ނިއު ޔޯކް (ސެޕްޓެމްބަރު 12) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހިލަރީ ކްލިންޓަނަށް ނިއުމޯނިއާ ޖެހިފައިވާކަން އެކަމަނާގެ ޑޮކްޓަރު ޔަގީންކޮށްދީފި އެވެ.
ސެޕްޓެމްބަރު 11 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާ އަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް ނިއު ޔޯކުގައި ބޭއްވި ރަސްމިއްޔާތެއް ނިމުމާ އެކު އަތުލަފިކޮށްގެން އެކަމަނާ ވެހިކަލަކަށް އަރުވާ މަންޒަރު އިއްޔެ ވަނީ ފެނިފަ އެވެ. ހިލަރީ ވިދާޅުވީ މާބުރަކޮށް އުޅުއްވަން ޖެހުމުން ވަރުބަލިވެ ހޫނުގަދަވުމުން ދަރިކަނބަލުން ޗެލްސީގެ އެޕާޓްމަންޓަށް ވަޑައިގެންނެވީ ކަމަށެވެ. ދަރިކަނބަލުންގެ ގެއިން ނުކުމެވަޑައިގެން ހިލަރީ ވިދާޅުވީ ސިއްހީ މައްސަލައެއް ނެތް ކަމަށާއި މުޅިން ބަރާބަރު ކަމަށެވެ. ޑޮކްޓަރުގެ ރިޕޯޓް އާއްމުކުރީ އެކަމަނާ އެހެން ވިދާޅުވި ފަހުންނެވެ.
ނަމަވެސް ހިލަރީގެ ޑޮކްޓަރު ލިސާ ބާޑަކް ވިދާޅުވީ ހިލަރީ އަށް ނިއުމޯނިއާ ޖެހިވަޑައިގެންފައިވާކަން ހުކުރު ދުވަހު ޔަގީންކުރެވުނު ކަމަށާއި އެހެންވެ އެކަމަނާ އަށް އެންޓިބައޮޓިކްދީފައިވާ ކަމަށެވެ. އަދި މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އިއްޔެގެ އިވެންޓުން އެކަމަނާ މާއަވަހަށް ވަޑައިގެންނެވީ މާބޮޑަށް ވަރުބަލިވެ ހަށިގަނޑުން ފެންމަދުވުމުން ކަމަށް ޑޮކްޓަރު ވެސް ވިދާޅުވި އެވެ.
ހިލަރީގެ އާލާސްކަންފުޅާ ގުޅިގެން އެކަމަނާގެ ކެމްޕޭން ބައެއް އިވެންޓްތައް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. ދެ ދުވަހުގެ ކެމްޕޭން ދަތުރެއްގައި ކެލިފޯނިއާ އަށް މިއަދު ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރު ވަނީ ފަސްކޮށްފަ އެވެ.
އެމެރިކާގެ ވެރިކަމަށް ވަޑައިގަތުމަށް 68 އަހަރުގެ ހިލަރީ ފިޓް ނޫން ކަމަށް ވިދާޅުވެ އެކަމަނާގެ ވާދަވެރިޔާ ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އެކަމަކު ޑޮކްޓަރު ބާޑަކް ވަނީ ޓްރަމްޕަށް ވުރެ ހިލަރީ ފިޓް ކަމަށް މިދިޔަ މަހު ވިދާޅުވެފަ އެވެ. އުމުރުން 70 އަހަރުގެ ޓްރަމްޕުގެ ސިއްހީ މައުލޫމާތު ވެސް އާއްމުކޮށްފައެއް ނުވެ އެވެ.
ގަނޑުލޭ ކޮޅެއް ނެގުމަށް ހިލަރީ ވަނީ 2012 ވަނަ އަހަރު އޮޕަރޭޝަނެއް ކުރައްވައިފަ އެވެ.
ސެޕްޓެމްބަރު 11 ގެ ހަމަލާ އަށް 15 އަހަރު ފުރުން އެމެރިކާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި އިއްޔެ ވަނީ ފާހަގަކޮށްފަ އެވެ. ހަތަރު މަތިންދާ ބޯޓު ހައިޖެކްކޮށް ދިން ހަމަލާގައި ވަނީ 2،996 މީހުން މަރުވެފަ އެވެ. ފުރަތަމަ ދެ ބޯޓުން ހަމަލާދީ ގޮއްވާލީ ނިއު ޔޯކުގެ ވޯލްޑް ޓްރޭޑް ސެންޓަރުގެ ޓްވިން ޓަވަރެވެ. ތިން ވަނަ ބޯޓު ގޮއްވާލީ ޕެންޓަގަނަށެވެ. އަދި ހަތަރު ވަނަ ބޯޓުގެ ހަމަލާ އަމާޒުކުރީ ޕެންސިލްވޭނިއާގެ ދަނޑަކަށެވެ.
ހިލަރީ އާއި ޓްރަމްޕުގެ ފުރަތަމަ ބަހުސް އޮންނާނީ މި މަހު 26 ގަ އެވެ. އިންތިޚާބުގައި ވޯޓުލުން އޮންނާނީ ނޮވެމްބަރު 8 ވަނަ ދުވަހު އެވެ.