ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ޖޭޕީގެ އިއުލާނެއްގައި ބުނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ރިޔާސީ ޓިކެޓު ދޭނެ މީހަކު ހޮވާނީ، އެކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން ކަމަށް އެ އިއުލާނުގައި ބުންޏެވެ.
"... މި ޕާޓީގެ ހުރިހާ މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ ކަމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލަމެވެ،" އެ އިއުލާނުގައިވެ އެވެ.
ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ މެމްބަރުން އެކަމަށް އެދި ފޮނުވާ ސިޓީއަކާއެކު، އެ މީހާގެ އައިޑީކާޑުގެ ދެފުށުގެ ކޮޕީ އާއި ވަނަވަރު، މި މަހު 30 ގެ ކުރިން ޖޭޕީގެ އޮފީހަށް ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓަކު ނެރެ، އެ ޕާޓީން އިސްވެ އޮވެ ޕާޓީތަކާއެކު ކޯލިޝަނަކުން ވާދަކުރަން ކައުންސިލްގެ އިއްތިފާގުން މިދިޔަ އަންގާރަ ދުވަހު ވަނީ ފާސްކޮށްފަ އެވެ.
އާ ގާނޫނުއަސާސީއަށް ފަހު މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައި ވެސް ޖޭޕީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ލީޑަރު ގާސިމް އިބްރާހިމް ނުކުންނަވަ އެވެ. އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ޖޭޕީގެ ކެންޑިޑޭޓަކަށް ގާސިމް ހަމަޖައްސާފައި ވަނިކޮށް އޭރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން ޕާޓީތައް އިއްތިހާދުވެ ގާސިމް ފަހަތަށް ޖެހިވަޑައިގަތީ އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ އިއްތިފާގުން އެ ޕާޓީ ވާދަކުރަން ނިންމިއަސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ގާސިމް މިހާތަނަށް އިއުލާންކުރައްވައިފައެއް ނުވެ އެވެ.