ޖޮޓާ ލަނޑު ހެހުމަށް ފަހު އުފާފާޅުކުރަނީ.
04 ނޮވެމްބަރ 2021 - 07:12
ލިވަޕޫލް (އޮކްޓޯބަރު 4) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގެ "ގުރޫޕް އޮފް ޑެތު" ގައި ރޭ ލިވަޕޫލުން 10 ކުޅުންތެރިންނާއެކު ކުޅެ، އެތުލެޓިކޯ މެޑްރިޑް ބަލިކޮށް އެއްވަނައިގައި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދިއިރު،، އޭސީ މިލާނުން ގުރޫޕް ސްޓޭޖުގައި ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ.
ލިވަޕޫލުން އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް ބަލިކުރީ 2-0 އިންނެވެ.
މި ނަތީޖާއާއެކު، ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ލިވަޕޫލަށް ވަނީ މުބާރާތުގެ ދެވަނަ ބުރު ޔަގީން ވެފަ އެވެ. ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓް ހޯދާފައި ވާއިރު، ދެވަނައިގައި އޮތީ ފަސް ޕޮއިންޓާއެކު ޕޯޗުގަލްގެ ޕޯޓޯ އެވެ. ޕޯޓޯ އަށް ބާކީ އޮތް ދެ މެޗު ކާމިޔާބު ކޮށްގެން ވެސް 12 ޕޮއިންޓް ހަމަކުރެވޭނެ ގޮތެއް ނެތެވެ. އެތުލެޓިކޯ އޮތީ ހަތަރު ޕޮއިންޓާ އެކު ތިންވަނައިގަ އެވެ.
އެތުލެޓިކޯގެ ޑިފެންޑަރު ފެލިޕޭ އަށް ވަނީ، ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ފަހަތުން ގަސްދުގައި ކުރި ފައުލަކާ ގުޅިގެން މެޗުގެ 36 ވަނަ މިނިޓުގައި ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. ލިވަޕޫލުން ޖެހި ދެ ލަނޑު ވެސް ފެނުނީ ފެލިޕޭ އަށް ރަތް ކާޑު ދެއްކުމުގެ ކުރިންނެވެ.
ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނިޓުގައި ލިވަޕޫލްގެ ފުލްބެކް ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ނަގައިދިން ހުރަހެއް ބޮލުން ފޮނުވާލައިގެން ކާމިޔާބު ކުރީ ޑިއޯގޯ ޖޮޓާ އެވެ. ދެވަނަ ލަނޑު 21 ވަނަ މިނިޓުގައި އާނޯލްޑްގެ އެހީތެރި ކަމާއެކު ޖެހީ މާނޭ އެވެ.
ދެވަނަ ހާފުގައި ލިވަޕޫލަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބުނަސް ވަނީ ލީޑު އިތުރަށް ފުޅާކުރެވޭ ގޮތް ނުވެފަ އެވެ. މުހައްމަދު ސަލާހާއި ޖޮޓާގެ އިތުރުން ޑިފެންޑަރު ޖޮއެލް މަޓިޕާއި ވާޖިލް ވެން ޑައިކް ފޮނުވައިލި ހަމަލާތައް ގޯލާ އަމާޒު ނުވިއިރު، ކެޕްޓަން ޖޯޑަން ހެންޑަސަންގެ ހަމަލާ މަތަކުރީ އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލަކެވެ.
ލިވަޕޫލުން އެންމެ ފަހުން ކުޅުނު 25 މެޗުން ވެސް އެ ޓީމު ބަލިވެފަ އެއް ނުވެ އެވެ. އެންމެ ފަހުން އެ ޓީމު ބަލިވީ އެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި މިދިޔަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ރެއާލް މެޑްރިޑު އަތުންނެވެ.
މި ގުރޫޕުގައި ހިމެނޭ އޭސީ މިލާން ރޭ އަމިއްލަ ދަނޑުގައި ޕޯޓޯއާ ކުޅެ އެއްވަރުވީ 1-1 އިންނެވެ. ޕޯޓޯ އަށް ކުޅޭ ކޮލަމްބިއާގެ ވިންގާ ލުއިސް ޑިއާޒްގެ ގޯލުން ލީޑު ނެގިއިރު، އޭސީ މިލާން ސަލާމަތްވީ 61 ވަނަ މިނިޓުގައި ޕޯޓޯގެ ޑިފެންޑަރު ޗާންސަލް އެމްބެމްބާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
މިއީ ކުޅުނު ހަތަރު މެޗުން، ގުރޫޕުގެ ފުލުގައި އޮތް އޭސީ މިލާން ހޯދި ފުރަތަމަ ޕޮއިންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާގަން ފްލޮޕް
04 November 2021
ލޫސަރޕޫލް އިން ރެފްސް ގަނެގެން ދޯ މޮޅުވީ. "ފޯރ އެވަރ ޔުނައިޓެޑް"