ދެ ފެކްޓްރީ އަކުން އަގު ބަލާފައި މަސްކޮޅު ކިރައިލި އެވެ. ދޯނީގެ ލޮނުފެން ފިނިކުރާ ނިޒާމަށް މައްސަލަ ޖެހިފައި ހުރުމުން ދެން ގާތް ކުރީ އެފަދަ މަރާމާތުތައް ކުރާ ސާވިސް ސެންޓަރަކަށެވެ. އެ ތަނުގައި ދޯނި އަޅައި، ޖެހިގެން އުޅޭ މައްސަލަ މެކޭނިކުންނަށް ކިޔައިދީގައި ކެޔޮޅު ދިޔައީ ބުޅިކަންވާރާއި ދޯންޏަށް ބޭނުންވާ އެ ނޫން ވެސް ސާމާނު ހޯދަން އެތަކެތި ވިއްކާ ފިހާރަ އަށެވެ. 

ދޯނީގެ ކައްކާއާ އާއި އެހެން ދެކުއްޖަކު ދިޔައީ ދެން އޮތް ދަތުރަށް ބޭނުންވާ ކޮއްތު ހަމަކުރަން އެ ތަކެތި ވިއްކާ ފިހާރައަށެވެ. މި ހުރިހާ ކަމަކާއި އަދި އިތުރު އެތައް ފަސޭހައެއް ލިބެން ހުރީ އެއް ތަނަަކުންނެވެ. މުޅި މި ބަނދަރު ހާއްސަވެފައި މި އޮތީ މިކަމަށެވެ. 

ހިޔާލަށް ގެނައި މި މަންޒަރު އަދި ހަގީގަތަކަށް ނުވެ އެވެ. ރާއްޖޭގައި އެފަދަ "މަސްބަނދަރެެއް" އަދި ނެތެވެ.

ނަމަވެސް މަސްވެރިކަމާ  ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި މިފަދަ ބަނދަރެއް ތަސައްވުރު ކޮށްފައި އެބަ އޮތެވެ. ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަހުމަދު އަލްސަން މުހައްމަދު ހުށަހަޅުއްވާފައިވާ ބިލްގައި މަސްވެރިކަމުގެ ގާނޫނަށް ގެންނަން އޮތް އެއް އިސްލާހަކީ ކުރިން މި ބުނި ފަދަ ބަނދަރުތައް ތަރައްގީ ކުރަން ވަކި އުސޫލުތަކެއްގެ ތެރެއިން ކުންފުނިތަކަށް ހުއްދަ ދިނުމެވެ.

މަސްވެރިކަމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ފަހަތަަށް އިތުރުކުރަން އެ ބިލުގައި ހުށަހަޅާފައިވާ 30-1 ވަނަ މާއްދާގެ (ހ) ގައި އޮތީ އެފަދަ ބަނދަރުތައް ތަރައްގީ ކުރަން ހުއްދަ ދިނުމެވެ. އެ މާއްދާގެ (ށ)ގައިވާ ގޮތުން މަސްވެރި ބަނދަރުގެ ގޮތުގައި ތަރައްގީ ކުރަން ހުއްދަ ދޭނީ މެރީނާ، ވޯފް ޕިއާ އަދި ލޭންޑިން ސްޓޭޝަން ފަދަ ތަންތަނެވެ. 

މިފްކޯގެ މަސްކިރާ ބޯޓެއް ކައިރީގައި މަސްއޮޑިތައް މަސްކިރުމަށް ކިއޫ ހަދައިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިފްކޯގެ މަސްކިރާ ބޯޓެއް ކައިރީގައި މަސްއޮޑިތައް މަސްކިރުމަށް ކިއޫ ހަދައިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެފަދަ ބަނދަރެއްގައި ހުންނަންޖެހޭ ހިދުމަތްތައް އެ މާއްދާގެ (ނ)ގައި އެބަ އޮތެވެ.

މަސް ބަނދަރުން ލިބެން ޖެހޭ ހިދުމަތްތައް

  1. އުޅަނދު ފަހަރު ބަނދަރުކުރުމުގެ ހިދުމަތް
  2. އުޅަނދު ފަހަރު ސާވިސްކުރުމުގެ ހިދުމަތް
  3. މަސްވެރިކަމާ ގުޅޭ ލޮޖިސްޓިކްސްގެ ހިދުމަތް
  4. މަސް ކިރުމާއި މަސް ޕްރޮސެސްކުރުމުގެ ހިދުމަތްދޭ ތަންތަން
  5. މަސްވެރިކަމުގެ އަދި މަސްވެރިކަމާ ގުޅުން ހުރި ހަރަކާތްތަކަށް ބޭނުންވާ އާލާތްތަކާއި ސާމާނު ވިއްކާ ފިހާރަތައް
  6. ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެ ނޫން ވެސް ހިދުމަތައްތައް

މަސްވެރިކަމާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުގައި ހުރީ މަސް ބަނދަރެއްގައި ހުންނަން ޖެހޭނެ ވަސީލަތްތައް އެކަންޏެއް ނޫނެވެ. އެފަދަ ބަނދަރުތައް ހިންގުމަށް ޓަކައި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނަން ޖެހޭނެ ބައިތައް ވެސް ބިލުގައި ކަނޑައަޅާފައި ވެ އެވެ.

ގަވާއިދުގައި ހިމަނަން ޖެހޭ ފުރަަތަމަ ކަމަކީ މަސް ބަނދަރު ތަރައްގީކޮށް ހިންގަން ހަވާލުވާ ކުންފުނިތަކާ އެކު ހަދާ ކުލީގެ އެއްބަސްވުމާއި މަސައްކަތުގެ އެއްބަސްވުންތަކުަގައި ހުންނަން ޖެހޭނެ ޝަރުތުތަކެވެ. ދެވަނަ ކަމަކީ މަސް ބަނދަރުތަކުގައި ހުންނަަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކެވެ. ބަނދަރަށް ލަފާފުރުމާއި މުދާ ބޭލުމުގެ އުސޫލުތައް ވެސް އެ ގަވައިދުގައި ހިމަނަން ޖެހޭނެ އެވެ.

ބަނދަރުގައި ގާއިމްކުރާ އެކޮމޮޑޭޝަން ފެސިލިޓީތަކުގައި ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ވެސް ބިލް ފާސްކޮށް އަމަލުކުރަން ފެށުމުން ހަދާ ގަވައިދުގައި ހިމަނަން ޖެހޭނެ އެވެ.

ބަނދަރުން ނަގާނެ ފީތަކާއި ބަނދަރު ބޭނުންކުރާ މީހުން އަދާކުރަން ޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވެސް އެ ގަވާއިދުގައި ހިމަނަން ޖެހޭނެ އެެވެ.

ބަނދަރު ހިނގާ ނުހިނގާ ގޮތް ބަލާނީ ކޮން ބައެއް ކަމާއި އެ ބަޔަކު އުފުލަން ޖެހޭނީ ކޮން މަސްއޫލިއްޔަތެއް ކަން ވެސް އެ ގަވައިދުވައި ކަނޑައަޅަން ޖެހޭނެ އެވެ. 

ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި ކުނި މެނޭޖްކުރާނެ ގޮތުގެ ތަފްސީލަށް ދަންދެން އެ ގަވައިދުގައި ހިމަނަން މި ބިލުން ލާޒިމް ކުރެ އެވެ. 

މަސްވެރިކަމުގެ ގާނޫނަށް ގެންނަ އިސްލާހުގައި މަސް ބަނދަރުތައް ތަރައްގީކުރަން ހުއްދަ ދޭނެ އުސޫލުތަކުގެ އިތުރުން ހުރި ބައެއް ބަދަލުތަކުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާގައި މަނާކޮށްފައިވާ ކަންތައްތައް، ކުރިއަށް ވުރެ ސާފުކޮށް ކަނޑައެޅުމާ އެކު އެ ކަންކަމަށް އެކަށީގެންވާ އަދަބުތައް ކަނޑައެޅުން ވެސް އެބަ އޮތެވެ.

ސްޕޯޓްސް ފިޝިން މެރީނާތައް ގާުއިމްކުރުން

މަސްވެރިކަމުގެ ގާނޫނަށް ގެންނަ ބަދަލުގައި މަސް ބަނދަރުތައް ގާއިމްކޮށް ހިންގާނެ އުސޫލުތައް ކަނޑައަޅާފައި ވާއިރު މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަަމަށް ހާއްސަ މެރީނާތައް ހިންގާނެ އުސޫލުތައް ހެދުން ދޫކޮށްލާފައި ވަނީ ކަމާ ބެހޭ މިނިސްޓްރީތަކަށެވެ.

ބިލްގައި އެގޮތަށް އެކަން އޮތް އިރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން މެރީނާތައް އަޅައި ހިންގާނެ އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

ސްޕޯޓްސް ފިޝިން މެރީނާތައް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އަޅާނެ އިންވެސްޓަރުން ހޯދަން އިކޮނޮމިކް މިނިސްޓްރީން ޝާއިއު ކޮށްފައިވާ ކަރުދާހެއް ގައި ވާ ގޮތުން އެކަމަށް މިހާރު ވެއް ވަނީ ތިން ފަޅެއް ކަނޑައަޅައިފަ އެވެ.

އެއީ ކ. ބޮޗުފަޅާއި ވ. މާދިއްގަރު ފަޅާއި ގދ. ބަލޮމަތިދޫ ފަޅެވެ.

އިކޮނޮމިކް މިނިސްޓްރީގެ ކަރުދާހުގައިވާ ގޮތުން ސްޕޯޓްސް ފިޝިން މެރީނާއެއްގައި ގާއިމްކުރަން ޖެހެނީ މައިގަނޑު ދެ ދާއިރާއެއްގެ ވަސީލަތްތަކެވެ. އެއީ ބަނދަރުގައި ހުންނަން ޖެހޭނެ ވަސީލަތްތަކާއި އެއްގަމުގައި ހުންނަން ޖެހޭނެ ވަސީލަތްތަކެވެ. 

ބަނދަރުގައި ހުންނަން ޖެހޭނެ ވަސީލަތްތަކަކީ:

  1. ސަފާރީތަކާއި މަސްއުޅަނދުތައް އަޅާނެ ރަނގަޅު ފެންވަރުގެ ސަރަހައްދެއް
  2. އުޅަނދު ފަހަރަށް ތެލާއި ފެން ފޯރުކޮށްދޭނެ ސްޓޭޝަންތައް
  3. ބާނާ މަހަށް ކުރަން ޖެހޭ މަސައްކަތަތްތައް ކޮށް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖެއް

އެއްގަމުގައި ހުންނަން ޖެހޭނެ ވަސީލަތްތައް:

  1. އުޅނަދުތަކަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތައް ކުރާނެ ތަނެއް
  2. އުޅަނދުތަކަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރައެއް
  3. މާކެޓްކުރާ މީހުންނާއި ޓުއައޮޕަރޭޓަރުން މަސައްކަތްކުރާނެ ތަނެއް
  4. ޒިޔާރަތްކުރާ މީހުންނަށާއި މަޑުކުރާ މީހުންނަށް ހިދުމަތްދޭނެ ރެސްޓޯރެންޓް ކެފޭ ތަކާއި ރީޓެއިލް ފިހާރަތައް
  5. މަސްވެރިކަމަށް އަންނަ މީހުން މަޑުކުރާނެ ލޮޖް ސްޓައިލް އެކޮމޮޑޭޝަން

މި ވަސީލަތްތަކާ އެކު ސްޕޯޓްސް ފިޝިން މެރީނާތައް ގާއިމްކުރަން އިންވެސްޓްކުރާ ކުންފުނިތަކަށް ސަރުކާރުން ބޮޑެތި ލުއިތަކެއް ދޭނެ ކަމަށް ވެސް ކަރުދާހުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެ އެވެ. 

އެެ މަސައްކަތަށް އެއްގަމާއި މޫދުން ދިގު މުއްދަތަށް ދޫކުރާ ސަރަހައްދުން އެކުއިޒިޝަން ފީ ނުނެގުން އޭގެ ތެރޭގައި ހިމެނެ އެވެ. މެރީނާ އަޅަން ގެންނަ ތަކެއްޗަށް ޑިއުޓީ ނުނެގުމާއި ކުލި ދައްކަން ނުޖެހޭ  ގޮތަށް ތިން އަހަރު ދިނުމަކީ ވެސް ދޭނެ ލުޔެކެވެ.

އެ ކަރުދާހުގައިވާ ގޮތުން ސްޕޯޓްސް ފިޝިން މެރީނާތައް ހިންގުމުގެ ފުރުސަތު، 100 ޕަސެންޓް ބޭރުގެ ވިޔަފާރިތަކަށް ވެސް އޮންނާނެ އެވެ.

އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު މަސްވެރިކަމާ ބެހޭ ގާނޫނަށް ގެންަނަން ހުށަހަޅާފައި އޮތް އިސްލާހު ވެސް ވަރަށް އަވަހަށް ފާސްކުރާނެ ކަމަށް އެ ބިލުގެ އިބްތިދާއީ ބަހުސްގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވި އެވެ.

މަސް ބަނދަރުތައް  ރަނގަޅު ފެންވަރުގައި ހިންގުމަކީ އެހެން ބައެއް ގައުމުތަކުގައި ވެސް ކާމިޔާބުކަމާ އެކު ކުރަމުން އަންނަ މަސައްކަތެކެވެ.