ބަލި ހާލަތުގެ ސަބަބުން، މަރިޔަމް ނުހާ އަށް ރޯދަ ނުހިފޭތާ އެއީ ތިން ވަނަ ރޯދަ މަހެވެ. ގިނައިރު ނުކައި ހުންނަ ނަމަ، ހާލު ގޯސްވެ، ރޯދަ ދޫކޮށްލަން މަޖުބޫރު ވަނީ އެވެ. އޭނާ ދެ ވަނަ ދަރިފުޅަށް، 2017 ވަނަ އަހަރު ބަނޑުބޮޑުވި އިރު ވެސް އުޅެނީ އެ ހާލުގަ އެވެ.

ނުހާ އަށް ރޯދަ ނުހިފެނީ ބަލި ހާލަތު ހުރިގޮތުންނެވެ. އެކަމަކު އޭގެ ސަބަބުން މީހުންގެ މަލާމާތް ލިބުނެވެ. ކައިރީގައި އުޅޭ މީހުން، "ރޯދަ މަސް އޭނާއަށް ނުލިޔުއްވަނީ" އޭ ނުވަތަ "ކުރެވޭ ރަނގަޅު ކަންތައް ގިނައީ ކަމަށް" ބުނެ، ސަމާސާއަކަށް ވެސް ބުނާ ބަސްތައް ވީ އޭނާއަށް ވިހަ އަކަށެވެ. ފަހުން އައިސް، އޭނާއަށް ގަބޫލު ކުރެވެން ފެށީ ވެސް އެހެންނެވެ. ރޯދަ ނުހިފެނީ އޭނާއަށް ކުރެވިފައިވާ ފާފަތައް ގިނަކަމުން ކަމަށް ހިތަށް އަރާ، ރޮވެ އެވެ.

ނުހާ ދެ ވަނަ ދަރިފުޅު ވިހެއީ، 2017 ވަނަ އަހަރުގެ ރޯދަ މަހުގެ މެދުތެރޭގަ އެވެ. ވިހެއުމާ ގުޅިގެން، ނަމާދުކުރުމާއި ގުރުއާން ކިޔެވުން ފަދަ އަޅުކަންތައް ކުރުން މެދުކަނޑާލަން ޖެހުނެވެ. ފައިސާގެ ދަތިކަން ކުރިމަތިވެ، ހެޔޮކަމެއްގެ ގޮތުގައި ސަދަގާތެއް ވެސް ނުކުރެވުނެވެ. އެކަންވީ، ނުހާގެ ބަހުން ނަމަ، އޭނާގެ އީމާންތެރިކަން އިތުރަށް ދަށްވި ކަމަކަށެވެ. އޭނާއަށް ގަބޫލު ކުރެވުނީ، ކުރެވިފައިވާ ކޮންމެވެސް ފާފައެއްގެ ސަބަބުން، ﷲއަށް އަޅުކަން ކުރުމުން އެކަލާނގެ ދުރުކުރައްވަނީ ކަމަށެވެ. ރޯދަ މަހުގެ ބަރަކާތްތެރިކަން އޭނާއަށް ހައްގު ނުވަނީ ކަމަށެވެ. ވަކި ހިސާބަކުން އޭނާ އުއްމީދު ވެސް ކަނޑާލީ އެވެ.

"އެކަމަކު ﷲ އަހަރެންނަށް ތެދުމަގު ދެއްކެވީ. ދުއާކުރުމަށް މަގުފަހި ކުރެއްވީ. ދެން ހަމަ ހުއްޓާ ނުލައި ދުއާ ކުރަން ފެށީ. ރޯދަ ނުހިފޭ ނަމަ، ނަމާދު ނުކުރެވޭ ނަމަ ކޮންމެވެސް އެހެން ހެޔޮކަމެއް ކުރުމަށް މަގުފަހި ކޮށްދެއްވާތޯ،" އުމުރުން 25 އަހަރުގެ ޒުވާނާ ކިޔައިދިނެވެ.

ނުހާގެ ފިރިމީހާ، އުފާވެރިކަމުގެ ހަބަރާއެކު ގެއަށް އައީ ވެސް އޭނާ އެ ދުއާގެ މަތީގައި ހުއްޓަ އެވެ. ފިރިމީހާގެ ދުރުތާ ތިމާގެ މީހަކު، އެއްމާބަނޑު ހަތަރު ކުދިން ވިހައިގެން، އެ ކުދިންނަށް ކިރު ދިނުމަށް ކިރުމައެއް ހޯދާ ވާހަކަ ބުނުމުން، އޭނާއަށް އިހުސާސް ކުރެވުނީ ދުއާ އިޖާބަކުރެއްވީ ކަމަށެވެ. އޭރު ވެސް އުމުރުން ދެ އަހަރުގެ ދޮށީ ދަރިފުޅަށާއި ހަތް ދުވަސްވީ ތުއްތު ދަރިފުޅަށް ކިރު ދެމުން އައި މަންމައަށް ހަމަ ކުއްލިއަކަށް އިތުރު "ހަތަރު ދަރިން" ލިބުނީ އެވެ.

ށ. ފޯކައިދޫގެ ދެމަފިރިންނަށް ލިބުނު އެއްމާބަނޑު ހަތަރު ކުދިންނަކީ ރާއްޖޭގައި މި ފަހުން ލިބުނު އެ ފަދަ ފުރަތަމަ ކުދިންނެވެ. އެއީ ހަތަރު އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. އުމައިރާ އާއި އުމައިމާ އާއި އުނައިޒާ އަދި އަޒީން އެވެ. އޭޑީކޭގައި ވިހެއުމަށް ފަހު، މަންމަގެ ހާލު ދެރަވުމުން، ކިރުމައެއް ހޯދަން އާއިލާއިން ބޭނުންވީ އެވެ.

ފިރިމީހާގެ އެދުމުގެ މަތިންނާ އެކު، ނުހާ އެއްފަހަރާ ހަ ކުދިންނަށް ކިރު ދޭން ފެށި އެވެ. ދުވާލަކު އެތައް ފަހަރަކު، ގިނަ ކުދިންތަކަކަށް ކިރު ދިނުންވީ، ފުރަތަމަކޮޅު ނުހާ ވަރަށް ވަރުބަލިވި ކަމަކަށެވެ. މަސައްކަތެއް ކުރާނެހާ ވަރު ވެސް އޭނާގެ ނުހުރެ އެވެ. އެކަމަކު ދުވަސްކޮޅަކަށް އެކަން އާދައަކަށް ވެއްޖެ އެވެ.

އޭޑީކޭގައި ވިހެއި އެއްމާބަނޑު ހަތަރު ކުދިން
އޭޑީކޭގައި ވިހެއި އެއްމާބަނޑު ހަތަރު ކުދިން

"ވަރަށް އުފާވެރި އިހުސާސެއް ކުރެވެނީ. ވަރަށް ފުލްފިލިން. އަމިއްލަ ދަރިންނަށް ކޮށްދޭ ކަމެއް، އެހެން މީހެއްގެ ދަރިންނަށް ކޮށްދެވުމުން، އެ އިހުސާސް ބުނެދެން ވެސް ނޭނގޭ،" ފެންކަޅިވެ ހުރެ، މިހާރު ހަތަރު ކުދިންގެ މަންމަ އޭނާ ބުންޏެވެ.

ނުހާ ބުނިގޮތުގައި އެހެން މީހެއްގެ ބަނޑުން އުފަންވި ނަމަވެސް، އެ ކުދިންނާ މެދު އޭނާއަށް ދެކެވުނީ އަމިއްލަ ދަރިން ފަދައިންނެވެ. ހޮސްޕިޓަލަށް ވެސް އަދި އެ ކުދިންގެ ގެޔަށް ވެސް އޭނާ ގިނަގިނައިން ޒިޔާރަތް ކުރި އެވެ. އެކަމަކު ދެ މަހެއްހާ ފަހުން، ކުދިންގެ މަންމަ ގަދަވުމުން، އެ ކުދިންނަށް ކިރު ދިނުން އޭނާ ހުއްޓާލި އެވެ.

ހަތަރު ކުދިން ވެސް ދެން ބަދަލުވީ ރަށަށެވެ. އެއީ ނުހާ ވަރަށް ހިތްދަތިވި ކަމެކެވެ. އެކަމަކު، މިހާތަނަށް އައި އިރު ވެސް، އެ ކުދިންނާ ގާތްގުޅުމެއް އޭނާ ބާއްވަ އެވެ. ބަރާބަރަށް ފޯނުން ވާހަކަ ދައްކައި، ވީޑިއޯ ކޯލް ކުރެ އެވެ. މިހާރު ހަތަރު އަހަރު ފުރެން ކައިރިވެފައިވާ އެ ކުދިން އޭނާއަށް ކިޔަނީ "ކުޑަ މަންމަ" އެވެ. އެ ކުދިންގެ މަންމަ އާއި އާއިލާގެ ޝުކުރާއި ލޯބި، މިއަދާ ހަމައަށް ވެސް އޭނާއަށް ލިބެ އެވެ.

މި ރޯދަ މަހު ވެސް ނުހާއަކަށް ރޯދައެއް ނުހިފެ އެވެ. ހިތްވަރެއް ނެތް ކަމަށް ބުނެ އަދިވެސް ބައެއް މީހުން މަލާމާތް ކުރެ އެވެ. އެކަމަކު ނުހާ ބުނި ގޮތުގައި އެ ފަދަ ބަސްތަކަކުން އޭނާގެ އީމާންތެރިކަމަކަށް ދެން ގުޑުމެއް ނާރާނެ އެވެ.

"ﷲ އެއްވެސް އިންސާނަކު ދޫކޮށެއް ނުލައްވާނެ. އަދި ހެޔޮހިތުން ކުރާ ދުއާ އިޖާބަ ކުރައްވާނެ،" ނުހާ ބުންޏެވެ.

"މިހާރު އަޅުގަނޑަކީ އަށް ކުދިންގެ މަންމައެއް،" އޭނާ ބުންޏެވެ.