ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފެށުމާ އެކު ބޮޑު މަގުބޫލު ކަމެއް ލިބުނު އިންޑިއާގެ ރިއަލިޓީ ޝޯ "ލޮކް އަޕް"ގެ ދެވަނަ ސީޒަން، ކޮންޓެންޓް ކްރިއޭޓަރު އަދި ރިއަލިޓީ ޝޯ ތަރި ޝްރެޔާ ކާލްރާ ރޭ ކާމިޔާބުކޮށްފި އެވެ.
ޝްރެޔާ "ލޮކް އަޕް 2" ކާމިޔާބުކުރީ އިންޑިއާގެ ޓީވީ ތަރި ޝިވާންގީ ޖޯޝީ ބަލިކުރުމަށް ފަހުގަ އެވެ.
ތަށީގެ އިތުރުން ޝްރެޔާއަށް ވަނީ އެ ޝޯ ކާމިޔާބުކުރުމާ އެކު އެއް ކްރޯޑު ރުޕީސް (1.6 މިލިއަން ރުފިޔާ)ގެ ފައިސާގެ އިނާމެއް ވެސް ލިބިފަ އެވެ.
ޝޯގެ ގްރޭންޑް ފައިނަލް ރޭ ކުރިއަށް ގެންދިޔައީ ވަރަށް ފޯރިގަދަ އަދި ގޮންޖެހުން ބޮޑު ޓާސްކުތަކަކާ އެކުގަ އެވެ.
ފުރަތަމަ ޓާސްކު ނާކާމިޔާބުވެ، ޓީވީ ތަރި ރާމް ކަޕޫރަށް ލިބުނީ މި ސީޒަންގެ ފަސްވަނަ އެވެ. ދެވަނަ ޓާސްކުގައި ޝޯޝަލް މީޑިއާ ޕާސަނަލިޓީ ޔޯގޭޝް ރާވަތު ވަނީ ބާކީ ތިބި ބައިވެރިން (ޝިވާންގީ، ޝްރެޔާ އަދި ޓީވީ ތަރި ޝިލްޕާ ޝިންޑޭ)އަށް އޮޅުވާލައި، "އަންސޭފް" ބޭންޑު ދޭން މަސައްކަތްކޮށްފަ އެވެ.
ޔޯގޭޝް ޝިލްޕާއަށް އޮޅުވާލުމާ ގުޅިގެން ޝިލްޕާ ޝޯއިން ކެޓިއިރު، ޔޯގޭޝް ގަދަ ތިނަކަށް ހޮވުނެވެ.
ގަދަ ތިން ބައިވެރިން ކަމަށްވާ ޝްރެޔާ، ޝިވާންގީ އަދި ޔޯގޭޝް ކުރިމަތިލީ ސެލެބްރިޓީންނާއި ނޫސްވެރިން ހިމެނޭ ޖޫރީއަކާ އެވެ.
ސުވާލާއި ޖަވާބުގެ އެ ޓާސްކުގައި ޝިވާންގީ އަށް ހަރްޝަދު ޗޯޕްޑާއާ އެކު އޮތް ގުޅުމާ ބެހޭ ގޮތުން ސުވާލު ކުރެވުނެވެ. ޔޯގޭޝް އަށް އޭނާގެ ބޮޑާކަމާ ހެދި ފާޑުކިޔުންތައް އަމާޒުވި އެވެ. އަދި ޝްރެޔާ އަކީ އިތުބާރުހިފޭ ރަހުމަތްތެރިއެއް ނޫން ކަމަށާއި، އެހެން ބައިވެރިންގެ ސިއްރުތައް ފާޅުކޮށް "ނާގިން"އެއްގެ ގޮތުގައި ވިހަގަދަ ވާހަކަތައް ދެއްކި ކަމަށް ބުނެ ޖޫރީން ފާޑުކިޔެވެ.
އެ ޓާސްކަށް ފަހު ޖޫރީގެ ވޯޓުން ޔޯގޭޝް ކެޓުމުން، ގަދަ ދޭކަށް ދިޔައީ ޝްރެޔާ އަދި ޝިވާންގީ އެވެ.
އެކްސް-އިންމޭޓްސް އާއި ޖެއިލަރުންގެ ވޯޓުގެ އިތުރުން ޖޫރީގެ ވޯޓު އެއްކޮށްލައިގެން ނެރުނު ނަތީޖާއިން ޝޯގެ އެއްވަނަ ޝްރެޔާއަށް ކަށަވަރުވި އެވެ.
އިންޑިއާގެ މަޝްހޫރު ޓީވީ ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ޕްރޮޑިއުސްކޮށް، ނެޓްފްލިކްސް އިން ސްޓްރީމް ކުރި މި ޝޯ ހޯސްޓްކޮށްފައި ވަނީ ޑައިރެކްޓަރު ފަރާ ޚާން އާއި އެކްޓަރު ރިތޭޝް ދޭޝްމުކް އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ލޮކް އަޕް"ގެ މި ސީޒަނަށް ބޮޑު ތަރުހީބެއް ލިބި، 50 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ. އަދި މިއީ މިފަހުން އިންޑިއާގެ ރިއަލިޓީ ޝޯއަކަށް މިހާ ބޮޑު މަގުބޫލު ކަމެއް ލިބުނު ފަހަރެވެ.