ލާއިންސާނީ އަނިޔާވެރި އަމަލުތަކާއި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ނުވަތަ އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާތަކާއި ކޮމިޝަންތަކަށް ހުށަހަޅާފައިވާ ފުލުހުންނާ މެދު ހަތަރު މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަން ޖެހޭގޮތަށް ފުލުހުންގެ ބިލް ރޭ ފާސްކޮށްފި އެވެ.

އެ ބިލަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީ މެމްބަރުން ފާސްކުރެއްވި ފުލުހުންގެ ބިލަށް، ފަހު ވަގުތު ހުށަހެޅި އެ އިސްލާހުގެ ބޭނުމަކީ، "ބަޣާވާތް"ކުރި ފުލުހުން ވަކިކުރާ އިސްލާހެއް ކަމުގެ ތުހުމަތު ކުރެ އެވެ. އެކަމަކު، މި ތުހުމަތަށް ދެކޮޅު ހައްދަވާ އެމްޑީޕީގެ މެމްބަރުން ވިދާޅުވަނީ އެ އިސްލާހުގެ ބޭނުމަކީ ފުލުހުންގެ މުއައްސަސާގައި ތިބި އެންމެންނަކީ ތުހުމަތުތަކުން ބަރީއަވެފައިވާ އޮފިސަރުންކަން ކަށަވަރުކޮށް، ޕްރޮފެޝަނަލްކަމާ އެކު ހިންގުމެވެ.

އީވާ ހުށަހެޅުއްވި އިސްލާހުތަކުގައިވާ ގޮތުން ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި ބޯޑެއް އެކުލަވައިލަން ޖެހެ އެވެ. އެ ބޯޑު އުފައްދަނީ އާއްމުންގެ ތެރެއިން އައްޔަންކުރާ ހަތް މެމްބަރެއްގެ މައްޗަށެވެ. ފުލުހުންގެ މުއައްސަސާގައި ތިބި އެކި ތުހުމަތުކުރެވޭ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންކްގެ ފުލުހުންނާ މެދު މި ބޯޑުން ހަތަރު މަސް ތެރޭގައި ފިޔަވަޅު އަޅަން ޖެހެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި "މަތީ ރޭންކްތަކުގެ ކޮމިޝަންޑް އޮފިސަރުން ފުލުހަކަށް ވީތީ އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓްކޮށްފައިވާ އޮފިސަރުންނަކީ އެ މަގާމުތަކަށް ގާބިލު އަދި މަގާމާ އެކަށޭނަ ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުން ކަމާ މެދު ޕޮލިސް ބޯޑުން ގޮތެއް ކަނޑައަޅަންވާނެ" އެވެ.

ތުހުމަތުވާ އޮފިސަރުންނާ މެދު ނިންމާ ގޮތެއް ތަންފީޒު ކުރެވެންދެން އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، އެ މަގާމުތަކުގައި ތިބި އޮފިސަރުން އެ މީހުންގެ މަގާމްތަކުގައި ދެމިތިބޭނެ ކަމަށް އިސްލާހުގައި އެވެ.

އޮފިސަރުން މަގާމުން ވަކިކުރުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކުރަން ޖެހެ އެވެ. އޭގެ ތެރޭގައި، ތައުލީމީ ފެންވަރާއި އަދާކުރަމުން އަންނަ ދައުރާއި ޚިދުމަތާއި ސުލޫކާއި މަސައްކަތުގެ އަޚުލާގާއި ކޮށްފައިވާ ތުހުމަތުގެ ތަބީއަތާއި އެ މައްސަލައަކާ ގުޅިގެން ލިބެން ހުރި ހެއްކާއި ގަރީނާއަކަށް ވެސް ބަލަން ޖެހެ އެވެ.

ޕޮލިސީ ގާއިމް ކުރުމުގައި އިސްކޮށް ލަފާ ދޭ ބޯޑުން ބަލާ މައްސަލައަކާ ގުޅިގެން މައުލޫމާތަށް އެދިއްޖެ ނަމަ، އެ އޮފިސަރަކާ ބެހޭ ހުރިހާ މައުލޫމާތެއް ފުލުހުން ފޯރުކޮށްދޭން ވެސް ޖެހެ އެވެ. އޮފިސަރު މަގާމުގައި ނުބެހެއްޓުމަށް ޕޮލިސް ބޯޑުން ނިންމަން ވާނީ، ތުހުމަތު ކުރެވޭ މައްސަލައިގެ ތަބީއަތާއި ބާވަތަށް ބަލައި އެ މައްސަލައެއްގައި ކުރާ ތުހުމަތު މަދަނީ މިންގަނޑުން ބަލާއިރު ބޯޑަށް އެކަށީގެންވާ މިންވަރަށް ފެނުން ނުވަތަ އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގެ ގާބިލްކަން ނެތް ފަރާތެއް ކަމަށް ގަބޫލުކުރެވުމުންނެވެ.

ބޯޑުގެ ނިންމުން ތަންފީޒުކުރަން ފޮނުވަން ޖެހެނީ ޕޮލިސް ކޮމިޝަނަރަށެވެ.

މި ބިލަށް ބަހުސްކުރައްވަމުން، އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގެ ހުރިހާ ބާރުތަކާ އެކު ފުލުހުންގެ ބިލް ބައްޓަންކޮށްފައި އޮންނާނީ ފުލުހުންގެ ތެރޭގައި ނުވަތަ އެހެން ބަޔަކާ ގުޅިގެން ނަމަވެސް ބަޣާވާތް ކުރުމާއި ކުރަން އުޅުމަކީ މިހާރުގެ ގާނޫނުން ފިޔަވަޅު އެޅޭނެ ކަމެއްގެ ގޮތުގަ އެވެ.