04 ނޮވެމްބަރ 2021 - 06:47
ޓިކްޓޮކް ހިންގާ ކުންފުނި ޗައިނާގެ، ބައިޓްޑާންސްގެ ޗެއާމަން އަދި ސީއީއޯގެ މަގާމުން ޒަންގް ޔިމިން ވަކިވެވަޑައިގެންފި އެވެ.
އޭނާ ކުންފުނީގެ ބޯޑުން ވަކިވެ ވަޑައިގެންފައި މި ވަނީ މި އަަހަރުގެ ފަހުކޮޅު ބައިޓްޑާންސްގެ އިސް މަގާމުތަކުން ވަކިވެވަޑައިގަންނަވާނެ ކަމަށް ކުރިން ވިދާޅުވެފައި ވަނިކޮށެވެ. ޗައިނާގެ މިހާރުގެ އެންމެ ކާމިޔާބު ވިޔަފާވެރިންގެ ތެރޭގައި ހިމެނިވަޑައިންނަވާ 38 އަހަރުގެ ޒަންގްގެ ބައިޓްޑާންސަކީ 2012 ގައި އުފެދުނު ކުންފުންޏެކެވެ. އެ ކުންފުންޏަކީ މިހާރު ޗައިނާގެ އެންމެ ނުފޫޒު ފަދަ އެއް ޓެކް ކުންފުންޏެވެ.
ކުންފުނީގެ ޗެއާމަނާއި ސީއީއޯގެ މަގާމު ޒަންގް ދޫކޮށްލެވި އިރު އޭނާގެ އަމިއްލަ މިލްކިއްޔާތު މިހާރު 44.5 ބިލިއަން ޑޮލަރަށް އަރަ އެވެ.
މީޑިއާތަކުން ބުނީ ޒަންގް މަގާމުތައް ދޫކޮށްލެއްވުމާ އެކު ބައިޓްޑާންސްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ކުންފުނީގެ ހިއުމަން ރިސޯސްގެ ވެރިއަކަށް ހުންނެވި ރޫބޯ ލިއަންގް ކަމަށެވެ. ޓިކްޓޮކަކީ އޭނާ އާއި ޒަންގް ގުޅިވަޑައިގެން އުފެއްދި އެއްޗެކެވެ.
BREAKING: ByteDance’s billionaire founder Zhang Yiming steps down as board chairman, adding to the list of tech founders retreating from their companies https://t.co/fVH0cFrUoQ pic.twitter.com/Gzcy8RfLGS
— Bloomberg (@business) November 3, 2021
ބައިޓްޑާންސްގެ އެންމެ އިސް މަގާމުތަކުން ޒަންގް ވަކިވަޑައިގެންނެވި ސީދާ ސަބަބެއް ހާމަ ނުކުރެއްވި ނަމަވެސް ކުންފުނީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފަ އެވެ. އަދި ދުވަހުން ދުވަހަށް ކުންފުނީގެ މަސައްކަތްތަކުގައި ޝާމިލުވަޑައިގަންނަވަން ޖެހޭ މަގާމެއްގައި އޭނާ ނެތް ނަމަވެސް ކުންފުނި ހިންގުމުގައި ޒަންގްގެ ދައުރެއް ކޮންމެވެެސް ގޮތަކުން އޮންނާނެ އެވެ.
އަންގާރަ ދުވަހު ބައިޓްޑާންސުން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނީ ކުންފުނީގެ މައިގަނޑު ވިޔަފާރިތައް މިހާރު ހަ ޔުނިޓަކަށް ބަހައިލަން ނިންމާފައިވާ ކަމަށެވެ. އެއީ ޓިކްޓޮކާއި އޭގެ ޗައިނާ ވާޝަން، ޑޫޔިން އާއި ތައުލީމާ ގުޅުން ހުރި ޕްރޮޑަކްޓްތަކާއި ގޭމިން ސަބްސިޑަރީއެއްގެ އިތުރުން އެންޓަޕްރައިސްގެ އިތުރު ދެ ސާވިސް ޑިވިޝަނަކަށެވެ.
މެމޯގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ކުރީކޮޅު ޓިކްޓޮކްގެ ސީއީއޯގެ މަގާމާ ހަވާލުވަވަޑައިގެންނެވި ސިންގަޕޫރްގެ ޝޯޒީ ޗޫ ވެސް އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، ކުންފުނި ހިންގުމުގައި އެއަށް ވުރެ ބޮޑު ރޯލެއް ކުރިއަށް އޮތް ތަނުގައި އަދާ ކުރެއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy