ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރެޓްތަކެއް ވަގަށް ނެގި މީހުން އެކަމުން ލިބުނު ފައިސާ ހަރަދުކުރީ ޖުވާ ކުޅެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖުވާކުޅުމަކީ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުގެ  ފަރާތުން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ނާޒިމް ވިދާޅުވީ ސިނގިރެޓްގެ ބޮޑު ވައްކަމުން ހޯދި ފައިސާއިން ޖުވާ ކުޅެ، ފައިސާ އިތުރުކުރަން މަސައްކަތް ކުރުމުގެ ތެރޭގައި އެ މީހުންގެ އަތުން ފައިސާތައް ގެއްލިފައިވާ ކަމަށެެވެ. އޭނާ ވިދާޅުވި ގޮތުގައި އެހެން ބައެއް ވައްކަންތަކުގައި ވެސްް އެގޮތަށް ކަންތައް ކޮށްފައިވާކަން ވަނީ އެނގިފަ އެވެ. 

"އެންމެ ބޮޑު ވައްކަމުގެ ގޮތުގައި މި ފާހަގަ ކުރެވުނު ސިނގިރެޓްގެ ވައްކަމުގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް މައުުލޫމާތު ލިބިފައިވާ އެކަމުގެ ފައިސާ ލިބުނު ފަރާތްތަކުން ވަނީ އެ ފައިސާއަށް ބެޓްކޮށް އަދި ޖުވާކުޅެ އޭގެން ނަފާ ހޯދަން މަސައްކަތްކޮށް، އެ ހުރިހާ ފައިސާއެއް ގެއްލިފައި،" ނާޒިމް ވިދާޅުވި އެވެ.

ސިނގިރެޓް ވައްކަމުގައި ހިމެނޭ މީހުން ޖުވާކުޅެގެން ހޯދި ފައިސާ އެމީހުންގެ އެކައުންޓްތަކަށް ޖަމާކުރަން ކުންފުނިތަކެއް ހަދާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެ ކުންފުނިތައް ރަޖިސްޓްރީކޮށްފައި ހުރީ ރާއްޖޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  އެކަމުން ދޭހަވަނީ އޭނާ ވިދާޅުވި ގޮތުގައި އާއްމުކޮށް ފެންނަން އޮތް ވަރަށް ވުރެެ މާ ފުޅާ ދާއިރާއެއްގައި ޖުވާގެ ކަންތައް ހިންގާ ކަމެވެ. 

"އޭގެ މާނައަކީ މި ބެޓް ކުރުމާއި ޖުވާކުޅުމުގެ ކަންތައްތައް މި ހިންގާ ކުންފުނިތަކަށް ވާގިވެރިވާ ދިވެހި ކުންފުނިތަކެއް ވެސް އެބަހުއްޓޭ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ޖުވާކުޅޭ މީހުންގެ އެކައުންޓްތަކަށް އެ ކުންފުނިތަކުން ފައިސާ ޖަމާކުރަނީ ބޭންކުތަކަަށް އެކަން ދެނެ ނުގަނެވޭހާ ކުދިކުދި އަދަދުތަކުންނެވެ. 

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ އެއް އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގައި ޖުވާ ކުޅުމާއި އެފަދަ ތަނެއް ހިންގުމަކީ ކުށަކަށް ހެދުމަށް މާއްދާއެއް ހިމަނާފައިވެ އެވެ. 

ޖުވާ ކުޅުމާއި އެފަދަ ތަނެއް ހިންގުމުގެ ކުށުގެ ދަރަޖަ ކަމަށް ބިލުގައި ކަނޑައަޅާފައިވަނީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖަ އެވެ. އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.