަތެއް. ތައިވާނަކީ ޗައިނާގެ ބައެއް،" ތަރުޖަމާނު ވިދާޅުވި އެވެ.

އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވީ ބައިނަލްއަގުވާމީ ސްޓޭޖުން ތައިވާން ހަވާސާ ކުރެވިފައި އޮތް އޮތުމާ މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.

"އދ.ގެ ނިޒާމުގެ ތެރޭގައި ތައިވާން ބައިވެރިކުރުމަކީ ސިޔާސީ ކަމެއް ނޫން. އެއީ އަމަލީ ގޮތުން ކުރަންޖެހިފައިވާ ކަމެއް. އދ.ގެ ނިޒާމުގެ ތެރޭގަ އާއި ބައިނަލްއަގުވާމީ މުޖްތަމައުގައި އަމަލީ ގޮތެއްގައި ތައިވާނަށް ބައިވެރިވެވޭނެ ގޮތް ހަދައިދިނުމަށް މިކުރާ މަސައްކަތުގައި ހުރިހާ ގައުމުތަކެއް ބައިވެރިވުމަށް އަހަރެމެން ބާރު އަޅަނީ އެ ސަބަބަށްޓަކައި،" ބްލިންކެންގެ ބަޔާނުގައިވެ އެވެ.

ޗައިނާ އިން މިނިވަންކަން އިއުލާން ކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން، ޗައިނާއިން އަންނަނީ އަސްކަރީ ގޮތުން ބިރުދައްކަމުންނެވެ. އެ ގޮތުން މިދިޔަ އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް، ޗައިނާގެ އަސްކަރީ ވަރަށް ގިނަ މަތިންދާބޯޓުތައް އެކި ދުވަސްމަތިން، ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ވަދެ، ތައިވާނަށް ބިރުދެއްކުމުގެ އަމަލުތައް ހިންގާފައިވެ އެވެ.

މިދިޔަ ހަފުތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވި ގޮތުގައި ޗައިނާ އިން ދީފާނެ އަސްކަރީ ހަމަލާއަކުން ތައިވާން ދިފާއުކުރުމަށް އެމެރިކާ އޮތީ ތައްޔާރަށެވެ. މިއީ، ޗައިނާ އިން ތައިވާނަށް ހަމަލާއެއް ދީފި ހާލަތެއްގައި އެމެރިކާ އިން އަމަލުކުރާނެ ގޮތަކާ މެދު އެތައް އަހަރެއް ވަންދެން އުފެދިފައި އޮތް ސުވާލަށް ލިބުނު ޖަވާބެކެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަހަންގީރު

28 October 2021

ހުދުމީހުން ކުދިކުދި ހަދިޔާދީގެން މާލޭބަޔަކު ލައްވާ ތައިވާނުގައި އޮންނަ ބާގީ ސަރުކާރާއި ރާއްޖެއާއި ގާތްކުރަންވެގެން ކުރީގެ އެންޑީޕީ ސަރުކާރުގަ ހެދިވަޑާމަކީ މާލޭ ސިޓީކައުންސިލުން ޓައިވާނު ބާގީސަރުކާރާއިދެމެދު ސިސްޓާސިޓީ ހެދީ. ދެން ސްޓޭޓް ޕުރޮޕެގެންޑާ ޓީވީއިން އެހަބަރު ދެއްކިއިރު ގިނަމީހުނަކަށް އޭރަކު މާބޮޑަކަށް ގެޓެއްނުވި ގޭސްގަނޑެއްގަ ޖެހިގެން ކުރާކަމެއްކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454