ރ. ފައިނަކީ އަތޮޅުގައި އާބާދީ އެންމެ ކުޑަ ރަށެވެ. އެކަމަކު، ގުދުރަތީ ރީތިކަން ލިބިފައިވާ ބޮޑު ރަށެކެވެ. ބޮޑެތި ރަށްރަށަށް އިސްކަންދިނުމުގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވި އަހަރުތަކުގައި މި ރަށަށް މާ ބޮޑު ކަމެއް ކޮށްދެވިފައެއް ނުވެ އެވެ. އެ ޝަކުވާތައް ރައްޔިތުން ކުރެ އެވެ.

ނަމަވެސް، މިއަދު، 388 މީހުންގެ އާބާދީއެއް އޮންނަ ފައިނުގެ ގިނަ ބަޔަކު ތިބީ މި ކުޑަކުޑަ ރަށަށް ކޮށްދޭ ހިދުމަތްތަކާ މެދު ވަރަށް ހިތްހަމަޖެހިގެންނެވެ.

ބަނދަރުގައި ހުރެ، "މިހާރު" އާ ވާހަކަ ދެއްކި ޒުވާނަކު ބުނީ މި ރަށުގެ ރައްޔިތުން ބޭނުންވި ގިނަ ކަންތައްތައް މި ސަރުކާރުން ކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި އައުޓްޑޯ ޖިމާއި ފުޓްސަލް ދަނޑު އަދި ކުޑަކުދިން ކުޅޭނެ ޕާކެއް ހިމެނެ އެވެ.

އެ ކަންކަމުގެ އިތުރުން، ރައްޔިތުން އެންމެ ބޭނުންވާ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށައި، ބޮޑުބައި ނިންމާފައިވާ ކަމަށް، ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެކަމަކު، އެ މީހުންގެ ކަންބޮޑުވުމަކީ މަސައްކަތް ލަސްވަމުންދިއުމެވެ.

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ މަހުގެ ނިޔަލަށް ސަރުކާރުން ފައިނަށް 40.8 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

މި ރަށު ސްކޫލުގެ ތިން ބުރީގެ އިމާރާތް ހަދަމުން އަންނައިރު ސޯލާ ޕީވީ އަދި ބެޓްރި އެނާޖީ ސްޓޯރޭޖް ސިސްޓަމް އަދި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމްކުރަން ވެސް ހަވާލުކޮށްފައިވެ އެވެ.

"ވަރަށް ގިނަ ވެރިކަންތައް ފެނިއްޖެ. އެކަމަކު، މި ކުޑަ ރަށަށް އަޅާލީ މި ސަރުކާރުންނޭ ބުނާނީ."

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައިނަށް ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އެމްޑީޕީ
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައިނަށް ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އެމްޑީޕީ

"މި ވަރުގެ އާބާދީއަކާ ބަލާފައި ވަރަށް ހިތްހަމަޖެހޭ މި ކޮށްދޭ ކަންތައްތަކާ މެދު." ބަނދަރު ސަރަހައްދުގައި ހުރި 38 އަހަރުގެ ފިރިހެނަކު ބުންޏެވެ.

އެ ސަރަހައްދުގައި ހުރި އެހެން ފިރިހެނަކު ބުނި ގޮތުގައި، މި ސަރުކާރުން މި ތަނަށް ކޮށްދިނީ، އާބާދީއާ އަޅާބަލާއިރު ހައްގުވާ މިންވަރަށް ވުރެ އިތުރަށެވެ.

ވަރަށް ގިނަ ވެރިކަންތައް ފެނިއްޖެ. އެކަމަކު، މި ކުޑަ ރަށަށް އަޅާލީ މި ސަރުކާރުންނޭ ބުނާނީ.-- ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"ޕްރޮޖެކްޓުތަކަށް ބަލާއިރު އެންމެ ގިނަ ކަންތައްތައް ކޮށްދިނީ މި ސަރުކާރުން. އެކަން ރައްޔިތުން ބަލައިގަނޭ،" އޭނާ ބުންޏެވެ.

ފައިނަކީ ސިޔާސީ ދާއިރާގައި އިސް ސަފުގައި ހަރަކާތްތެރިވާ ދެ ބޭފުޅެއްގެ ރަށެކެވެ. ކުރިން އެމްޑީޕީގައި އުޅުއްވުމަށްފަހު، ފަހުން ޑިމޮކްރެޓްސް އަށް ގުޅިވަޑައިގެންނެވި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަދި ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަކީ މި ރަށަށް އުފަން ދެ ބޭފުޅުންނެވެ.

ސިޔާސީ ކަންތައްތަކުގައި މި ރަށް ކޮންޓްރޯލްކުރަމުން ދިޔައީ މި ދެ ބޭފުޅުންނެވެ.

އެކަމަކު، ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ސަރުކާރުން ކޮށްދީފައިވާ ކަންތައްތަކަށް ބަލާއިރު ރައީސް ކުރިހޯއްދަވާނެ ކަމަށެވެ.