މާފުށީ ޖަލަށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ރ. މަޑުއްވަރި، މާސް، މުހައްމަދު ޝަހީރު، 28، އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މާފުށީ ޖަލު ގޭޓު ކައިރިން ބަލައިފާސްކުރިއިރު ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާތަކެއްޗާ އެކު ކަމަށެވެ.
އޭނާ އަތުން ފެނުނު ތަކެތީގެ ތެރޭގައި 17 ފޯނާއި 35 ޗާޖިން ކޭބަލާއި 29 ޖޮއިންޓާއި އެޑަޕްޓަރަކާއި ހަތަރު ކައްޓާ އާއި ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މުހައްމަދު ޝަހީރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.