ސުކޫކް ދައްކަން އިތުރަށް މިހާތަނަށް ނެގި ފައިނޭންސިން ފެލިސިޓީތައް ހޯދާފައިވަނީ ނުވަ ޕަސެންޓަށް ވުރެ ކުޑަ އިންޓްރެސްޓް ރޭޓުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ، މިދިޔަ ސަރުކާރުން ނެގި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ސުކޫކް ދެއްކޭނެ ގޮތްތައް ހޯދަން ކަމަށެވެ. އަދި އެކަން ކުރަން ރޭވީ، ކުރިއަށް އޮތްތަނުގައި ވެސް ދައުލަތުގެ މާލިއްޔާއަށް ގެއްލުން ނުވާ ގޮތްތައް ބަލައިގެން ކަމަށާއި އެކަންކަން ފަރުވާތެރިކަމާ އެކު ރާވާމުން ގެންދެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ ދެ ވެރިކަމުގައި ވެސް ބޮންޑު ނެގުމުގައި ގެންގުނު ސިޔާސަތުގެ ދަށުން އިންޓްރެސްޓް ރޭޓުތައް ހުރީ ޑަބަލް ޑިޖިޓަށް އަރާފައި ކަމަށެވެ. ސުކޫކުގެ އިންޓްރެސްޓް ރޭޓު ހުރީ 10.5 ޕަސެންޓުގަ އެވެ.
"މިއަހަރުގެ އޭޕްރީލް މަހުގެ ސުކޫކުގެ 150 މިލިއަން ޑޮލަރު އަދާކުރުމަށް ރާވާފައިވާނީ އެސްޑީއެފްއަށް ޖަމާކޮށްފައިވާ ބޭރުފައިސާއިން. މި ސުކޫކުގެ އެއްބައި އަނބުރާ ދެއްކުމަށްފަހު ބާކީ ވާ މިންވަރު ރީފައިނޭންސް ކުރުމަށް އަދާ ހަމައަށް ސަރުކާރުން ނަގާފައިވާ އެއްވެސް ދަރަންޏެއްގެ އިންޓްރެސްޓް ރޭޓު ވޭތުވެދިޔަ ސަރުކާރުތަކުން ކަންކުރި ޒިންމާދާރުކަން ކުޑަގޮތާ ހިލާފަށް 9 ޕަސެންޓަށް ވުރެ ބޮޑު ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދަރަނި އަދާކުރުމަށް ގެންގުޅޭނީ ކުރިއަށް އޮތްތަނުގައި ދައުލަތަށް އިތުރަށް ބުރަ ބޮޑު ނުވާނެ ގޮތްތައް ބަލައިގެން ކަމަށެވެ.
"ސުކޫކް އަދާކުރާނީ ދަރަނީގެ ދެމެހެއްޓެނިވިކަން ހާސިލުވާނެހެން. ދަރަނި އަދާކުރުމުގެ ބުރަ ކުޑަވާނެ ގޮތަށް. ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަވާނެ ގޮތެއްގެ މަތިން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދުނިޔޭގެ އިގްތިސާދީ ހާލަތު އުނދަގޫ ފައްތަރެއްގައި އޮވެމެ، ބޮޑެތި އަދަދުތަކުން ދަރަނި އަދާކުރުމަށް ހުރި އިރު، ރާއްޖޭގެ ރިޒާވްގައި ބޮޑު އަދަދެއް ހުރުމަކީ، އެ ދަރަނި އަދާކުރުމަށް ލިބުނު ބޮޑު ފަސޭހައެއް ކަމަށެވެ. މިވަގުތު ރާއްޖޭގެ ރިޒާވުގައި 1.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް އުފުލުނު ފަހަރެވެ.