މި ރަށަށް އެރި ހިސާބުން ވެސް ފެންނަން ފެށީ އަންހެނުން އިސްވެ ކުރަމުން އަންނަ އަދި ކޮށްފައިވާ މަސައްކަތްތަކެވެ. އާމްދަނީ ލިބޭނެ ގިނަ ކަންތައްތަކެއް ލ. މާބައިދޫގެ އަންހެނުން ކުރަމުން އައުމަކީ މި ރަށުން ލިބުނު އެންމެ މުހިންމު އެއް މެސެޖެވެ. 

ގިނަ ރަށްރަށުގައި ކުރީ ސަފުން އާއްމުކޮށް ފެންނަނީ ފިރިހެނުންނެވެ. ގޮތް ނިންމުމަށް ބާއްވާ ބައްދަލުވުންތަކުން އިވޭނީ ފިރިހެނުންގެ ބަހެވެ. އިއްވާނީ އެ މީހުންގެ ވިސްނުމެވެ. އެކަމަކު، އާބާދީގެ 1،021 މީހުން ދިރިއުޅޭ މާބައިދޫން އަހަރެމެންނަށް ދައްކާލީ ތަފާތު މަންޒަރެކެވެ. 

އިގުތިސާދީގޮތުން މާ ފުދުންތެރިކަން ނެތް ޒަމާނެއްގައި ވެސް މި ރަށުގެ އަންހެނުން ހީވާގި އެވެ. އަންހެނުންގެ ކޮމެޓީތަކަށް އާމްދަނީއެއް ނުލިބޭ އެ ދުވަސްވަރޔ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރި ބުރަ މަސައްކަތް ރަށުގެ އެކި ހިސާބުތަކުން މިހާރު ވެސް ފެނެ އެވެ. 

މާބައިދޫ ކައުންސިލްގެ މެމްބަރު، އަމީނާ ޔޫސުފް ވިދާޅުވީ އަންހެނުން އިސްވެ މި ރަށުގައި ކެފޭއަކާއި މަސްމާރުކޭޓަކާއި ބޭސްފިހާރައެއް ހުޅުވި ކަމަށެވެ. އެ ކެފޭ މަރާމާތުކުރަން މި ފަހުން ވަނީ ބަންދުކޮށްފަ އެވެ. މަސްވެރިކަން ހުއްޓުމާއި މިސްކިތާ ކައިރިވުމުން އެ މާރުކޭޓު ވެސް ބަންދުކޮށްފި އެވެ. އެ ބޭސް ފިހާރަ ފަހުން ބަދަލުކުރީ އެސްޓީއޯގެ ބޭސް ފިހާރައަށެވެ.

އޭގެ އިތުރުން ވަރުވާ އަށް ދީފައިވާ ރުއް ދަނޑަކާއި ކޮޓަރިތަކެއް ކުއްޔަށް ދީގެން މީގެ އަހަރުތަކެއް ކުރިން ފެށިގެން މާބައިދޫގެ އަންހެންވެރިން އަންނަނީ އާމްދަނީ ހޯދަމުންނެވެ.

މާބައިދޫގެ އަންހެނަކު، ބައިސްކަލު ދުއްވާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މާބައިދޫގެ އަންހެނަކު، ބައިސްކަލު ދުއްވާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަންހެނުން އިސްވެ ފެށި އެ ވިޔަފާރިތަކާ އެކު، ރަށުގެ އިގުތިސާދަށް ހެޔޮ ބަދަލުތަކެއް އައިކަން އަމީނާ ފާހަގަކުރެއްވި އެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި އަހަރުތަކެއް ކުރިން މި ރަށުގައި އެޅި ސްކޫލުގެ މަސައްކަތުގައި ވެސް އުޅުނީ އަންހެނުންނެވެ. އެ ސްކޫލުގައި މިހާރު ވެސް ކުދިންނަށް ކިޔަވައިދެ އެވެ. 

"ކުރީގައި އަންހެނުން ވެއްޔާއި ގާ އުފުލައިގެން ހެދި ތަނެއް ޖަޕާނު ސްކޫލަކީ ވެސް،" އޭނާ ވިދާޅުވި އެވެ.

"މި ރަށު އަންހެނުންނަކީ ހުރިހާ ކަމެއްގައި ވެސް ވަރަށް ޒިންމާދާރު، ވަރަށް މަސައްކަތްތެރި ބައެއް." 

އަމީނާ ވިދާޅުވި ގޮތުގައި ކުދިން ކުޅޭ ޕާކުތައް ހެދީ ވެސް މާބައިދޫގެ ހީވާގި އަންހެނުންނެވެ. 

ޒަމާނީ ބަދަލުތަކާ އެކު، ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކާއި އެކުވެރިކަން ފަނޑުވިޔަސް މާބައިދޫ އެކަމުގައި ވެސް ތަފާތެވެ. 

އެންމެންގެ މޫނުމަތިން ވެސް ފެނުނީ ހިނިތުންވުމާއި އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ގާތްކަމެވެ. 

މާބައިދޫ ކައުންސިލް މެމްބަރު އަމީނާ، "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މާބައިދޫ ކައުންސިލް މެމްބަރު އަމީނާ، "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"މިހާރު ވެސް ބައްދަލުވުމަކަށް ކިޔައިފިއްޔާ ފިރިހެނުން ނުކުންނާނީ ގާތްގަނޑަކަށް މުވައްޒަފުންގެ އިތުރަށް ދެ ބޭފުޅުން. ކައުންސިލްގެ ފަސް އަހަރުގެ ދައުރު މި ނިމުނުއިރު ވެސް އަޅުގަނޑުމެންނަށް ލާމަރުކަޒީ ގާނޫނުން ލާޒިމްކުރާ ބައްދަލުވުންތަކަށް ދެ މީހުން، ތިން މީހުން ފިޔަވާ ނުނިކުންނާނެ. ދެން ތިބޭނީ ތަނުގެ މުވައްޒަފުން. އެކަމަކު، މިއަދު އަންހެން ބޭފުޅުންނަށް ގޮވާލިއަސް އަންހެނުން ނުކުންނާނެ ފުދޭ ވަރަކަށް،" އޭނާ ވިދާޅުވި އެވެ.

ދެ އީދުގައި މާބައިދު އަށް ހިނިތުންވުން ގެނެސްދެނީ މި ރަށުގެ އަންހެނުންނެވެ. ކޮންމެ ގެއެއްގައި ހެދިކާ ހަދައި، އެންމެން އެއްކުރުމުގައި އިސްވެ އުޅެނީ އަންހެނުންނެވެ.

"ހަދާނެ 3-4 ވައްތަރެއް. ފޮނި އުޅާލި، ކުޅި އުޅާލި ލާނެ، ކުޅި ރޮށި ހަދާނެ، މި ހުރިހާ އެއްޗެއް ވެސް ހިލޭ ސާބަހަށް ގޮސް ހަދައިދޭނީ،" އަމީނާ ވިދާޅުވި އެވެ.

މެހެމާނުންނަށް މަރުހަބާ ކިޔުމާއި ކަމޭހިތުމުން ފެށިގެން ރަށް ސާފުކުރުމުގައި ވެސް އަންހެނުންގެ ހިއްސާ ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތްތަކާ ހެދި، މާބައިދޫގެ ރީތި މަންޒަރު ދެއްކުމުގައި އެ އަންހެނުންގެ ދައުރު ވަރަށް ބޮޑެވެ. ރަށުން ފެނުނީ ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންގެ ހިންގުންތެރިކަމެވެ. ރަށަށް އަރައިގެން ދާއިރު މަގުމަތިން ފެންނަ ސާފުތާހިރުކަމާއި ރީތި މާބަގީޗާތަކުން އެ ދައްކުވައިދެނީ އެ މީހުންގެ ކުޅަދާނަކަމާއި މަސައްކަތްތެރިކަމެވެ.