ބަޑިޖަހައިގެން ނުވަތަ ސްޕިއާ ޓޫލް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުތަކުން މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް، އެކަމާ ގުޅޭ ގަވައިދު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގް ވިދާޅުވީ، ޓޫރިޒަމް ދާއިރާ އިތުރަށް ޑައިވާސިފައި ކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ސްޕިއާ ފިޝިން ރާއްޖޭގައި މަނާވެފައި އޮންނަތާ 40 އަހަރު ވެފައި ވިޔަސް، އެކަމަށް ހުއްދަ ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"ސްޕިއާ ފިޝިން ވެސް މި އަންނަ މަސްތެރޭގައި ގަވައިދަކާ އެކު ހުޅުވާލަން. އެ ވެސް މުޅިން އާ ސެގްމެންޓެއް. ވޭތުވެދިޔަ 40 އަހަރު ސްޕިއާ ފިޝިން އޮންނަނީ މަނާކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
ސްޕިއާ ފިޝިން މަނާވި ނަމަވެސް، މިހާރު ވެސް ދަގަނޑު ޖަހައިގެން މަސް ހިފުން ރާއްޖޭގައި މަނަލެއް ނޫނެވެ. އަދި އެގޮތަށް މަސް ހިފުމަކީ އާންމު ކަމެކެވެ.
ސްޕިއާ ފިޝިންގެ އިތުރުން ޓެކްނިކަލް ރެކްރިއޭޝަން ޑައިވިން ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ގަވައިދުތައް އެކުލަވައިލަން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިބަލަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ ތެރޭގައި ޓެކްނިކަލް ރެކްރިއޭޝަން ޑައިވިން ހުޅުވާލަން. މިހާރު ދެވެނީ 30 މީޓަރަށް[ޑައިވިން] އޭގެ ބަދަލުގައި 40 މީޓަރަށް ޓެކްނިކަލް ރެކްރިއޭޝަން ޑައިވިން ހުޅުވާލެވުނީމާ އެކަންތައް ކުރަން އަންނަ ޓޫރިސްޓުން ގިނަ ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.