ރިޕޯޓް / ހިޔާ ފްލެޓްތައް

ހެދޭނެ ގޮތެއް ނެތި، ދިރިނޫޅެވި، ކުލި ދައްކާލަދައްކާލަ ތިބެންވީތަ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓެއްގެ ބެލްކަނީގައި ދެމީހަކު މަޑުކޮށްލައިގެން؛ މިތަނުގައި އަދިވެސް ގިނައީ މަސައްކަތް ނުފަށާ ހުރި ފްލެޓްތައް-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މީގެ އެންމެ އަޑި އަށް ފީނާލަމާ ހިނގާށެވެ! ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރިތާ މިހާރު ތިން މަހަށް ވުރެ ގިނަ ދުވަސްވީ އެވެ. އެކަމަކު 6،700 ފްލެޓް ހިމެނޭ ޓަވަރުތައް ބޭރުން ބަލާލާއިރު މާ ބޮޑު ހަރަކާތެއް ނެތެވެ. ދިރިއުޅެން ފަށާފައި ހުރީ ވަރަށް މަދު ފްލެޓެއްގަ އެވެ.

ފްލެޓެއްގެ ފިނިޝިން މަސައްކަތަށް އާންމުކޮށް ނަގަނީ އެއް މަސް، ނުވަތަ ގިނަވެގެން ދޮޅު މަހެއްހާ ދުވަހެވެ. ބައެއް ފްލެޓްތައް އެއަށް ވުރެ އަވަހަށް ވެސް ނިންމަ އެވެ. އެކަމަކު، ކުރިން ހީކުރި ގޮތާ ހިލާފަށް ހަތަރު މަސް ވާއިރު ވެސް އެތާނގައި އެހާ ބޮޑު ދިރުމެއް ނެތީ ކީއްވެގެން ހެއްޔެވެ؟

ޖަވާބަކީ މި އެވެ؛ ފްލެޓް ލިބިފައިވާ އެތައް ބަޔަކު އެތަނުގައި ދިރިއުޅެން ކެތް މަދުވެފައި ތިއްބަސް، އެތާނގައި މަސައްކަތް ފެށޭނެ ގޮތެއް ނެތެވެ. މުދަލެއް ނެތެވެ؛ މުދަލުގެ އަގު އެހާ ބޮޑެވެ. މަސައްކަތް ކުރާނެ މީހުންނެއް ނެތެވެ؛ މަސައްކަތް ކޮށްދޭ އަގު އެހާ ބޮޑެވެ. ފައިސާ އެއް ނެތެވެ؛ ފައިސާ ލިބޭނެ ގޮތެއް ނެތެވެ. އަދި ހަމައެހެންމެ، ފްލެޓްގެ މަސައްކަތް ނިންމިޔަސް، ކައިރީގައި ނުވަތަ ޖެހިގެން ހުރި ފްލެޓްތައް ނުނިންމާތީ [އަޑާއި ހިރަފުހާ ހެދި] ބަދަލުވެވޭކަށް ވެސް ނެތެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތެރެއިން އަދި އެތަނުގައި ދިރިއުޅެން ފެށީ 700 އެއްހާ އާއިލާ އެވެ. ފްލެޓްތައް ހަވާލުކޮށް، އެތަނުގެ ފިނިޝިން ނިންމަން ދިން މުއްދަތު ހަމަވާން ބާކީ ދެން އޮތީ އެންމެ މަސް ދުވަހެވެ. އޭގެ ފަހުން ކުލި ހިނގަން ފަށާނެ އެވެ. ފްލެޓް ލިބުނު މީހުންގެ އެންމެ ބޮޑު ބޮލު ރިހުމަކީ މިއެވެ.

ގިނަ މައްސަލަތަކެއްގެ ތެރޭގައި ތާށިވެފައި!

ފްލެޓްގެ މަސައްކަތް ނުފަށާ ހުރި ބައެއް އާއިލާތަކުން ބުނާ ގޮތުގައި އެ މީހުންނަށް މަސައްކަތް ނުފެށި ހުރީ އަތްމަތިދަތިކަމުން ފްލެޓްގެ މަސައްކަތްކުރާނެ ފައިސާ ނެތިގެންނެވެ. މަސައްކަތް ފެށޭނެ ދުވަހެއް، ލަފާކޮށްލާފައި ވެސް ބުނެދޭކަށް އެ މީހުންނަށް ނޭނގެ އެވެ. އެހެންވެ، އެތަނުގައި ދިރިއުޅެން ފެށުން އޮތީ އިންތިޒާރެއްގެ ތެރޭގަ އެވެ.

ބައެއް އާއިލާތަކުން ފްލެޓަށް ބަދަލުވެ، ފަހަރަކު ބައެއް ނިންމައިގެން ދިރިއުޅެމުން އަންނައިރު އަނެއް ބަޔަކު ފްްލެޓް ނިންމީ ލޯނުތައް ނަގައިގެންނެވެ. އެކަމަކު ލުއި ލޯނުތައް ނަގާފައި ހުރުމުން ބައެއް މީހުންނަށް ހިޔާ ފްލެޓް ނިންމަން ލޯނެއް ވެސް ނުލިބެ އެވެ. ނުވަތަ އެކި ސަބަބުތަކާ ހުރެ ފޯމު ރިޖެކްޓްވެ އެ މީހުން ތިބީ ގޮތް ހުސްވެފަ އެވެ.

އަތުގައި ކިރިޔާ ވެސް ފައިސާކޮޅެއް ހުރި މީހުން އަމިއްލަ އަށް ނުވަތަ ފްލެޓް ނިންމުމުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރަމުން އެބަދެ އެވެ.

އެކި އަގުތަކުގައި އެކި ޕެކޭޖުތައް ހަދައިގެން ފްލެޓްގެ މަސައްކަތްކޮށްދެމުން އަންނަ ރެއިންބޯ އެންޓަޕްރައިޒްގެ ސޭލްސް އެންޑް މާކެޓިން ހެޑް، މުހައްމަދު ޖުމައިލް، "މިހާރު" އަށް ވިދާޅުވި ގޮތުގައި ހިޔާ ފްލެޓް ނިންމަން 800 އެއްހާ އޯޑަރު އެ ކުންފުންޏަށް ލިބިފައިވެ އެވެ. އޭގެ ތެރެއިން ގިނަ އޯޑަރުތަކެއް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

"އަޅުގަނޑުމެން އަންނަ ހަފްތާގައި އަދި މި ފަށަނީ މަސައްކަތް. އެންމެ ފުރަތަމަ އޯޑަރު ލިބުނު ތަންތަނުން ފެށިގެން މަސައްކަތްތައް ނިންމުމަށް އަމާޒު ހިފާނީ. އެކަމަކު ޑިސެމްބަރުގެ ނިޔަލަށް ފަހުން ލިބުނު އޯޑަރުތައް ނުނިމިދާނެ. އެންމެ ކުރިން ލިބުނު އޯޑަރުތައް އެ ތާރީހަށް ނިމޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ޖުމައިލް ވިދާޅުވި އެވެ.

ގިނަ އޯޑަރުތަކެއް ރެއިންބޯ އަށް ލިބިފައިވާއިރު ޖުމައިލް ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ރާއްޖެއިންް ބޭރުން ގެންނަން ޖެހޭ ބައެއް ސާމާނު ގެނައުމުގައި ދިމާވެފައިވާ ދަތިކަމެވެ.

"ކޮންމެވެސް ވަރެއްގެ ޑިލޭއެއް އެބައުޅޭ ބޭރުން މުދާ ގެނައުމުގައި."

އެކަމަކު އަންނަ ހަފްތާގެ ތެރޭގައި ބައެއް މުދާ ލިބޭނެ ކަމަށާއި އެއާ އެކު މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލް ފިނިޝިންގައި ރެއިންބޯ އިން ފްލެޓެއް ނިންމައިދެނީ 190،000ރ. އަށެވެ. އެތަނުގެ އެންމެ ކުޑަ އަގަކީ 85،000ރ. އެވެ.

ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތް ކުރަމުން އަންނަ "ޖިއޯމެޓާ" ގެ ޝެއާހޯލްޑަރެއް ކަމަށްވާ އަލީ ނިހާދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް މިހާތަނަށް 20 އޯޑަރެއް ނަގާފައިވެ އެވެ. ގާތްގަނޑަކަށް މަސް ދުވަހުން ފްލެޓެއްގެ މަސައްކަތް އެ ކުންފުނިން ނިންމަމުން އަންނައިރު ގިނަ އޯޑަރުތަކެއް އެ ކުންފުންޏަށް ވެސް ލިބެމުން އެބަދެ އެވެ. އެކަމަކު ޑިސެމްބަރާ ހަމައަށް ފުލްވެ، މިހާރު އޮތީ އޯޑަރު ނެގުން ވެސް ހުއްޓާލައިފަ އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އެންމެ ފުރަތަމަ ފްލެޓު ހަވާލުކުރިއިރާ އަޅާބަލާއިރު މިހާރު ފްލެޓްގެ މަސައްކަތްތައް ކުރަމުން އަންނަ މީހުންގެ އަދަދު އަންނަނީ ގިނަަވަމުންނެވެ.

އެކި ސަބަބުތަކާ ހުރެ ފްލެޓްގެ މަސައްކަތް އާއިލާތަކަށް ނުފެށި ހުރިއިރު މި ހުރިހާ ފްލެޓެއްގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ވެސް މީހުން އުޅެން ފަށާނެ ކަމަށް އެ މަސައްކަތުގައި އުޅޭ މީހުން ލަފައެއް ނުކުރެ އެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވެސް އެތަނުގެ އެކި ފްލެޓްތައް ނިންމުމަށް މީހުން މަސައްކަތްކުރާނެ ކަމަށް އެ މަސައްކަތުގައި އުޅޭ މީހުން ލަފާކުރެ އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި ބޮޑު ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު އާއިލާތަކުން އެކި ކުންފުނިތަކާއި މަސައްކަތު ގްރޫޕްތަކަށް މަސައްކަތް ދީފައި ވިޔަސް މަސައްކަތްކުރާނެ ބަޔަކު ހޯދަން ވެސް މިހާރު ދައްޗެވެ. އަނެއް ކަމަކީ ބާޒާރުގައި އޮތް މުދަލުގެ ތާށިކަމެވެ. ކޮވިޑާ ހެދި، ބޭރުން މުދާ ގެނައުމުގައި ދަތިިވެފައި އޮތް ދަނޑިވަޅުގައި އެ ފްލެޓްތައް ނިންމުމަށް ތަށިމުއްޓާއި ސިމެންތި ފަދަ ސާމާނަށް އޮތް ޑިމާންޑް ބޮޑުވި އެވެ. އެ ތަކެތީގެ އަގު ވެސް ހުރީ އުފުލިފަ އެވެ. ބޮޑު އަގުގައި މުދާ ގަނެ، އެހާ ބޮޑު އަގެއްގައި ބަޔަކާ ހަވާލުކޮށްގެން އެތަން ހެދުމަށް ބައެެއް އާއިލާތައް ނުކުޅެދިފައިވާތީ އެކި ޖަމިއްޔާތައް ގުޅިގެން އެމީހުންނަށް އެހީވުމަށް ފަންޑު ހޯދަމުން ވެސް އެބަދެ އެވެ.

އެކަމަކު، މިއިން ކޮންމެ ފްލެޓެއްގެ މަސައްކަތަށް 150،000ރ. ހަރަދުވާނެ ކަމަށް ބެލެވޭއިރު މިގޮތަށް ލިބޭ ފަންޑުން ވެސް މާ ގިނަ ފްލެޓްތަކެއް ނިންމޭނެ ކަމަށް ނުބެލެވެ އެވެ. އެހެންކަމުން، މިހާރު އުފެދޭ ސުވާލަކީ މިތަންތަން ނިންމަން އަދި ކިހާ މުއްދަތެއް ނަގާނެތޯ އެވެ.

އަނެއްކާ ވެސް ކުލީގެ ވާހަކަ

ފްލެޓްގެ މަސައްކަތް އެއްކޮށްް ނުނިންމާ ހަވާލުކުރި މި މަޝްރޫއުން ފްލެޓު ލިބުނު މީހުންގެ އެދުމަކީ އެ މީހުންގެ ފްލެޓްގެ މަސައްކަތްތައް އެކީ ނުނިމެނީސް އެތަންތަނުން ކުލި ނުނެގުމެވެ. މަހު ކުއްޔަށް 7،000 އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ދައްކަން ޖެހޭއިރު މިއީ ސޯޝަަލް ހައުސިން ސްކީމެއްގައި މިހާ ބޮޑު ކުއްޔެއް ނަގައި ފުރަތަމަ ފްލެޓްތައް ވެސް މެ އެވެ.

"އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ އެއްވެސް ގޮތެއް ނެތް. ގޮތްތައް ފަހިވެފައި އޮވެ، މިކަން ނުކޮށް ތިބޭ ނަމަ ކުލި ނެގިޔަސް މައްސަލައެއް ނެތް. އެކަމަކު މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ވެސް އުޅެއުޅެ ނުވެއް ވޭ. ޑިމާންޑް އޮތްވަރުން ކުޑަ އަގެއް ކިޔަނީއެއް ނޫން،" ފްލެޓް ލިބުނު މީހަކު ބުންޏެވެ.

ފްލެޓްގެ ކުލި ކުޑަކޮށްދިނުމަށް އެދެމުން އައި ނަމަވެސް އެކަން ކުރެވެން ނެތީ ފްލެޓް ހެދުމަށް ބޮޑު އަގުގައި ބަޔަކާ ހަވާލުކޮށްފައި އޮތުމުން ކަމަށް ސަރުކާރުން ބުނެ އެވެ. ފްލެޓްތަކުން ކުލި ނެގުން އަހަރު ދުވަސް ފަސްކޮށްދިނުމަށް ވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގައި ފްލެޓް ލިބުނު މީހުން އާދޭސް ކުރަމުން އެބަދެ އެވެ. އެކަމަކު ފްލެޓް އަޅަން ހަވާލުކުރުމުގައި ވެސް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވެސް ހާމަވެފައި ވާތީ، ކުލި ކުޑަކުރުން ފަދަ ކަމުން އަނެއްކާ އިތުރަށް ގެއްލުންވާނެތީ ކުއްޔަށް ދެން ލުޔެއް ލިބޭނެ ކަމުގެ އުންމީދެއް ވެސް ނެތެވެ.

މި ފްލެޓްތަކަށް މި ސަރުކާރުން އަގު ކަނޑައަޅާފައިވާ ގޮތް ބަލަން އެޗްޑީސީން އެދިގެން ކުރި އޮޑިޓަކަށް ފަހު އާއްމުކުރި ރިޕޯޓުގައިވާ ގޮތުން، 2018 ވަނަަ އަހަރު ކަނޑައަޅާފައިވާ ގޮތަށް ފްލެޓަކަށް މަހަކު 6،600ރ. ދައްކާ ގޮތަށް ހަމަޖައްސައިފި ނަމަ ކޮންމެ ޔުނިޓަކުން 1.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ގެއްލުންވާނެ އެވެ. މަހަކު އެ އަދަދަށް ފައިސާ ދައްކާ ގޮތަށް 25 އަހަރަށް ދޫކޮށްފި ނަމަ އެޗްޑީސީގެ ނެޓް ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9.2 ބިލިއަން ޑެފިސިޓް ވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވެ އެވެ.

ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ގޮތަށްް ދޫކުރުމުން ވެސް ނެޓް ކޭޝްފްލޯ ޑެފިސިޓްވާނެ ކަމަށް އޭގައިވެ އެވެ. މިހާރުގެ އަގުން ނެޓް ކޭޝްފްލޯގެ ގޮތުގައި 138.6 މިލިއަން ރުފިޔާ ޑެފިސިޓްވާނެ އެވެ. އެހެންވެ، ފްލެޓް ލިބުނު މީހުން އެތައް އާދޭހެއް ކުރި ނަމަވެސް ފްލެޓްގެ އަގަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވެ އެވެ.

އެކަމަކު ފައިސާ ނެތިގެން ފްލެޓްގެ މަސައްކަތް ނުނިންމި ތިއްބާ އެތަންތަނުން މަހު ކުލި ނަގަން ފަށައިފި ނަމަ، އެކަން ވެގެންދާތީ ފްލެޓު ލިބުނު މީހުން އިތުރު ބުރައަކާއި ތަކުލީފެއް އުފުލަން ޖެހޭނީ އިތުރު ތަަކުލީފަކަށް ކަމަށް ވެސް ފްލެޓް ލިބުނު މީހުން ބުނެ އެވެ.

86 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 44%
icon angry icon angry 50%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުމަރުބެ

02 November 2021

ތި ހުރިހާ ކަމަކަށްވުރެ ބޮޑުވާނެ މައްސަލަޔަކީ ތިތަން ހެދުނު ދުވަހަކުން ހަދައިގެންވެސް އެތާ ދިރިއުޅުން. 25 ބުރީގެ ތި ޓަވަރުތަކުގަ ކޮންމެ ފްލޯރ އެއްގަ 20 ފްލެޓް ހުންނައިރު އެތަންތަނުގަ ދިރިއުޅޭ މީހުންނަށް ދިމާވާނެ ބައިވަރު މައްސަލަތައް އެބަހުރި. މިކަންކަން ފާހަގަކުރެވޭނީ އެތާ ދިރިއުޅެން ފެށީމަ... ބިންއޮވެ، ތިވަރުގެ އުސް ޓަވަރުތަކެއް އެޅުން އެއީ ވަރަށްބޮޑު ގޯހެއް. އާޚިރުގަ ތިތަންތާ އުޅޭނީ މަދުބައެއް.

The name is already taken The name is available. Register?

ނާނުމާމަ

02 November 2021

ހަމަ އެކަނި ހިޔާ ފްލެޓެއް ނޫން. އަމިއްލަ ފަރާތްތަކުން ހަދަމުން ގެންދާ އަގުބޮޑެތި ފްލެޓްތަކަށް ރައްޔިތު މީހާ ބޮޑު ލޯނެއް ނަގައިގެން ތަނުގެ އަފު އަދާ ކޮށްފައި، ލޯން ދައްލާލަ ދައްކާލަ، އަދި އުޅޭ ތަނުގެ ރެންޓްވެސް ދައްކާލަ ދައްކާލަ، ލާރިކޮޅު ހިފައިގެން ބޮޑުންތައް ދުނިޔޭގައި ވަށާ ބުރުޖެހުމުގައި. މިއީވެސް ކިހާ ބޮޑު އަނިޔާއެއްތޯ. މިކަމާބެހޭ ގޮތުންވެސް މިހާރު ނޫހުން އާޓިކަލެއް ލިޔުން ވަރަށް މުހއިްމު ކަމަށް ދެކެން.

The name is already taken The name is available. Register?

ދޯރި

01 November 2021

ފުލެޓަށް ދިރިއުޅުން ބަދަލު ކުރަމުންދާ ވަރަކުން ޖަނަވަރީއިން ފެށިގެން ކުލިނެގުން ރަގަޅެވެ. ދެން އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖޫން ޖުލައިގައި ދިރިއުޅުން ބަދަލު ނުކުރިއަސް ކުލި ނަގަން ފެށިދާނެއެވެ. އެހިސާބަށްވާއިރު މާލީ ތަނަވަސްކަމެއް ނެތިގެން ތަން ނުހެދި ހުރި މީހަކަށް ދައުލަތުން މާލީ އެހީތެރިކަން ފޯރު ކޮށްދެވިދާނެއެވެ. މިހާރު ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ތަކެއްޗާ މީހުން ނެތުމެވެ. އަގުތަން އިންތިހާއަށް ބޮޑުވުމެވެ.

The name is already taken The name is available. Register?

ޢަރުތަ

01 November 2021

ކައްޗަށްއެޅި ބިންގާ ކެއްޗާ ހަމަޔަށް ނެގިޔަސް ދެން އެތެދުވާނެ ގޮތެއް ނޯންނާނެ، ފުރަތަމަ ފެށުން ގޯސްވީމަ މިހުރިހާ ކަމެއް ޖެހިގެން މިއުޅެނީ، ހިޔާ ފްލެޓްގެ ޕްރްޖެކްޓް ހަވާލުކުރީ ފްލެޓް ތަކުގެ ފިނިޝިން ނުހަދާ ގޮތަށް، ދެން އެތަންތަން ރައްޔިތު މީހާއަށް ދިނީމަ މިހުރިހާ ކަމެއް ދިމާވެގެން މިއުޅެނީ، އެހެން ވެގެން އެބުނަނީ ފެށުން ރަނގަޅު ކުރާށޭ، މިހާރު ކިހާ ރީތިވެއްޖެ.............

The name is already taken The name is available. Register?

ޙގފޖ

02 November 2021

ފިނިޝިން އަމިއްލައަށް ހަދާގޮތަށްއޮތް އިރު އެތަންތަންދިނީ އެތަން އަމިއްލައަށްނުހެދޭވަރުމީހުނަށް. އެފަދަގިނަ މީހުންނަކީ އާއިލާގެ ކޮންމެވެސްބަޔަކާ ހިއްސާވެގެން މާލޭގަކުއްޔަށްއުޅުނު މީހުން. ނޫނީ ރަށްރަށުގަކުއްޔާނުލާ އުޅުނުމީހުން. ޔާމިންވެރިކަމުގަ ތިތަންތަންދިނީ ބޭންކްސްޓޭޓްމަންޓަށް ބަލާފަ ތަން އަމިއްލައަށް ފިނިޝިން ހަފައިގެން ސަރުކާރަށް މަހުން މަހަށް ފައިސާދެއްކޭނެ މީހުނަށް. މިސަރުކާރުން ފްލެޓްދިނީ ފްލެޓަކީހިލޭއުޅެވޭތަނެއްކަމަށް އާމުދަނީނުލިބޭމީހުނަ

The name is already taken The name is available. Register?

އެޑްމުންޑޯ

01 November 2021

ސަންގުބެ އެބުނީ ތެދެއް ، ފްލެޓްލިބުނު ވަރަށް ގިނަބަޔަކު އަމިއްލަރަށުގައި އުފސލުގައި އެބައުޅޭ ، ދަތިކޮއްނޫން އުޅެނީ

The name is already taken The name is available. Register?

އައިޝ

01 November 2021

އަ ހަންނަކަށް ވެސް ތަންޙެދޭނެ ގޮތެއްނެތް. ކުޑަ ކުޑަ ބޭބީ އަކާއި ކުޑަ ދެކުދިން ގޮވައިގެން ގޮސް އުޅެވޭނެ އެއްވެސް ގޮތެއްނެތް. ފަންކާއެއް ބޮތްކެއް ލިބޭކަށް ނެތް. އުޅޭ ތަނުން ޑިސެމްބަރުގެ ނިޔަލަށް ނިކުންނަންވެސް ޖެ ހޭ. ގޮސް އުޅެންޖެހެނީ ކަނިއަނދިރީގައި ފަންކާއެްް ބޮތްކެއް ދޮރެއްނެތި. އަޑުއިވޭގޮތުން މަދިރީގެ އުދަގޫވެަްސް އެހާބޮޑު. އެހެންވީމަ ކުރިއަށް އޮތީ ޑެންގީ ބަލި ފެށުން. ވޯޓް ހޯދަންވީމަ ރައްޔިތުން އުޅޭ ހާލު ފެންނާނެ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

01 November 2021

ކޮންބޭކާރު ވާހަކައެއްދައްކާކަށް! ކަލޭމެން ރަށުގައި ތިބެފައި އައިސް ތިޔަ ފުލެޓްހޯދީ! އަހަރުމެން މާލޭ ރަޢީސް ޔާމީނުވަނީ ހަކުޅި ކުރިއަށް ކުޅެފަ! މިސަރަހައްދު ތަރައްޤީކުރެވޭނީ މީހުން އައިސްގެން! މިހާރު ތިޔައޮތީ އެމަޅީގަ ރަގަޅަށް ޖައްސާފަ! ދެންޖެހޭނީ މަހަކު 8500ރ ދައްކަމުން ލިބޭހާ ހުރިހާފައިސާއެއް މާލެ/ހުޅުމާލެއަށް ޚަރަދުކުރަން! އަހަރުމެން މާލޭމީހުން ބިންހުރި މީހުންނަށް ހުރިހާފައިދާއެއް!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

01 November 2021

ކޮންދުވަހަކުންތޯ "އެއްރަށްދައުލަތް ސިޔާސަތު" ދޫކޮށް މުޅިރާއްޖޭގެ ކުރިއެރުމަށް ސަރުކާރުން ކަންކަން ކުރާން ފައްޓާނީ. #

The name is already taken The name is available. Register?

މަގޭނަމަކީ

01 November 2021

ރާއްޖޭގެ ކޮންމެ ރަށެއްގައި ހޮސްޕިޓަލާއި، އެއާޕޯރޓް އެޅުމުގެ ވައުދުވުން ދޫކޮއްލަން ވެއްޖެ. 1000 މީހުން ނޫޅޭ ރަށެއްގެ ރައްޔިތުންގެ ވޯޓު ހޯދަން ސިޔާސީ މީހުން މި ވައުދުވަނީ އެއަރޕޯރޓާއި، ހޮސްޕިޓަލާއި، ސްކޫލް އަޅައިދޭން. ދެން އަނެއް ދުވަހު ވާރޭ ކޮޅެއް ވެހިލާއިރަށް މިއޮންނަނީ މުޅި ރަށުތެރެ ފެންބޮޑުވެފަ. ބޭކާރު ކަންތައް. މުޅި ރާއްޖެ އެސްފަސްކޮށް، އެތަނަކުން އެންމެންނަށް ބޯހިޔާވެހިކަމާއި، އެހެނިހެން ޚިދުމަތްތައް ދޭންވީ.

The name is already taken The name is available. Register?

ސަންގުބެ

01 November 2021

ހިޔާ ފްލެޓް ލިބުނު މީހުންގެ އެކަނިތަ ހައްޤުތައް އޮތީ ...ޕްލެޓެއް ނުލިބި މުޅި އުމުރު މާލޭގައި ކުލި ދައްކަ ދައްކަ ތިބި މީހުންގެ ހައްޤު ތައް ކޮބާ؟ ތިފުލެޓް ލިބިފައި ތިބި ގިނަ މީހުން މިހާރުވެސް އުޅެނީ އަމިއްލަ ރަށުގައި އަމިއްލަ ގެދޮރުގައި ....ކުއްޔަށް ދޭށާއި އެކަހަލަ ބޭނުންތަކަށް ކުލި ކުޑަ ނުވެގެން އެ އުލެނީ ...ކުލި ހަމަ ރަނގަޅު ކުޑަ ނުކުރާތި

The name is already taken The name is available. Register?

ޢައިޝ

01 November 2021

އަހަރެންވެސް ކުޑައިރުއްސުރެން މިއު ރަށުގައި ގޯއްޗެއް ނެތް. ފްލެޓަށް ކުރިމަތިލާ ކޮންމެފަހަރަކު ފޯމަށް ވާނުވާވެސް ނޭގޭ. މިހާރު ކުޑަ 3 ކުދިން ގޮވައިގެން ކުޑަ ތަންކޮޅެއްގައި މިއުޅެނީ. އެންމެ ފަހުން ހިޔާ ފްލެޓް މިލިބުނީ. އެކަމަކު ތަންހެދޭނެ ތަނަވަސް ކަމެްްނެތް. ކުލި އަހަރެމެންނަށް ބޮޑު. އެްްކޮށް ހަދާ ނިންމާފައި ހުރި 3 ކޮޓަރި ތަންތަން 7000 އަށް ދިނީމަ އިންސާފެއްނޫން. ރަށުގައި އަމިއްލަ ގޯތި އޮތްމީހުންނަށް ތަންތަން ދިނުމަކީ އެޗްޑީސީ މައްސަލައެއް.

The name is already taken The name is available. Register?

ކޮތަރެއް.

01 November 2021

ތެދު ވާހަކައެއް. މަ ފަކީރު މިހިރީ ތިހާލު ޖެހިފަ. ފްލެޓްގަނޑު ހެދޭނޭ ހަމަ ޢެއްގޮތެއްވެސް ނެތް. ލޯން އެއްގަ މީގެ އެތައް އަހަރެއް ކުރިން ބައިވެރި ވެފަ އޮތީމަޔޯ. ލޯނުވެސް ދެނީ 20000 ރފ މުސާރާ ލިބެންޏާ. މަގޭ މުސާރަ އަކީ 10000. މި ސަބަބާއި ހެދި 4 ފަހަރު މަތިން ލައިގެނވެސް ރިޖެކްޓް. މިހާރު މިވިސްނަނީ ސަރުކާރުގެ އެކްޓިވިސްޓަކަށް ވާން. އެެެއިރުން ނުވާނެ އެއްކަމެއްވެސް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454