ނައިރޯބީ (އޮކްޓޯބަރު 24) - ސޯމާލިއާގެ ކަނޑު ފޭރޭ މީހުންގެ އަތް ދަށުގައި ފަސް އަހަރެއްހާ ދުވަހު ހޭދަކުރުމަށް ފަހު ހޮނިހިރު ދުވަހު ސަލާމަތްވި މީހުން ދިރި ހުރުމަށް ޓަކައި މީދާ ވެސް ކާން ޖެހުނު ކަމަށް އެ މީހުން ބުނެފި އެވެ.

ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނޭ ފިލިޕީންސްގެ ފަޅުވެރިއެއް ކަމަށްވާ އާނެލް ބަލްބެރޯ ބުނީ އެ މީހުންނަށް ކޮންމެ ދުވަހަކު ވެސް ދެނީ ވަރަށް މަދު ފެންފޮދެއް ކަމަށެވެ. އަދި ކާނެ އެއްޗެއް ނުލިބިގެން ޖެހުނު ކޮންމެ އެއްޗެއް ކާން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

ސޯމާލިއާގެ ކަނޑުފޭރޭ މީހުން ދޫކޮށްލި ފަޅުވެރިންގެ ތެރޭގައި ހިމެނޭ ބެލްބަރޯ ނައިރޯބީ އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ
ސޯމާލިއާގެ ކަނޑުފޭރޭ މީހުން ދޫކޮށްލި ފަޅުވެރިންގެ ތެރޭގައި ހިމެނޭ ބެލްބަރޯ ނައިރޯބީ އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ

ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ އަތް ދަށަށް 29 ފަޅުވެރިން ގެންދިޔައީ 2012 ވަނަ އަހަރު އެވެ. ކަނޑުފޭރޭ މީހުންނަށް ކޮންމެވެސް ވަރަކަށް ފައިސާ ދީގެން އެ މީހުން ސަލާމަތްކުރީ ހޮނިހިރު ދުވަހު އެވެ. ރަހީނު ކުރި މީހުންގެ ތެރޭން ތިން މީހުން ވަނީ މަރުވެފަ އެވެ. ކަނޑުފޭރޭ މީހުން ރަހީނު ކުރި މީހުންގެ ތެރޭގައި ޗައިނާ، ފިލިޕީންސް، ކެމްބޯޑިއާ، އިންޑޮނީޝިއާ، ވިއެޓްނާމް އަދި ޓައިވާން މީހުން ހިމެނެ އެވެ.

ސޯމާލިއާގެ ކަނޑުފޭރޭ މީހުން ދޫކޮށްލި ފަޅުވެރިން ނައިރޯބީ އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ
ސޯމާލިއާގެ ކަނޑުފޭރޭ މީހުން ދޫކޮށްލި ފަޅުވެރިން ނައިރޯބީ އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ

އެ މީހުން ތިބި ބޯޓު ކަނޑުފޭރުނީ ސީޝެލްސްގެ ދެކުނުންނެވެ. ބަލްބެރޯ ބުނީ ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ މުއްދަތުގައި ދިރިތިބި ނަމަވެސް އެ މީހުންނަކީ "މަރުވެފައިވާ ބައެއް" ކަމަށެވެ. ކަނޑުފޭރޭ މީހުން އެ މީހުންނާ މެދު ކަންތައް ކުރީ ކޮން ގޮތަކަށްތޯ ސުވާލު ކުރުމުން ބަލްބެރޯ ބުނީ ބޯން ދެނީ ވަރަށް މަދު ފެން ފޮދެއް ކަމަށާއި ފުރާނަ ސަލާމަތް ކުރަން މީދާ ވެސް ކާން ޖެހުނު ކަމަށެވެ.

ސޯމާލިއާގެ ކަނޑުފޭރޭ މީހުން ދޫކޮށްލި ފަޅުވެރިން ނައިރޯބީ އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ
ސޯމާލިއާގެ ކަނޑުފޭރޭ މީހުން ދޫކޮށްލި ފަޅުވެރިން ނައިރޯބީ އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ

"ޖެހުނު ކޮންމެ އެއްޗެއް ކެއިން. ބަނޑުހައިވީމާ ކޮންމެ އެއްޗެއް ވެސް ކެވޭނެ. ފުރާނަ ސަލާމަތް ކުރަން އެނޫން ގޮތެއް ނޯނާނެ،" ބަލްބެރޯ ބުންޏެވެ.

ސޯމާލިއާގެ ކަނޑުފޭރޭ ގްރޫޕްތަކުން މީހުން ރަހީނު ކުރުމަށް ފަހު ފައިސާ ހޯދަން ޑިމާންޑް ކުރެ އެވެ. ކަނޑުފޭރޭ މީހުން ހަރަކާތްތެރިވާ ސަރަހައްދުތައް ބައިނަލްއަގުވާމީ ސިފައިން ޕެޓްރޯލް ކުރަން ފެށުމުން މިހާރު ވަނީ އެފަދަ ހާދިސާތައް މަދުވެފަ އެވެ. ސޯމާލިއާގެ ކަނޑުފޭރޭ މީހުން ވަނީ 700 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފަ އެވެ.