ރައްޔިތުންގެ މަޖިލިހުގެ އިސްނެގުމަށް ބައެއް ކަންކަމަށް ގެންނަމުންދާ ބަދަލުތަކަކީ "މަގުބޫލު ނޫން" ދަތި އުނދަގޫ ބަދަލުތަކެއް ކަމަށާއި ނަމަވެސް އެ ބަދަލުތަކުގެ ސަބަބުން މުޖުތަމައު އިސްލާހުވެ، ކުރިމަގުގައި އޮތީ އުފާވެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުވާ ކުޅުމަކީ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ހިތަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ނާޒިމް ވިދާޅުވީ "ޖެންޒީ" ޖީލުގެ ގިނަ ބަޔަކު ވަނީ އޮންލައިންކޮށް، ޖުވާކުޅުމުގައި ޖެހިފައި ކަމަށެވެ.

އެހެންވީމާ އެކަން މަނާކުރުމަކީ މަގުބޫލު ކަމެެއް ނޫން ކަމަށާ އަދި އެއީ ފަސޭހަ ކަމެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ޖުވާކުޅުން ހުއްޓުވުމަކީ އުނދަގޫ ކަމަކަށްވީ މިއީ އިންޓަނެޓާއި ސޯޝަލް މީޑިއާގެ ޒަމާން ކަމަށް ވާތީ އެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ މަސަައްކަތުން މި ގެނެވޭ، މަގުބޫލުނޫން ދަތި އުނދަގޫ ބަދަލުތަކުގެ ސަބަބުން މުޖުތަމައު އިސްލާހުވަމުންދާ ތަން، ރަނގަޅުވަމުން ދާ ތަން އަޅުގަނޑުމެންނަށް އެބަ ފެނޭ،" ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުން ނިންމާ ނިންމުންތަކުގެ ސަބަބުން ކަންތައްތައް އިސްލާހުވަމުން އަންނަ ގޮތުގެ މިސާލެއްގެ ގޮތުގައި ނާޒިމް ދެއްކެވި އެއް ކަމަކީ ވައިގެބަނދަރުތަކުގެ އިތުރުން ރާއްޖޭގެ ބައިނަލްއަގުވާމީ ހުރިހާ ކަނޑު ބަނދަރުތަކެއް ބެލެހެއްޓުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ހަވާލުކުރި ކުރުމެވެ.

އޭނާ ވިދާޅުވި ގޮތުގަައި ސަރުކާރުން އެ ބަދަލު ގެނައީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ރިކޮމެންޑޭޝަނާ އެއްގޮތަށެވެ. 

"ވަރަށް މުހިއްމު ބަދަލެއް، ސުމަގުލް ކުރުމާ މިކަންތައްތައް ހިނގަނީ ކަނޑުގެ ބަނދަރުތަކުން، ހަމަ އެކަނި ވައިގެ ބަނދަރުތަކަކުން ނޫން. އެހެންވީމާ ކަނޑުގެ ބަނދަރުތައް ބެލެހެއްޓުމަށް ވެސް އޭވިއޭޝަން [ސެކިއުރިޓީ]ކޮމާންޑަށް އެ ގެނެވުނު ބަދަލަކީ ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މަޖިލީހުން ހަމަ ފަހުރުވެރިކަމާ އެއްކޮށް ފާހަގަ ކުރަން ޖެހޭ ބަދަލެއް،" ނާޒިމް ވިދާޅިވި އެވެ.

މަޖިލީހުން އެކަން ފަހުރުވެރިކަމާ އެކީ ފާހަގަކުރަން ޖެހެނީ އޭނާ ވިދާޅުވި ގޮތުގައި ކަނޑުގެ ބަނދަރުތައް ނުރައްކަލަށް ހުށަހެޅިފައިވާކަން ސަރުކާރަަށް ފާހަގަކޮށްދިނީ މަޖިލީހުން ކަމަށް ވާތީ އެވެ. 

މަޖިލީހުން ކުރާ "ގައުމީ މަސައްކަތުން" ރާއްޖެއަށް ކުރިމަގުގައި އޮތީ އުފާވެރިަކަން ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތައް ވެސް ބެލެހެއްޓުމުގެ ޒިންމާ ވެސް ހަވާލުކޮށް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސްކޮމް) ގެ ނަން އޭވިއޭޝަން އެންޑް ޕޯޓްސް ސެކިއުރިޓީ ކޮމާންޑުގެ ނަމަށް ބަަދަލުކުރީ ޑިސެމްބަރު 28 ގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ. 

ރައީސް އޮފީހުން އެ ދުވަހު ބުނެފައި ވަނީ، ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ކަނޑު ބަނދަރުތައް ވެސް ހަވާލުކުރައްވަން ރައީސް ނިންމެވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ނިޒާމު ގާއިމްކޮށްފައިވާ ގޮތަށް ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ ހާއްސަ އިދާރާއަކުން ކުރާގޮތަށް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން، ވަކި ހާއްސަ ތަމްރީނުތަކެއް ދީފައިވާ އޮފިސަރުންނާ އެކު ހިންގަމުން އަައި އޭވިއޭޝަން ސެކިިއުރިޓީ ކޮމާންޑުގެ ދަށަށް ކަނޑު ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން ހަވާލުކުރީ އެމްޕީއެލްގެ ބައެއް ބަނދަރުތަކުގައި ސެކިއުރިޓީ ބްރީޗް ވުމުގެ ހާދިސާތައް ހިނގާފައި ވަނިކޮށެވެ.