ރާއްޖޭގެ ތާރީހުގައި ވެސް ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް އުފުލި މިވަގުތު 1.1 ބިލިއަން ޑޮލަރު ރިޒާވްގައި އެބަހުރި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅު ކުރަން އިސްކަމެއް ދެއްވައިގެން މުހިއްމު މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ކުރީގެ ސަރުކާރުން ވާރުތަވެފައި ހުރި ބޮޑެތި ދަރަނި ދެއްކޭނެ ގޮތްތަކަށް ޑޮލަރުގެ އާމްދަނީ އިތުރުވާނެ ގޮތްތަކަށް ވިސްނައިގެން ސިޔާސަތުތަކަށް ބަދަލު ގެންނެވި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ސަބަބުން، ކުރިއަށް ދެއްކުމަށް ހުރި ދަރަނިތައް އަދާކުރުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ. 

މިދިޔަ ޖެނުއަރީ މަސް ނިމުނު އިރު ދައުލަތުގެ ރިޒާވުގައި ހުރީ 983 މިލިއަން ޑޮލަރެވެ. އެއީ މިދިޔަ އަހަރު އެއް މަހެއްގެ ތެރޭގައި ރިޒާވް އެންމެ ބޮޑަށް އުފުލުނު މަހެވެ.

ރައީސް ވިދާޅުވީ، މިދިޔަ އަހަރު ލިބުނު އާމްދަނީން ޑޮލަރުގެ ގޮތުގައި 1.2 ބިލިއަން ލިބުނު ކަމަށެވެ. އަދި މަނީ އެކްސްޗޭންޖް ގާނޫނަށް ގެނެވުނު ބަދަލާ ގުޅިގެން 492 މިލިއަން ޑޮލަރު އެމްއެމްއޭއިން މާރުކޮށްފައިވާ ކަމަށާއި މިއީ ދައުލަތުގެ ރިޒާވް ރަނގަޅު ކުރަން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އާމްދަނީއަށް ގެނެވުނު ހެޔޮ ބަދަލާ އެކު ބޭރު ފައިސާއިން ލިބުނު އަދަދު 1.2 ބިލިއަން ޑޮލަރަށް މަތިވެފައިވޭ. ނަތީޖާއެއްގެ ގޮތުން ދަރަނި ދެއްކުމަށް އެކުލަވާލާފައިވާ އެސްޑީއެފް ފަންޑަށް ޖަމާކުރާ ޑޮލަރު އިތުރުވެ، ރަސްމީ ރިޒާވް ހެޔޮަބަދަލުތަކެއް އައިފައިވޭ،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެސްޑީއެފްގައި ހުރީ ދެ މިލިއަން ޑޮލަރެވެ.

އެކަމަކު، ރައީސް ވިދާޅުވި ގޮތުގައި ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސްޑީއެފްގައި މިވަގުތު 275 މިލިއަން ޑޮލަރު އެބަހުއްޓެވެ. އެ ބަދަލު ގެނެވުނީ، އެއާޕޯޓް ޑިވަލޮޕްމެންޓް ފީ ބޮޑުކޮށް، އެ ފަންޑަށް ޖަމާކުރާ ޑޮލަރު އިތުރުކޮށްގެންނެވެ. އޭގެ ތެރެއިން 150 މިލިއަން ޑޮލަރު އަންނަ އޭޕްރީލްގައި ދައްކަން ޖެހޭ ސުކޫކަށް ދެއްކުމަށް ބޭނުން ކުރާނެ އެވެ.

"މިވަގުތު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީގައި އެބަހުރި. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރަސްމީ ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ފިސްކަލް ހާލަތު ރަނގަޅުކޮށް ދައްކަން ހުރި ދަރަނިތައް ދައްކަން މިހާރަށް ވުރެ ލުއިގޮތްތަކެއް ހޯދަން ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރެވުނު ކަމަށެވެ. އަދި ރިޒާވަށް އިތުރުކުރެވުނު އިންޑިއާގެ ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ރޯލްއޯވާ ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ އަބޫދާބީ ފަންޑް ފޯ ޑިވަލޮޕްމެންޓުން 2018 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ވެސް އިތުރު ފަސް އަހަރަށް ފަސްކޮށްފަ އެވެ.