ރާއްޖޭގައި މިހާރު ބޭނުންކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ތެރެއިން ވަކި ސިސްޓަމަކީ "ނެޝަނަލް ޕޭމަންޓް ސުވިޗް" ކަމަށް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އޮންނަ ގޮތަށް ގާނޫނު ބަދަލުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެ ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
ބިލުގެ ތައާރަފްގައިވާ ގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ ރާއްޖޭގެ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗާ އިތުރަަށް ހަރުދަނާކޮށް އިތުރަށް ތަަރައްގީކުރަން ނެޝަނަލް ޕޭމަންޓް ސްވިޗެއް ގާއިމްކޮށް ހިންގުމާ ބެހޭ އުސޫލުތައް ކަނޑައެޅުމެވެ. އެ ބިލުން ކުރާ ކަމަކީ ނެޝަނަލް ޕޭމަންޓް ސިސްޓަމްގެ ގާނޫނުގައިވާ އުސޫލުތައް ހިމެނުމެވެ.
އެހެންވެ އެ ގާނުނުގެ 15 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން އެ ބިލުގައި އެބަ އޮތެވެ. އެ މާއްދާގައިވާ ގޮތުން ރާއްޖޭގެ ގައުމީ ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމެއް އެެއީ ނެޝަނަލް ޕޭމަންޓް ސްވިޗް ކަމަށް ކަނޑައެޅުމުގެ ބާރު އޮތޯރިޓީއަށް (އެމްއެމްއޭ) އަށް ލިބޭނެ އެވެ. އެއާ އެކު އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެ އޮތޯރިޓީން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަން ޖެހޭނީ ނެޝަނަލް ޕޭމަންޓް ސްވިޗް ކަމަށް ކަނޑައަޅާފައިވާ ޕޭމަންޓް ސިސްޓަމް މެދުވެރިކޮށެވެ.
ގާނޫނަށް މި ބަދަލު ގެންނަން ފާސްކުރި އިރު ސަރުކާރުން މިހާރު އިސްކަންދޭ ޕޭމަންޓް ސިސްޓަމަކީ "ފަވަރަ" އެވެ. އަވަށްޓެރި އިންޑިއާގެ ޕޭމަންޓް ސިސްޓަމް "ޔޫޕީއައި" އާ މިފަހުން ގުޅާލީ ވެސް ފަރަވަ އެވެ. ރާއްޖޭގެ ބޭންކްތަކުގެ މެދުގައި ހިންގާ މުއާމަލާތްތައް ޕްރޮސެސްކުރަނީ ވެސް ފަވަރަގެ ތެރެއިންނެވެ.
އެ ބިލުގައިވާ ގޮތުން އެ ބިލުގައިވާ ބަދަލުތައް ގާނޫނަށް ގެނެސް، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، ނެޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައަޅާ ސިސްޓަމްގައި، ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބައިވެރިވާން ޖެހޭނެ އެވެ.
އެކަމަކު ޕޭމަންޓް ހިދުމަތްދޭ ތަންތަނުން އެ ގޮތަށް ބަދަލުވާ މަރުހަލާގައި އިންތިގާލީ އިންތިޒާމެއްގެ ތެރެއިން ހިދުމަތް ދިނުމުގެ ހުއްދަ އެމްއެމްއޭ އިން ދޭނެ އެވެ.