މި ސަރުކާރުން ކުރިން އެންމެ ބޮޑަށް ފާޑު ކީ އެއް މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މީހުންގެ ދިރިއުޅުމުގެ ހާލަތު ނުބަލާ ފްލެޓްތައް ބަހާލުމެވެ. ގޭގެއަށް ނުގޮސް މީހުންގެ ދިރިއުޅުމުގެ ހާލާތު ބަލާނީ ކިހިނެއްތޯ ސުވާލު އުފައްދައި އެންމެ ފަހުން، އޭރު ފްލެޓް ލިސްޓު އުވާލި މައިގަނޑު އެއް ސަބަބަކީ ވެސް އެއީ އެވެ. ހައްގުވެެރިންނަށް ފްލެޓް ދޭން ކަމަށް ބުނެ ފްލެޓް ކޮމިޓީއެއް އުފައްދައި، ފޯމުތައް އަލުން އިވެލިއުޓްކޮށް، އެ ކޮމިޓީގެ މަސައްކަތަކަށްވީ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ގޭގެއަށް ޒިޔާރާތްކޮށް ލިސްޓެއް އެކުލަވާލުމެވެ. ހިޔާ ފްލެޓްގައި މިހާރު ދިރިއުޅެމުން އެދަނީ ހާލަތު ބެލުމަށް ފަހު އެކުލަވާލި އެ ލިސްޓުގައި ހިމެނޭ އެންމެ "ހައްގުވެރި" ކަމަށް ބުނާ އާއިލާތަކެވެ.

ހިޔާ މަޝްރޫއުގެ ޕޮއިންޓް ދޭ އުސޫލު އާންމުކުރިއިރު ދިރިއުޅުމުގެ ހާލަތަށް ބައެއް ކެޓަގަރީތަކުގައި 30 ޕޮއިންޓް ލިބޭނެ ކަމަށް އޮވެ އެވެ. އެއަށް ވުރެ ގިނައިން ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ލިބޭ ކެޓަގަރީތައް ވެސް ހުއްޓެވެ. އެކަމަކު އެ ޕޮއިންޓް ދިނީ ކިހިނެއްތޯ ސުވާލު އުފެދުނީ ހާލަތު ބަލަން ގޭގެއަށް ގޮސްފައި ނުވާތީ އެވެ.

އެ މަޝްރޫއުން އެކަނި ވެސް ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެތައް ބަޔަކު ތިބިކަން ސާފެވެ. އެ 7000 ފްލެޓްގެ މަޝްރޫއުއަށް އެދި 22،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެކަމަކު އެހާ ގިނަ ބަޔަކު ކުރިމަތިލި މަޝްރޫއެއްގައި ހައުސިން މިނިސްޓްރީން ފްލެޓް ލިބޭ މީހުން އިއުލާންކުރީ ގޭގެއަށް ނުގޮހެވެ.

ހިޔާ ފްލެޓަށް އެދި ފޯމު ހުށަހަޅަން ގިނަ ބަޔަކު ކިއުގައި.--- މިހާރު ފައިލް ފޮޓޯ
ހިޔާ ފްލެޓަށް އެދި ފޯމު ހުށަހަޅަން ގިނަ ބަޔަކު ކިއުގައި.--- މިހާރު ފައިލް ފޮޓޯ

އެހެންވެ ޕޮއިންޓް ދިން ގޮތް ސައްހަވާނެތޯ ސުވާލު އުފައްދައި އެންމެ ބޮޑަށް ފާޑުކީ އެއް ބަޔަކީ އޭރު އިދިކޮޅުގައި އޮތް މި ސަރުކާރެވެ. ފްލެޓްތައް "ބަހާލީ" ގާތް މީހުންނަށް ކަމަަށް ތުހުމަތުކޮށް އެތައް އެއްޗެއްސެއް އޭރު އިދިކޮޅުގައި އޮތް މި ސަރުކާރުގެ އިސްވެރިން ގޮވިޔަސް އަނެއްކާ ވެސް އެ މަންޒަރު މި ތަކުރާރު ވަނީ އެވެ.

ހާލަތު ބަލަން ގޭގެއަކަށް ނުދާނެ، ހައްގުވެރިން އެނގޭނީ ކިހިނެއް؟

މި ސަރުކާރުގެ އެންމެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއު އިއުލާންކުރީ ޖޫން މަހުގެ ފަހުކޮޅު އެވެ. ހުޅުމާލެ އާއި ގުޅީފަޅުން މި ސަރުކާރުން ދޫކުރަން ނިންމާފައިވާ 3000 ގޯއްޗާއި ހުޅުމާލޭގައި ހަދަމުން އަންނަ 4000 ފްލެޓަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފަ އެވެ.

މާލެއިން ގޯތި ދޫނުކުރާތާ އެތައް ޒަމާނެއް ވެފައިވާތީ މާލޭގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އެތައް ބަޔަކު އުޅެމުން އެބަދެ އެވެ. ކުދިކުދި ތަންކޮޅުގައި ތިން ހަތަރު އާއިލާ ދިރިއުޅެމުން އެބަދެ އެވެ. އެފަދަ އެތައް އާއިލާ އެކެވެ. ހާލަތު ނުބަލާ މީގެ ތެރެއިން އެންމެ ހައްގުވެރިން ހޯދާނީ ކިހިނެއް ހެއްޔެވެ؟

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވާ ގޮތުގައި މާލޭ މީހުންނަށް ދޫކުރާ 3000 ގޯއްޗަށް ކުރިމަތިލާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން މި ސަރުކާރުން ގޭގެއަކަށް ނުދާނެ އެވެ.

އަކްރަމް ވިދާޅުވީ ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ހާލަތު ބެލުމަށް ގޭގެއަށް ވަކިވަކިން ޒިޔާރާތް ނުކުރާނެ ކަމަށެވެ. އެކަމަކު ހުރިހާ ފޯމުތަކަކާ އެކު ހުށަހަޅާ މައުލޫމާތު އެކަމަށް ހާއްސަ ކޮމިޓީއަކުން ވެރިފައި ކުރާނެ ކަމަށާއި ގޯހެއް ފާހަގަކުރެއްވިއްޖެ ނަމަ ގޭގެއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާލަތު ބަލަން ގޭގެއަކަށް ނުދާނެ. އެކަމަކު ކޮމިޓީން ވެރިފައި ކުރަންޖެހޭ ހާލަތްތަކުގައި ކަށަވަރުކުރުމަށް ގޭގެ އަށް ވެސް ދާނެ،" އަކްރަމް ވިދާޅުވި އެވެ.

ހާލަތު ބަލަން ގޭގެއަށް ޒިޔާރާތްނުކޮށް އެމީހުން ހުށަހަޅާ ލިޔެކިޔުންތަކަށް ބަލައިގެން މާލެއިން ބޮޑެތި ގޯތިތަކެއް ހިލޭ ދޫކުރަން މި ސަރުކާރުން ނިންމިއިރު އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. އެކަމަކު ބަޔަކު އުޅޭ ހާލު ރަނގަޅަށް ނުބަލާ ގޯތިތަކެއް އެމީހުންނަށް ދޫކޮށްލުމަކީ އެންމެ އިންސާފުވެރި ގޮތް ހެއްޔެވެ؟

ހާލަތު ބަލައިދޭން ކައުންސިލް ތައްޔާރު

ދިރިއުޅުމުގެ ހާލަތު ބެލުމަކީ މިނިސްޓްރީއަށް ދަތި ކަމަކަށް ވާނަމަ އެކަން ކޮށްދޭން ސިޓީ ކައުންސިލް އޮތީ ތައްޔާރަށެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، "މިހާރު" އަށް ވިދާޅުވީ ގޯތި ދޫކުރާއިރު އެކަމުގައި ކައުންސިލް ވެސް ބައިވެރިކުރުމަށް އެދި ރައީސްއަށް ސިޓީއެއް ވެސް ފޮނުއްވާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް އެކަމުގައި ވަކި ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކައުންސިލްގައި 18 ކައުންސިލަރުން ތިއްބެވިއިރު 18 ދާއިރާއަށް ޓީމުތައް ފޮނުވައިގެން ދިރިއުޅުމުގެ ހާލަތު ބަލައިދެވިދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ 1000 ގޯތި ދޫކުރާއިރު އެންމެ ފުރަތަމަ ދޫކުރާ ގޯތިތައް ވާން ވާނީ އެންމެ ހާލުގައި އުޅޭ ބަޔަކަށް ދެވޭ ތަންތަނަށް ވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މާލޭގައި އާއިލާއެއް ދިރިއުޅެމުން އަންނަ ކޮޓަރިއެއް.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
މާލޭގައި އާއިލާއެއް ދިރިއުޅެމުން އަންނަ ކޮޓަރިއެއް.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"1000 ގޯތި ދޭން ނިންމާފައިވާއިރު ގޯތި ބޭނުންވާ އެތައް ބަޔަކު މާލޭގައި އެބަ ތިބި. އެކަމަކު އެންމެ ފުރަތަމަ ގޯތި ލިބޭ މީހުންނަކީ އެންމެ ނިކަމެތި އެންމެ ބިންކޮޅު ކުޑަ މީހުންނަށް ވާން އެބަ ޖެހޭ،"

މުއިއްޒު ވިދާޅުވީ އެންމެ ހާލުގައި އުޅޭ މީހުން ދެނެގަނެވޭނީ ގޭގެއަށް ޒިޔާރާތްކޮށްގެން އެމީހުން އުޅޭ ގޮތް ބަލައިގެން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"ޕިޒިކަލީ އެކަން ކުރީމަ ޔަގީންކަން ބޮޑުވޭ. އެންމެ ހާލުގައި އުޅޭ މީހުން ބަލަންޏާ އެމީހުން އުޅޭ ތަނަކަށް ގޮސް އެކަން ކުރުމުން ރަނގަޅުވާނީ. ކައުންސިލް ބައިވެރިކޮށްގެން އެކަން ކުރާ ނަމަ، އެކަން ކުރެވިދާނެ. އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ކައުންސިލުގެ ފުރިހަމަ އެއްބާރުލުން އެކަމުގައި ވެސް ދޭން ތައްޔާރަށޭ މި ތިބީ،" ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލްގެ މޭޔަރު ވިދާޅުވި އެވެ.

މިނިސްޓްރީ އާއި ކައުންސިލުގެ މެދުގައި އޮތް ސިޔާސީ ހިޔާލުތަފާތުުވުންތަކާ ހުރެ އެ މަސައްކަތްކުރުމަށް ކައުންސިލަށް ފުރުސަތު ދޭނެ ކަމަކަށް ނުބެލެވެ އެވެ. އެކަމަކު މުއިއްޒު، ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާ ހާލަތު ނުބަލާ ފްލެޓް ދިން މައްސަލަ ބޮޑުކޮށްލިޔަސް މި ސަރުކާރުން ވެސް ހަމަ އެގޮތަށް އަމަލުކުރާ ނަމަ އެއްވެސް ތަފާތެއް ނެތެވެ. އެންމެ ހާލުގައި އުޅޭ މީހާ ބާކީވެ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ މިފަދަ މަޝްރޫއުތަކުގެ ނަތީޖާ ނުފެންނަނީ އެވެ.