އާބާދީ ހާހަކުން ކިރިޔާ މައްޗަށް ޖެހިލިއަސް ލ. މާބައިދޫ ފަހުރުވެރިކޮށްދޭނެ ކިތަންމެ ދަރިންނެއް އެ ރަށުން އުފަންވެއްޖެ އެވެ. އެއީ މި ރަށުގައި އުޅެ ބޮޑުވެ، މި ފަސްގަނޑުން ކުޅިވަރުގެ މައިދާނުގައި ވިދާ އެތައް ތަރިންނެކެވެ.

އެ ތަރިންތައް ރަށަށް އުފާވެރިކަން ގެނެސްދީފި އެވެ. މުޅި ގައުމަށް ރީތި ނަން ހޯދައިދީ، ފަހުރުވެރިކޮށްދީފި އެވެ. އަދި މުސްތަގުބަލުގައި އެ ނަން ދަމަހައްޓައިދޭނެ އެތައް ދަރިންނެއް މިހާރު ވެސް އަންނަނީ ކޯޓުގައި ތަފާތު ދައްކަމުންނެވެ. 

ރަށު ފެންވަރުން އަދި ކައުންސިލްގެ ގާބިލްކަން ހުރި މިންވަރުން މިހާރު ވެސް އެ ކުޅުންތެރިންނަށް އެހީވެ އެވެ.

މާބައިދޫގައި ފުޓްބޯޅަ ކުޅޭ ދަނޑު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މާބައިދޫގައި ފުޓްބޯޅަ ކުޅޭ ދަނޑު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާބައިދޫގެ ކައުންސިލް މެމްބަރު މުހައްމަދު އަޖުވަދު ވިދާޅުވީ ތިން ކުޅިވަރެއްގައި، މި ރަށަށް ނިސްބަތްވާ ގައުމީ ޓީމުގެ ހަތް ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި އެ މީހުންގެ ބޮޑު ބައިވެރިވުމާއެކު އެކި މުބާރާތްތަކުގައި ޗެމްޕިއަން ތަށި ހޯދާފައިވެ އެވެ.

ނަމަވެސް، ބަދަލުގައި ސަރުކާރުގެ ފަރާތުން ލިބުނު އެހީއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ނެތީ އެ ފެސިލިޓީސްއޭ އަސްލު. ސަރުކާރަށް ވެސް އަޅުގަނޑުމެން ވެސް އެންމެ ބޮޑަށް ދަންނަވާފައި ވާނީ އަޅުގަނޑުމެން ކުރި ދަތުރުތަކުގައި ވެސް. މިނިސްޓަރާ ވެސް ބޮޑަށް ވާހަކަދެކެވިފައި ވަނީ (އެކަމަކު) އިންޑޯ ކޯޓެއް ވެސް މިހާތަނަކަށް ނެތޭ،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ރާއްޖެ ސުޕަ ލީގު މުބާރާތުގައި ވާދަކޮށް، މާބައިދޫ ޓީމު ޗެމްޕިއަންކަން ހޯދައި ތައްޓާއެކު އުފާފާޅުކުރަނީ. ގައުމީ ވޮލީ ޓީމުގައި މާބައިދޫގެ ހަތަރު ކުޅުންތެރިން ހިމެނޭ.
މީގެ ކުރިން ބޭއްވި ރާއްޖެ ސުޕަ ލީގު މުބާރާތުގައި ވާދަކޮށް، މާބައިދޫ ޓީމު ޗެމްޕިއަންކަން ހޯދައި ތައްޓާއެކު އުފާފާޅުކުރަނީ. ގައުމީ ވޮލީ ޓީމުގައި މާބައިދޫގެ ހަތަރު ކުޅުންތެރިން ހިމެނޭ.

އަންހެން ގައުމީ ވޮލީ ޓީމުގައި މާބައިދޫގެ ހަތަރު ކުޅުންތެރިން ހިމެނެ އެވެ. އެއީ؛

- އާމިނަތު ރިޔާޝާ

- މަނާލް އިސްމާއިލް ރަޝީދު

- ފާތިމަތު އަނާލު

- އާމިނަތު މާނާ ނާޒިމް

އޭގެ އިތުރުން، ފުޓްބޯޅަ ގައުމީ ޓީމުގައި ހިމެނޭ ހުސެއިން ނިހާން (ނިހާޓު) އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ މުހައްމަދު އައިހަމް އަކީ ވެސް މާބައިދޫގެ ފަހުރުވެރި ދެ އުފެއްދުމެވެ. މިހާރު ގިނަ ބައެއްގެ މެދުގައި މަގުބޫލު ހޭންޑްބޯޅައިގެ ގައުމީ ޓީމުގައި ހިމެނޭ އާމިނަތު އިބާ އިބްރާހިމަކީ ވެސް މި ރަށަށް ނިސްބަތްވާ ޒުވާނެކެވެ. 

ކުޅިވަރުގައި މާ ބޮޑު ކުރިއެރުންތަކެއް ނުލިބުނަސް ބައެއް ރަށްތައް ވަނީ ކުޅިވަރު ދަނޑުތަކުން ފުރާލައިފަ އެވެ. މާބައިދޫއަށް އަދި އެ "އިނާމެއް" ނުލިބެ އެވެ.

ފުޓްބޯޅައިގައި މުޅި އަތޮޅު ތަމްސީލުކޮށް، ޗެމްޕިއަން ހޯދި މާބައިދޫން ކުޅެމުން އަންނަނީ ވިނަ ދަނޑުގަ އެވެ. 

މާބައިދޫ ބަނދަރު މަތި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މާބައިދޫ ބަނދަރު މަތި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މި ރަށުގައި ވޮލީ ކުޅެނީ ކައުންސިލުން އަމިއްލައަށް ފަސް އަޅައިގެން ހަދާފައިވާ ކޯޓެއްގަ އެވެ. 

އަޖުވަދު ވިދާޅުވީ ވޮލީގައި ފާހަގަކޮށްލެވޭ ރަށަކަށް މާބައިދޫ ވެގެން ދިޔައީ ސްކޫލު އަދި އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތުން ސްކޫލު ކުދިންނަށް ފުރުސަތު ދީގެން ކަމަށެވެ.

މި ރަށުގައި އޭރު ވެސް އަދި މިހާރު ވެސް ހަވީރު ވަގުތަކީ، ކިޔެވުމުން އެއްފަރާތްވެ، ކުޅިވަރުގައި ދަރިވަރުން ހޭދަކުރާ ވަގުތެވެ.

އޭގެ ތެރެއިން ބައެއް ކުދިން ސްކޫލު ނިންމުމަށްފަހު މާލެ ބަދަލުވަނީ ވޮލީ ކުޅުމުން ވެސް ކުރިއަށް ދާށެވެ. 

މާބައިދޫ ފުޓްބޯޅަ ޓީމް. ގައުމީ ފުޓްބޯޅަ ޓީމުގައި މި ރަށުގެ ދެ ކުޅުންތެރިން ހިމެނޭ.
މާބައިދޫ ފުޓްބޯޅަ ޓީމް. ގައުމީ ފުޓްބޯޅަ ޓީމުގައި މި ރަށުގެ ދެ ކުޅުންތެރިން ހިމެނޭ.

ނަމަވެސް، އެ ކާމިޔާބީތަކުގައި އެންމެ ބޮޑު ސަޕޯޓަރަކަށް މާބައިދޫ ކައުންސިލް ވެގެންދާނެ އެވެ. އަދި އިދާރާތަކުގެ އެހީއާއެކު، އެ ކާމިޔާބީގެ ޗޭނަލަށް އިތުރު ބޮޅުތަކެއް އިތުރުވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

"އެ ފެސިލިޓީތައް ހޯދައިދީފިނަމަ މާބައިދޫގެ ދަރިން ކުޅިވަރުގެ އިތުރަށް ކާމިޔާބު ވާނެ،" އަޖުވަދު ވިދާޅުވި އެވެ.