ގައުމީ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) އަށް ކަސްޓަމާ ސާވިސް ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ތައްޔާރުކޮށްދިނުމާ އެކު، އެ ދާއިރާއިން މުވައްޒަފުން ތަމްރީނުކޮށްދޭނެ ބަޔަކު ހޯދަަން މިއަދު އިއުލާނުކޮށްފި އެވެ.

އެ އިއުލާނާ އެކު، އާއްމުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ވާ ގޮތުން އެ މަސައްކަތާ ހަވާލުވާ ބަޔަކު ކުރަންޖެހޭނެ އެއް ކަމަކީ އެ ކޯޕަރޭޝަނުގެ ބޭސްފިހާރަތަކުގައި މަސައްކަތްކުރާ ކަސްޓަމާ ސާވިސް މުވައްޒަފުންގެ ފެންވަރު މަތިކޮށް، މުއާމަލާތްކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމެވެ. އެކަމާ ގުޅޭ އެސްއޯޕީތައް ތައްޔާރުކުރަން މެނޭޖްމަންޓް ތަމްރީނުކުރުމަކީ ވެސް އެ މަަސައްކަތުގެ ބައެކެވެ.

ބީލަން ކާމިޔާބުކުރާ  ބަޔަކު އެސްއޯޕީ އެކުލަވާލަން ޖެހޭނެ ދާއިރާތަކަކީ:

  1. ޕްރޮފެޝަނަލްކޮށް ކަސްޓަމަރުންނަށް ހިދުމަތް ދިނުން.
  2. ކަސްޓަމަރުންނަށް މަރުހަބާކިއުން، ކިއުތައް ބެލެހެއްޓުން އަދި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ކުރުން
  3. މައުލޫމާތު ސާފުކުރަން ދާ މީހުންނާ ގުޅައިގެން ނުވަތަ އޮންލައިކޮށް މައުލޫމާތު ސާފުކުރަން ހުށަހަޅާ މީހުންނަށް މައުލޫމާތު ދިނުން.
  4. ލިބެން ނެތް ބާވަތްތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނަށް ދިނުން.
  5. އާސަންދަ އާއި ފައިސާ ދެެއްކުމާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރަން އަންނަ މީހުންނަށް މައުލޫމާތު ދިނުން.
  6. އަނބުރާ ގެންނަ ތަކެއްޗާ ހަވާލުވުމާއި ފައިސާ އަނބުރާ ދިނުން.
  7. ޝަކުވާ ބަލައިގަތުމާއި ހިތްހަމަނުޖެހިގެން ދާ މީހުން ހަމަޖެއްސުން.
  8. އުނދަގޫ ކަސްޓަމަރުންގެ ކަންތައްތައް މެނޭޖްކުރުން.
  9. ކަސްޓަމަރުންގެ ފީޑްބެކް ހޯދުމާއި ފޮލޯއަޕް ހެދުން
  10. ކަސްޓަމަރުންގެ ޒާތީ މައުލޫމާތުގެ ސިއްރު ހިފެހެއްޓުން.

ސްޓޭޓް ފާމާއިން މިއަދު ބީލަން ހުޅުވާލި މަސައްކަތް ކާމިޔާބުކުރާ  ބަޔަކު ކުރަން ޖެހޭނެ އަނެއް ކަމަކީ މާލޭގައި ގިނައިން މީހުން ވަންނަ ބޭސްފިހާރައެއްގައި ޕްރޮފެޝަނަލްކޮށް ކަސްޓަމަރުންނާ މުއާމަލާތްކުރަން ބޭނުންވާ ހުނަރުތައް އެ ކޯޕަރޭޝަނުގެ މުަވައްޒަފުންނަށް ދަސްްކޮށްދޭން ތަމްރީން ޕްރޮގްރާމެއް ހިންގުމެވެ. 

މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފަހު ތާރީހަކީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. އެ އަަށް ފަހު މައުލޫމާތު ސާފުކުރަން އެދި ބުރާސްފަތިދުވަހުގެ 2:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ. 

މައުލޫމާތު ހޯދަން އެދި ހުށަހަޅާ ހުށަހެޅުންތަަކަށް މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޖަވާބުދޭނެ އެވެ. ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.

ބޭސް އެތެރެކޮށް ވިއްކުމުގެ މަސައްކަތް އެސްޓީއޯއިން ވަކިކޮށް، ސްޓޭަޓް ފާމާއާ ހަވާލުރީ ކުރީ މިދިޔަ ޖުލައިމަހު އެވެ. އެ ބަދަލާއެކު، އެސްޓީއޯއިން ކުރިން ހިންގި ފާމަސީތައް މިހާރު ހިންގަމުން އަންނަނީ އެ ކޯޕަރޭޝަނުންނެވެ.