ލ. އަތޮޅުގެ އިރުމަތީ ބިތުގައި އޮތް ރީތި ރީތި މާބައިދު އަށް ދަތުރު ފެށިއިރު ހިތުގައި އޮތީ މީގެ 10 އަހަރު ކުރީގެ ތަސައްވުރެކެވެ. މިއީ 2016 ވަނަ އަހަރަަށް ފަހު މި ރަށަށް ކުރާ ފުރަތަމަ ދަތުރަށް ވުމުން ވީ ގޮތެކެވެ. 

އޭރުގައި އެއީ ކާރޫބާރޫ ބޮޑު ބަނދަރެކެވެ. ރަށުގެ މަސްދޯނިފަހަރުގެ އިތުރުން ލ. އަތޮޅުގައި ކަންނެލި މަސްވެރިކަން ރަނގަޅުވުމުން އެހެން އަތޮޅުތަކުން އައި ބޮޑެތި ދޯނިފަހަރު އެކި ބޭނުންތަކުގައި ބަނދަރުކޮށްފައި އޮތުމުންނެވެ. އޭރުގައި މި ރަށުގައި އެހާރަށް ރަނގަޅު ސައިޒުގެ 11 މަސްދޯނި އޮތެވެ. 

އޭރުގައި މަސްކައްކައި ހިއްކުމުގެ މަސައްކަތް ކުރާ އެތައް ބަޔަކު ތިބުމުން، ރަށު ތެރެއިން މަސްވަސް ދުވަ އެވެ. މަސް އަވީލާފައި ހުންނަ ތަންތަން ވެސް ފެނެ އެވެ. އެކަމަކު މިހާރު މާބައިދޫ މީހުން ލައިގެން ކާނެ އެއްޗެއް ލިބެނީ އެހެން ރަށެއްގެ ދޯންޏެއް، މަސްވިއްކަން އަންނަ ދުވަހަކު އެވެ. 

"އުވެމުން އުވެމުން ގޮަސް މިހާރު އަޅުގަނޑުމެންގެ ރަށުގައި ނެތް މަސްވެރިކަމަށް ދުއްވާ އެންމެ ދޯންޏެއް ވެސް،" އޭރުގައި  ފެނުނު މަންޒަރު މުޅިން ބަދަލުވެ، ބަނދަރު ހުސްކޮށް އޮތީމާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާބައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިސްމާއީލް ރަޝީދު ވިދާޅުވި އެވެ. 

އޭނާ އެ ވިދާޅުވި ހާލަތު، ރަށުގެ ބަނދަރަށް ވަދެގެން އައި އިރު ވެސް އެ އޮތީ ފެންނާށެވެ. ބަނދަރުގެ ހުޅަނގު ދެކުނު ކަނާ ދިމާލުގައި އަޅާފައި އޮތް، މިހާރަށް ބަލާ ނަމަ ކުޑަކުޑަ ދޯންޏެކޭ ބުނާ ވަރުގެ އެންމެ މަސްދޯންޏެއް ފިޔަވައި މަސްވެރިކަމުގެ އެއްވެސް ނިޝާނެއް މިހާރު ރަށަކު ނެތެވެ. 

މަސްވެރިކަން ނެތިގެން ދިއުމާ މެދު އާއްމުކޮށް ދެއްކެވޭ ވާހަކައެއް އޮވެ އެވެ. އާއްމުކޮށް އެކަން ގޮސް ހުއްޓެނީ ރަށްރަށުގައި ސަރުކާރުތަކުން އުފެއްދި ވަޒީފާތަކާ ހިސާބުގަ އެވެ. ގިނަ ރަށްރަށުގައި އެކަން ފޫޅުކަނޑަނީ އެ ވަޒީފާތަކަށެވެ. ފެނަކަ ކޯޕަރޭޝަނާއި އާރްޑީސީ އާއި ވެމްކޯ ފަދަ ދައުލަތުގެ ކޯޕަރޭޝަންތަކަށެެވެ. 

ލ.މާބައިދޫ ބަނދަރު، މިއީ އެއް އިރެއްގައި ކާރޫބާރޫ ބޮޑު ބަނދަރެއް، ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ލ.މާބައިދޫ ބަނދަރު، މިއީ އެއް އިރެއްގައި ކާރޫބާރޫ ބޮޑު ބަނދަރެއް، ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ނަމަވެސް އިސްމާއީލް އެ ވާހަކައަކާ މުޅިން އެއްކޮޅެެއް ނޫނެވެ. 

"ބައެއް ބޭފުޅުން ވިދާޅުވާ ވާހަކައެއް، ސަރުކާރުތަކުން މަސްވެރިންނަށް ވަޒީފާ ދޭން ފެށީމައޭ މަސްވެރިކަން އުވިގެން ދިޔައީ. އެކަމަކު އަޅުގަނޑު ނުދަންނަވާނަން އެހެންނެއް،" އޭނާ ވިދާޅުވި އެވެ.

އެއާ ހިލާފަށް މާބައިދޫން މަސްވެރިކަން އުވުނީ އިސްމާއިލް ދެކެވަޑައިގަންނަވާ ގޮތުގައި މަސްވެރި އިންޑަސްޓްރީ ވަރށް ބާރަށް ކުރިއަރައި، ދޯނިފަހަރު ތަރައްގީވަމުން އައި އިރު އެ އޮއިވަރުގައި ފައިހަމަ ނުކުރެވުނީމަ އެވެ.  

އެފަދަ އެއްކަމަކީ އޭނާ ވިދާޅުވި ގޮތުގައި މުޅި ރާއްޖޭގައި ވެސް މަސްދޯނިފަހަރު ބޮޑެތިކޮށް ބަންނަން ފެށިއިރު މާބައިދޫގައި އެކަން ނުވުމެވެ. އަނެއް ކަމަކީ އެއް ޖީލުން އަނެއް ޖީލަށް މަސްވެރިކަމުގެ ހުނަރު ވާރުތަވަމުން ނުދިއުމެވެ. ޒުވާނުން މަސްވެރިކަމުގެ ތެރެއަށް ނުވެއްދި މަސްވެރި ޖީލު މުސްކުޅިވުމެވެ. 

"ދެން މި ރަށުގައި ދެ ދޯންޏެއް ބަން، ބޮޑު ދެ ދޯންޏެއް. އެހެން ނަމަވެސް މަހަށް ދާނެ މީހުން  ނެތިގެން އެއް ދޯނި ވިއްކާލީ އަނެއް ދޯނި ގަމަށް ގެންގޮސްފައި ގަމުގައި ވެސް ނުދުއްވިގެން މިހާރު މާލޭގައި،" އިސްމާއީލް ވިދާޅުވި އެވެ. 

މާބައިދޫން މަސްވެރިކަން އުވިދިއުމުގެ ހިތާމަ އެންމެ ބޮޑަށް ކުރައްވާ އެއް ބޭފުޅަކީ މި ރަށު ކައުންސިލްގެ އަންހެން އެއް މެންބަރު އަމީނާ ޔޫސުފެވެ. މަސްދޯނިތައް ހުއްޓެމުން ވިއްކަމުން އުވެމުން ނެތެމުން ގޮސް ފަޅުން މިހާރު ފެންނަން އޮތް ހަމަ އެކަނި ދޯނީގެ ވެރިޔަކީ އޭނާ އެވެ. 

އަމީނާ ވިދާޅުވި ގޮތުގައި އޭނާ 1.2 މިލިއަން ރުފިޔާ އަަށް ބައްލަވައިގަތް ދޯނި، ހުއްޓި، ފަޅުގައި ބާއްވަން ޖެހޭ  ހިސާބަށް ދިޔަ އިރު، އެ ދޯނީގައި އިންޖީނު އަޅަން ނެންގެވި ލޯނު ވެސް އަދި އޮތީ ނުނިމި އެވެ. އެކަމަކު ކައުންސިލުން ލިބުނު މުސާރަ އިން އެ ލޯނު ދައްކައި ނިންމައިފި އެވެ. 

މާބައިދޫ ކައުންސިލްގެ އަންހެން އެއް މެންބަރު އަމީނާ ޔޫސުފް "މިހާރު" އަަށް އިންޓަވިއު ދެއްވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
މާބައިދޫ ކައުންސިލްގެ އަންހެން އެއް މެންބަރު އަމީނާ ޔޫސުފް "މިހާރު" އަަށް އިންޓަވިއު ދެއްވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އެއްކޮށްފައި ހުރި ފައިސާކޮޅުން އޭނާ ދޯންޏެއް ބައްލަވައިގަތީ ފިރިމީހާއަކީ ކެޔޮޅަކަށް ވާތީ އޭނާއަށް ޓަކަ އެވެ. 

"ދޯނި ގަތީ ހަމަ އެއްކޮށްފައި ހުރި ފައިސާއިން، އިންޖީނު އެޅީ ލޯނެއް ނަގައިގެން."

މަސްވެރިކަން ހުއްޓުމުން އަމިއްލައަށް ދޯނި ބަލަހައްޓަން ޖެހުނު އިރު އަމީނާގެ ދަރިން ވެސް ވަޒީފާ އަދާކުރަން އެހެން ތަންތަނަށް ހިޖުރަ ކޮށްފި އެވެ. އެހެންވީމާ އެހެން ގޮތެއް ނެތިގެން މިހާރު ދޯނި އޮތ ވިއްކަން އިޝްތިހާރުކޮށްފަ އެވެ. 

"އެންމެ ފުރަތަމަ އެއް މިލިއަނަށް ޖެހި ދޯނި މިހާރު މި އުޅެނީ ހަތް ލައްކައަަށް ވެސް ނުވިކިގެން،" އޭނާ ވިދާޅުވި އެވެ. 

މާބައިދޫން އެންމެ ފަހުން މަހަށް ފުރި ދެ ދޯންޏަކީ އަމީނާގެ 64 ފޫޓުގެ ދޯންޏާއި އެހެން އަންހެނެއްގެ ދޯންޏެކެވެ. އެ ދޯނި މިހާރު ވަނީ ތ. އަތޮޅަށް ގެންގޮސްފަ އެވެ. 

"ވަރަށް ފަހުން ދިނީ ވެސް، އަދި ދެތިން މަސް ކަން ނޭނގޭ ވާނީ. އެއީ ވެސް ހަމަ އަންހެނަކު ދުއްވި ދޯންޏެއް،" އޭނާ ވިދާޅުވި އެވެ.

މަސްވެރިކަމަށާއި މަސްވެރި އުޅަނދުތަކަށް އައި ތަރައްގީ ނުގެނެވުނު ސަބަބާ ބެހޭ ގޮތުން ވެސް އޮޑިވެރިއެއްގެ ހައިސިއްޔަތުން އޭނާ ވާހަހަކަ ދެއްކެވި އެވެ. 

މާބައިދޫގައި އެންމެ ފަހުން މަހަށް ފުރި ދޯނި، މިހާރު އޮތީ ވިއްކާލަން އިޝްތިހާރު ޖަހާފައި. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
މާބައިދޫގައި އެންމެ ފަހުން މަހަށް ފުރި ދޯނި، މިހާރު އޮތީ ވިއްކާލަން އިޝްތިހާރު ޖަހާފައި. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އެއީ އަމީނާ ވިދާޅުވި ގޮތުގައި މަސްދޯންޏަށް ލިބޭ އާމްދަނީ ބެހުމުގައި އެހެން އަތޮޅުތަކުގައި ގެންގުޅޭ އުސޫލު ލ. އަތޮޅުގެ މަސްވެރިން ގަބޫލު ނުކުރުމެވެ. ލ. އަތޮޅުގައި އާމްދަނީ ބަހަމުން އައީ އޮޑިވެރިންނަށް ރަނގަޅު ފައިދާއެއް ލިބި، އިތުރަށް އިންވެސްޓް ކުރެވޭ ފަދަ ގޮތަކަށް ނޫނެވެ. 

"އޮޑިވެރިޔާއަށް ލިބޭ އެތި ވަރަށް ކުޑަ، ދޯނި އިތުރަށް ތަރައްގީ ކުރާކަށް ނޯވޭ ހަމަ އެއްވެސް އެއްޗެއް،" އޭނާ ވިދާޅުވި އެވެ. 

އަމީނާ އާއި އިސްމާއީލް ވެސް ވިދާޅުވި ގޮތުގައި ރަނގަޅަށް މަސްވެރިކަން ކުރި އިރު މާބައިދޫގެ މަސްވެރިންނަށް ބޮޑު އާމްދަނީއެއް ލިބުނެވެ. ރަނގަޅު މަސްވެރިކަމެއް އޮންނަ އިރެއްގައި ނަމަ މަސްވެރިއަކަށް ހަފުތާއަކު ވިއްސަކަށް ހާސް ލިބެމުން އަ އެވެ. 

މަސްވެރިން މިހާރު ކޮބާ؟

މަސްދޯނިތަކަށް މީހުން ނުލިބި ވިއްކާލަން ޖެހުނީ ވަޒީފާތަކާ ހެދި ކަމަށް އިސްމާއީލާއި މާބައިދޫގެ އެހެން ބައެއް  ބޭފުޅުން ވިދާޅުވި ނަމަވެސް މި ރަށުގައި ކުރިން މަހަށް ދިޔަ ގިނަ މީހުން މިހާރު ތިބީ ސަރުކާރުގެ ވަޒީފާތަކުގަ އެވެ. މިހާރު ރަށުގެ އިގުތިސާދަށް ވަންނަ ގާތްގަނޑަކަށް ހުރިހާ ފައިސާއަކީ ވެސްް ވަޒީފާ އަދާކުރާ މީހުންނަށް ލިބޭ މުސާރަ އެވެ. 

މަސްވެރިކަމުން ކުރިން ލިބުނު ނަފަޔާ އަޅާ ބަލާއިރު އެއީ ނިސްބަތުން ވަރަށް ކުޑަ އާމްދަނީ އެކެވެ. 

"މި ރަށުގައި މިވަގުތު ހިއެއް ނުވޭ ވަޒީފާ ނެތް ވިއްސަކަށް މީހުން އުޅޭނެ ހެނެއް، އެއީ މަސައްކަތްކުރާ އުމުރުގެ ވިއްސަކަށް މީހުންނެއް  ހިއެއް ނުވޭ އުޅޭނެ ހެނެއް ވަޒީފާ ނެތް،" އިސްމާއީލް ވިދާޅުވި އެވެ.

ރަޖިސްޓްރީގައި 1،100 އަށް ވުރެ ގިނަ މީހުން އޮތް މާބައިދޫގައި މިހާރު ތިބީ 600 ވަރަކަށް މީހުން ކަމަށް ވާއިރު  ގާތްގަނޑަކަށް އެ އެންމެނަށް ފުދޭ ވަރަށް ރަށުގައި ވަޒީފާ އެބަހުއްޓެވެ. 

މާބައިދޫގެ އެންމެ ގިނަ ބަޔަކަށް ވަޒީފާ ދިން ފެނަކަ ކޯޕަރޭޝަނުގައި 60 އަށް ވުރެ މުވައްޒަފުން އެބަތިއްބެވެ. މި ރަށު ކައުންސިލް އިދާރާގެ މުވައްޒަފުންގެ އަދަދަކީ 31 އެވެ. އެއީ ކައުންސިލުން ހިންގާ ޕްރީސްކޫލްގެ މުވައްޒަފުންނާއި ކުނި ކޮށީގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް އެކުގަ އެވެ. 

މީހުން ވަޒީފާ އަދާކުރާ އެހެން ތަންތަނުގެ ތެރޭގައި އަތޮޅުމަދަރުސާ އާއި މެޖިސްޓްރޭޓް ކޯޓު ވެސް ހިމެނެ އެވެ.

މިހާރު އުއްމީދަކީ ޓޫރިޒަމް

މާބައިދޫ ކޯރު، މިއީ މިރަށުގެ އެންމެ ރީތި ސަރަހައްދު. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
މާބައިދޫ ކޯރު، މިއީ މިރަށުގެ އެންމެ ރީތި ސަރަހައްދު. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

މާބައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިސްމާއީލް ރަޝީދު ވިދާޅުވި ގޮތުގައި މަސްވެރިކަން އުވިގެން ދިއުމުން، ރަށު ކައުންސިލުގެ މިހާރުގެ އަމާޒަކީ މި ރަށުގައި ލޯކަލް ޓޫރިޒަމް ދިރުވައި އާލާކުރުމެވެ. މިއީ ރާއްޖޭގެ ގިނަ ރަށްރަށުގައި ނެތް ފަދަ ރީތި ގުދުރަތީ މާހައުލެއް އޮތް ރަށަކަށް ވާތީ އެވެ. 

މިރަށުގެ ރީތި ކަމަކީ އެކި ގޮތް ގޮތަށް ގޮނިލައި، ރަށުތެރެއަށް ވަދެފައި އޮތް ރީތި ކޯރެވެ. ކޯރުން ރަނގަޅު އާމްދަނީއެއް ހޯދޭތޯ ކައުންސިލުން އަންނަނީ ކުދިކުދި ބައެއް ހިދުމަތްތައް އެ ތަނުގައި ދެނުންނެވެ. ކެނޯ ދުއްވަން ބޭނުންވާ މީހުންނަށް ކުއްޔަށް ދޭން ކައުންސިލުން ކެނޯތަކެއް ގެންގުޅުމަކީ އެފަދަ އެއް މަސައްކަތެވެ.

"މިހާރު ކައުންސިލްގެ އެންމެ ބޮޑު އަމާޒަކީ ލޯކަލް ޓުއަރިޒަމަށް ރަށް ހުޅުވާލުން. އެގޮތުން އަޅުގަނޑުމެން މިވަގުތު އޮންނާނެ ތިން ބިމެއް އިއުލާނު ކޮށްގެން ބަޔަކާ ހަވާލުކޮށްފައި، އެހެން ނަމަވެސް އަދި އެތަނުގައި މަސައްކަތެއް ނުފެށޭ،" އޭނާ ވިދާޅުވި އެވެ. 

ލޯކަލް ޓުއަރިޒަމް ގެންނަން ކައުންސިލުން ކުރާ މަސައްކަތް މާ ބާރަށް ކުރިއަށް ނުދިޔަސް އަމިއްލަ ބައެއް މީހުން މިހާރު ވަނީ އެ މަސައްކަތް ކޮންމެވެސް ވަރަކަށް ފަށައިފަ އެވެ. މީސްމީހުންގެ އަމިއްލަ ގޭގައި ގެސްޓް ހައުސް ހެދުމުގެ މަސައްކަތް މިހާރު ކޮންމެވެސް ވަރަކަށް ކުރިއަށް ދެ އެވެ. 

މާބައިދޫ ކޯރުގެ ކައިރީ އޮންނަ މަގެއް. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
މާބައިދޫ ކޯރުގެ ކައިރީ އޮންނަ މަގެއް. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

"މިހާރު ތިން ކޮޓަރީގެ ގެސްޓް ހައުސްއެއް އެބަހުރި ނިމުމުގެ މަރުހަލާގައި، ދެން މަދުމަދުން އާދޭ ގެސްޓުން، އެއީ ސާފިން އަށް އަންނަ މީހުން،" އިސްމާއީލް ވިދާޅުވި އެވެ.

ކޯރުގެ އިތުރުން ރާޅާ އަޅަން ރަނގަޅު ސަރަހައްދެއް އޮންނަ މާބައިދޫ އިސްތިހާރު ކުރަން ކައުންސިލުން އަންނަނީ ވަރަަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މާލޭގައި ބާއްވާ ގިނަ އެކްސްޕޯތަކެއްގައި ބައިވެރިވުމަކީ އެގޮތުން ކުރާ އެއް މަސައްކަތެވެ.

ނަމަވެސް މިހާރު ހުރި ގިނަ ގޮންޖެހުންތަކާ އެކު، ޓުއަރިޒަމްގެ ރަނގަޅު ރަށަކަށް މާބައިދޫ ވުމަކީ އެހާ އަވަހަށް ވެދާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. މަސްވެރިކަން ހުއްޓި ދޯނިތައް ވިއްކާލަން ޖެހުމުގެ ފަޅުކަން އެހާ ބޮޑަށް އިހުސާސް ވާ އެއް ސަބަބަކީ އޭގެ ބަދަލުގައި ކުރިއަރުވަން އުޅޭ ޓުއަރިޒަމް ވެސް އަދި ވައިގައި ނުހިފާތީ އެވެ.