މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ފަތުރުވެރިކަމުގެ ބަދަލުގައި އާގުބޯޓުފަރަހަށް ރާއްޖޭގައި ހިދުމަތްދެވެން ޖެހޭ ކަަމަށް -- ފޮޓޯ: މަޖިލިސް
01 ނޮވެމްބަރ 2021 - 11:55
ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް އެކަނި ބިނާވުން ހުއްޓުވުމަށް، އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ހިދުމަތްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
އެ ގަރާރު ހުށަހަޅުއްވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެކަމަކަށް ބިނާވެފައި އޮތް ޓޫރިޒަމް ހުއްޓި، އާމްދަނީ ލިބެން އޮތް ދޮރުތައް ބަންދުވުމުން ރާއްޖޭގެ އިގްތިސާދީ ރޭވުންތެރިކަން އާ ވިސްނުންތަކަކަށް ބައްޓަންކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށެވެ.
ޓޫރިޒަމަކީ ދުނިޔެ އަށް އަންނަ ކިތަންމެ ކުޑަ ލޮޅުމަކުން ވެސް އޭގެ ނޭދެވޭ އަސަރު، ހާއްސަކޮށް ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ކަމެއް ކަމުން، އެ ސިނާއަތަށް އެކަނި ބަރޯސާވެގެން އޮތުމަކީ ގައުމެއްގެ ގޮތުގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަކީ ދުނިޔޭގެ ހުޅަނގާއި މެދުން މުދާ ހިފައިގެން ދަތުރުކުރާ އާގުބޯޓުފަހަރު ނުވަތަ، އިނޮސެންޓް ޕަސެޖްގެ މަގު އޮތް ގައުމަކަށް ވެފައި، ހާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް އަށް ޑިގްރީ ޗެނަލް އަކީ އާގުބޯޓުފަހަރު ރާއްޖެ ހުރަސްކޮށް ދަތުރުކުރާ މަޝްހޫރު މަގަކަށް ވަނީ ވެފަ އެވެ. އެކަމުން ރާއްޖެ އަށް ހޯދެން އޮތް ނަފާ ހޯދައި ލިބިގަތުމަކީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ އަށް ވެސް އަމާޒު ހިފިދާނެ އާ ސިނާއަތެއް ކަމަށް ސަލީމް ވިދާޅުވި އެވެ.
"ރާއްޖޭގެ ކައިރިން ދަތުރުކުރާ އާގުބޯޓުފަހަރުގެ އަދަދު ކޮންމެ އަހަރަކު ހާހުން ހާހުން ގުނައިލެވޭއިރު، އަދި އެ ބޯޓުފަހަރުން ގެންދެވޭ މުދަލުގެ އަގު ބިލިއަނުން ބިލިއަނުން ހިސާބުކުރެވޭ އިރު އެ ސިނާއަތުގެ މަންފާ ހޯދާކަށް ޓްރާންސިޓް ޝިޕްމަންޓް ޕޯޓެއް ނުވަތަ އިންޓަނޭޝަނަލް ޕޯޓް އޮފް ކޯލް ފަދަ ވަސީލަތެއް މިދިޔަ ދިގު މާޒީގައި ރާއްޖޭގައި ގާއިމުކުރެވިފައެއް ނެތް،" ސަލީމް ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާއެއް ތެރެއިން: އީސީ އާއި އައިކޮމްއަށް އައްޔަން ކުރާ ނަންތައް މިއަދު ވަނީ ފޮނުވާފައި-- ފޮޓޯ/މަޖިލިސް
އަވަށްޓެރި ގައުމުތަކުގައި އެކި ފެންވަރުގައި ޓްރާންޝިޕްމަންޓް ބަނދަރުތައް ތަރައްގީކުރަމުންދިއުމުގެ ސަބަބުން އެގައުމުތަކުގެ އިގްތިސާދު ކުރިއަރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެެ. އިންޑިއާ އާއި ބަންގުލަދޭޝް ފަދަ ގައުމުތަކަށް ވުރެ ބޮޑަށް އެ ސިނާއަތުން މަންފާ ހޯދަން އެންމެ ފަހި ޕޮޒިޝަންގައި އޮތް ގައުމަކީ ރާއްޖެ ކަމަށް ސަލީމް ވިދާޅުވި އެވެ.
އިންޑިއާ ކަނޑުގައި ދަތުރުކުރާ އާގުބޯޓުފަހަރު އަތްފޯރާ ފަށުގައި ރާއްޖެ އޮތުމުން، އެ ބޯޓުފަހަރަށް އެކިކަހަލަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ވަސީލަތެއް ރާއްޖޭގައި ގާއިމުކުރުމުގެ މަޝްރޫއެއް ސަރުކާރުން ކުރިން ވެސް އިއުލާނުކުރި ނަމަވެސް އެކަމުގައި އަމަލީ ސިފައެއް ޖެހިގެން ނުދިޔަ ކަމަށް ސަލީމް ވިދާޅުވި އެވެ.
"ބޯޓުފަހަރު މަޑުކުރެވޭ ކޮންޓެއިނަރުތައް ބާލައި ގުދަންކުރުމާއި ބޯޓުފަހަރު ޑޮކް ކުރުމުގަ ހުރިހާ ކަމެއް ނުކުރިޔަސް އިހަވަންދިއްޕޮޅަކީ ފަޅުވެރިން ބަދަލުކުރެވޭ ޕޮއިންޓަކަށް ހެދިދާނެ. ބޯޓުފަހަރަށް ތެލާއި އެނޫން ވެސް ސަޕްލައިކޮށް ލޯޑުކުރެވޭ ޕޮއިންޓަކަށް ވެސް ހެދިދާނެ،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަޅުވެރިން ބަދަލުކުރުމާއި، ސަޕްލައި ލޯޑުކުރުމާއި، ސެކިއުރިޓީ ހިދުމަތާއި ބަންކަރިން ޕޮއިންޓަކަށް އިހަވަންދިއްޕޮޅު ހަދައިފި ނަމަ އެކަމުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ފައިދާވާނެ އެވެ.
"މިކަމަށް ބިލިއަން ޑޮލަރުގެ ބަނދަރަކާއި ބޮޑެތި ކެރޭނާއި ތެޔޮ ތާނގި އަދި ގުދަން ބޭނުމެއް ނުވޭ،" ސަލީމް ވިދާޅުވި އެވެ.
އެކަމަކީ މާބޮޑު އިންވަސްޓްމަންޓެއް ނުކޮށް މިލިއަނުން ފައިސާ ލިބޭ ކަމަކަށް ހެދިދާނެ ކަމަށާއި، އޭގެ ސަބަބުން ވަޒީފާތައް ވެސް ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސިް
07 November 2021
ފައިދާ ނަންޏާ ޕްރައިވެޓް އިންވެސްޓަރުން އަންނާނެ
ކޮވިޑި
01 November 2021
ނުވަތަ އައިހެވަން މަޝްރޫއު، އެހެންނޫންތޯ؟
މުޑަހަންޖާ
01 November 2021
ހެހެ، އެކޮއެ އައިހެވަން މަޝްރޫއު އެހިންގަނީ ކ އަތޮޅު ގުޅިފަޅުގަ. ކަލޭމެންވެސް ރަށު ބަނދަރުގެ އެއްގަމުތޮށީގެ ވާހަކައާއި ނެރުބައްތީގެ ވާހަކަ ދައްކާފަ މާލޭމީހުންހަދާ 500 މިލިއަން ޑޮލަރުގެ ބުރިޖާއި ބޮޑެތި ޓަވަރުތައް ލަސްވާތީ އެވާހަކަ ތިތާނގަ ގިނައިން ދައްކަބަލަ.
އަސްލުހާލަތު21
02 November 2021
ވިޔަފާރި ބަނދަރަކާ ޓަރާންސްޝިޕްމަންޓް ބަނދަރާ އެއީ ވަރަށް ތަފާތު ދެ އެއްޗެއް.އެ ވަރު ނުދަންނަ މީހުން އަނގަ ނުތެޅިއްޔާ ރަނގަޅުވާނި. ޓްރާންސްޝިޕްމަންޓް ބަނދަރަކީ ކޮންމެ ކޮންމެ ތަނެއްގަ އެޅޭ އެއްޗެއް ނޫން ރާއްޖޭގަ އޮތީ 2 ލޮކޭޝަނެއް އެއިން އެންމެ ފީސިބަލް ތަނަކީ އިހަވަންދިއްޕޮޅު ހިމެނޭ 8 ޑިގްރީ ޗެނަލް.އެކަމު އިންޑިޔާގެ ފިއްތުމާހެދި އެއްވެސް ސަރުކާރަކަށް އެކަން ނުވަނީ ސަބަބަކީ އިންޑިޔާ ވެއްޓި ރާއްޖޭގެ އިކޮނޮމީ އަތްނުފޯރާފަށަށް އުފުލިދާނެކަމުގެ ބިރު
ރަދީފްއޮފިޝިއަލް
01 November 2021
ބަޖެޓުގަ މި މަޝްރޫއުގެ އަލިފްވެސް ނެތް.ދާއިރާގެ ރައްޔަތުން ހައްލާލަން ވެގެން މީނަ ވައްޓާލި ގަރާރެއް.ހެހެހެހެހެ
ބޮޑުބޭބެ21
01 November 2021
ތިކަން ރައީސްޔާމީނަށް ވެސް އަދި އެއްވެސް ބަޔަކަށް ނުވެ އިތީ އިންވެސްޓަރުން ނެތިގެންނެއް ނޫނީ ދިރާސާޔާ ކުރެހުން ނެތިގެންނެއް ނޫން.. އަވައްޓެރި އިންޑިޔާގެ ދުއްޕާނާ ފުރައްސާރަޔާހެދި... 8 ޑިގްރީ ޗެނަލަކީ އެމީހުންގެ ތަރިކަމުދަދަލެއްކަމަށް އެމީހުން ހިތަނީ.. އެއީ ތިޔަ ބުނާ ހިތްހެޔޮ މިތުރު ބޮޑު ބޭބެހެ ހެޔޮފުޅުކަން.. އެ ބޮޑުބޭ އޮއްވާ އެއްވެސް ސަރުކާރަކަށް ތިކަމެއް ނުވާނެ
ނިކް
01 November 2021
އިންތިހާބެއް ކައިރިވީބާ؟؟ ތިޔަ ކޮންމެ އިންތިޚާބަކާ ދިމާކޮށް ހުރިހާ ސަރުކާރަކުން އުތުރުގެ ރައްޔިތުންނަށް ދައްކާ ދަޅައެއް
ކައްޓަލަ
01 November 2021
އިންޑިއާއިން އެތައްސަތޭކަ މިލިއަން ޑޮލަރަކަށް ޓުރިވެންޑުރަމުގަ ވިޒުހިންޖާން ޕޯޓު އެހަދަނީ ތިބޭނުމަށް. އެހެންވީމަ ރާއްޖޭގަ ތިކަންކުރާކަށް މިހާރަކު ޖާގައެއްނެތް.
ނަން.
01 November 2021
ލަންކާގެ ޕޯޓް ސިޓީވެސް. ސިންގަޕޫރާ ދުބާއީގެވެސް މުއްސަނދިކަމާ ޒަމާނުއްސުރެ އެންމެ ބޮޑަށް ގުޅިފައިވަނީ ދުނިޔޭގެ މުހިންމު ޓްރޭޑް ރޫޓްތަކުގެ މެދުގަ އެމީހުން ތިބި ލޮކޭޝަން. ރާއްޖެވެސް އޮތީ ފުދޭވަރަކަށް ބޮޑަށް އެކަހަލަ ތަނެއްގަ. އީސްޓް އޭޝިޔާއިން އެފްރިކާއަށް ދާ މަގު. އިންޑިޔާއާ އެހާކައިރި. ފައިދާ ނަގަން އެނގޭ ވެރިޔަކަށް އެކަން ކުރެވޭނެ.
އިކޮނޮމިކް ޑައިވާސިފިކޭޝަން
01 November 2021
ތިޔަ ވިދާޅުވާ "އިކޮނޮމިކް ޑައިވާސިފިކޭޝަން" ޕްލޭންއެއް ރާއްޖޭގައި ހަދާފައި އޮންނަތާ ކިތަންމެ ދުވެހެހއް. ތިބުނާ ޓްރާންޝިޕްމެންޓް ބަނދަރުވާހަކަ އެބައޮތް. މަޖިލީހުނުް މިކަމަށް ޤާނޫނުހަދަިއ މަގުފަހި ކޮށްދޭންވީ. ކޮން ގަރާރަކާއި ބޭ ޤަރާރު ހުށައަޅާކަށް
ދޮންބެއަލީ
01 November 2021
އާގު ބޯޓް ވަދެވޭ ޤުދުރަތީ ބަދަރު އޮތީ ހއ ފިއްލަދޫ އާއި ގުޅިފައިވާ ދައްޕަރުގައި..ނުޖެހޭ ބިން ހިއްކާކަށް..ހަނިމާދޫއަށް 20 މިނިޓް ދެވޭ..
ހިތަދު 2
01 November 2021
މެމްބަރުގެ ރަށުގަ ބޮޑު ހަރަދުކޮށް ތަރައްގީ ކުރީމަ ވޯޓް ލިބޭނީ!
ނައިމާ
01 November 2021
އެކަމަށް 17 ކިލޯ މީޓަރުގެ ފަޅުގެ ސަރަހަށްދެއް ބޭނުންވޭ ސެކިއުރިޓީ ޒޯނާއެކު.. ފިއްލަދޫ ފަޅުގަ އެވަރެއް ނެތް.. 1990 އިން ފެށިގެން ކުރި ދިރާސާތަކުން ފެންނަން އޮތް އެންމެ ރަނގަޅު ސަރަހަށްދަކީ އިހަވަންދިއްޕޮޅު އެއީ 26 ކިލޯ މީޓަރުގެ ތިލަ ފަޅަކާއި 8 ޑިގްރީ ޗެނަލުގެ އަނގަމަތިން އޮތް ތަން.. އެކަމު އިންޑިއާގެ ހުރަސްއެޅުމާހެދި ރާއްޖޭގެ އެއްވެސް ތާކު އެކަމެއް ނުވާނެ..
އައްބެ
01 November 2021
ތިކަން ނުވެއޮތީ އަވައްޓެރި ބޮޑުބޭބެގެ ރުހުން ނުލިބޭތީ. ކުރީގެ ސަރުކާރުތަކަށްވެސް އެކަން ނުކުރެވުނީ ބޮޑުބޭބެގެ ފިއްތުންތަކާއިހެދި. ރާއްޖޭގައި ޓްރާންޝިޕްމަންޓް ޕޯޓެއް ހެދިއްޖެނަމަ އޭގެ ގެއްލުން އެންމެ ބޮޑަށް ކުރާނީ އަވައްޓެރި ލަންކާއާއި އިންޑިޔާއަށް. މިހެންވެ ތިކަންވިޔަކަ މިދެޤައުމުން ނުދޭނެ. ޗައިނާގެ ބޯޑު އިންވެސްޓްމެންޓެއްކޮށް ލަންކާގައި ބަނދަރެއްހަދައިފި. މިހެންވުމުން ޗައިނާގެ ފަންޑިންގ އެއް ތިކަމަކަށް ނުލިބޭނެ.