ރ.ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި އެވެ.
ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.
އެމްޓީސީސީން މިއަދު ބުނީ މަޝްރޫއުއަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށާއި ހާބަ ބޭސިން އިތުރަށް ފުންކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
ސާޅީސް ފަސް މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން ހިމެނެ އެވެ. އަދި 285 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ އެވެ.
މި މަޝްރޫއުގެ ދަށުން 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ރޭމްޕެއް ހަރުކުރުމާއި 1663.36 އަަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރުބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ އެވެ.
420 ދުވަހުގައި ނިންމާ ގޮތަށް ކިނޮޅަހު ބަނދަރު އެމްޓީސީސީއާއި ހަވާލުކުރީ ނޮވެމްބަރު 8, 2021 ގަ އެވެ. މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ އެމްޓީސީސީން ވޭތުވެދިޔަ ތިން އަހަރުތެރޭގައި ވަނީ ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމައިފަ އެވެ.