ބާޒާރުގައި ތެލުގެ އަގު އެހާ މަތިވެގެން ދިޔައިރު ވެސް އަގަށް އައި ބުރަ މަސްވެރިންނަށް ނުޖައްސައި ކުރެވެން އޮތް އެންމެ ރަނގަޅަކަށް ސަރުކާރުން މެނޭޖްކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ. 

މަސްދޯނި ފަހަރަށާއި މަސް ކުންފުނިތަކަށް ބޭނުންވާ ތެޔޮ ލިބުން ދަތިވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރުމުން މިނިސްޓަރު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މިހާރު އޮތް އުނދަގޫ ހާލަތުގައި ވެސް (މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ދަތިކަމުގައި ވެސް) ސަރުކާރުން ޔަގީންކުރާ އެއް ކަމަކީ "ދިވެހި މަސްވެރިންނަށް މަސްކަނޑުތަކަށް ނުކުމެވޭނެ ކަން ކަށަވަރުކުރުން" ކަމަށެވެ. ސަރުކާރުން އަންނަނީ ތެލުގެ ކަންތައް ވީ އެންމެ ރަނގަޅަކަށް މެނޭޖްކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"މި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ޔަގީންކުރާ އެއް ކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނުކުމެވޭނެކަން ކަށަވަރުކުރުން. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ މައްޗަށް އަރައިގެންދިޔަ ނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސައި ސަރުކާރުން މިއަދާ ހަމައަށް ވެސް މިގެންދަނީ ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަށް މަނޭޖުކުރަމުން،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްވެރިން ވެސް އެކަން ޝުކުރުވެރިކަމާ އެކު ބަލައިގަނެ އެވެ.

ރާއްޖޭގެ މަސްވެރިކަން މިފަހުން ދަށްވީ މިނިސްޓަރު ވިދާޅުވި ގޮތުގައި މުޅި ރާއްޖެއަށް ވެސް އެންވެރިކަން ދަށްކޮށް، ގިނަ ދުވަސްތަކެއް ހޭދަވުުމުންނެވެ. އެހެން ނަމަވެސް އެންވެރިކަން ރަނގަޅުވާން ފެށުމާ އެކު މަސްވެރިކަން ވެސް މިހާރު އަންނީ ރަނގަޅުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން މަސްވެެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައް ވެސް ކުރެވޭނެ. ސަރުކާރުން މިދަނީ މަސްވެެރިންގެ ކަންކަން މިހާލަތުގައި ވެސް ގާތުން ބަލައި މަސްވެެރިންނަށް އެންމެ ރަނގަޅު ގޮތްތަކަށް މަސައްކަތް ކޮށްދެމުން،" ޝިޔާމް ވިދާޅުވި އެވެ. 

މަސްވެރިކަމުގެ އިންޑިސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭން އެ އިންޑަސްޓްރީއާ މަޝްވަރާކޮށްގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.