ތެލުގެ އަގު އުފުލުމުމުގެ ސަބަބުން ތައިލެންޑުގެ މަސް ބޯޓުފަހަރުގެ 70 ޕަސަންޓް މަސައްކަތް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު އެ ގައުމުގެ މަސްވެރިކަމުގެ ސިނާއަތުން ދީފި އެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ.  

މި މަހު 13 އިން 14 އަށް ފާހަގަ ކުރާ ތައިލެންޑްގެ އާ އަހަރަށް ފަހު ބައެއް ބޯޓްފަހަރު މަހަށް ނުކުތުން ހުއްޓާލާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ގާތްގަނޑަކަށް 50,000 މަސައްކަތްތެރިންނަށް މީގެ އަސަރު ކުރާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުންޏެވެ. 

ތައިލެންޑްގެ ނެޝަނަލް ފިޝަރީޒް އެސޯސިއޭޝަންގެ އެޑްވައިޒަރު ސަރަވުތު ތޯސަކުލް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށެވެ. މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ބޮޑު ހަރަދެއް ހިނގަނީ ތެލަށެވެ.

މިހާރު ވެސް 40 ޕަސަންޓާއި 50 ޕަސަންޓާ ދެމެދުގެ އަދަދަކަށް ބޯޓުފަހަރު ވަނީ މހަށް ނުކުތުން ހުއްޓާލާފަ އެވެ. މީގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާގައި ހަރަކަތްތެރިވާ ކުންފުނިތަކުގެ 6,000 މަސް ބޯޓް ހިމެނެ އެވެ.

ކުދި މަސްބޯޓްފަހަރު ކެޓަގަރީގައި ހިމެނޭ 15,000 އާއި 16,000 އާ ދެމެދުގެ އަދަދަކަށް ބޯޓް ހިމެނެ އެވެ.

މަހަށް ނުކުންނަ ބޯޓްތަކުގެ މަދުވި ނަމަވެސް، ތައިލެންޑުގެ ބާޒާރުގައި މަހުގެ އަގުތަކަށް އަދި ބަދަލެއް ނާންނަކަމަށް މީޑީއާތަކުން ބުންޏެވެ. 

ރެސްޓޯރެންޓުތަކަށް ސަޕްލައިކުރާ ފަރުމަހާއި ސީފުޑްގެ ފަދަ ބާވަތްތަކުގެ އަގު އަދި ހުރީ ކުރީގެ  އަގުގަ އެވެ. ކަނޑުމަހުގެ އަގަށް ބަދަލެއް ނާދެ އެވެ. ތައިލެންޑްގެ ސީފުޑް މާކެޓްގައި މަގުބޫލު ބޯވައިގެ އަގު ވަނީ 10 ޕަސަންޓް  ދަށަށް ގޮސްފަ އެވެ.

މަހުގެ އަގު އުފުލިފައި ނުވަނީ ކަސްޓަމަރުން އެ ތަކެތި ބޭނުންކުރާ މިންވަރު މަދުވުމުގެ ސަބަބުން ކަމަށް ނެޝަނަލް ފިޝަރީޒް އެސޯސިއޭޝަންގެ އެޑްވައިޒަރު ސަރަވުތު ވިދާޅުވި އެވެ.