ރިޕޯޓް

ހަނިމާދޫ އެއާޕޯޓާ އެކު ބަދަލުވާނީ މުޅި ސަރަހައްދުގެ ތަރައްގީ!

"އަސްލު ވަރަށް ބޮޑު އެކްސްޕެންޝަނަކަށް މި ދަނީ އެއާޕޯޓު ހުޅުވިގެންދާއިރު. ހަމައެއާއެކު، އާރުޓީއެލް މި ފަށަނީ. މިއީ ވަރަށް ވަށާޖެހޭ ގޮތަށް މިކަން މި ކުރަނީ."

28 ސެޕްޓެމްބަރ 2022 - 06:46

14 comments

މީގެ 32 އަހަރު ކުރިން ހދ. ހަނިމާދޫ އެއާޕޯޓު ހުޅުވައި އެ ތަން 2012 ވަނަ އަހަރު އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކުރުން ފިޔަވައި އެއާޕޯޓުގެ ތަރައްގީ އަށް އެއްވެސް ކަމެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ. ބަދަލުވީ ހަމައެކަނި ނަމެވެ. ހިދުމަތްތައް ހުރީ މީގެ 30 އަހަރު ކުރިއާ އެއްވަރެއްގައި، ސުމެއްގަ އެވެ.

އެކަމަކު، އެ ޝަކުވާތައް ނިމުމަކަށް ގެނެސް، މުޅި ތިލަދުންމަތި ބަދަލުކޮށްލާނެ ބިޔަ ބޮޑު މަޝްރޫއުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ ސޮއިކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ މަޝްރޫއަކީ ރާއްޖެއަށް މި ގެންނަ ބަދަލުގެ ވަރަށް ބޮޑު ބޮޅެއް ކަމަށެވެ. އެއާއެކު އިތުރު ސިނާއަތްތައް ތަރައްގީވެ، އުތުރުގެ ސަރަހައްދަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް އޭނާ "މިހާރު" އަށް ވިދާޅުވި އެވެ.

"ވަރަށް އުއްމީދީ ކަންތައްތަކެއްގެ ބިންގާ އެޅިގެން މި ދަނީ،" ފައްޔާޒު ވިދާޅުވި އެވެ.

އެތަން ހަދަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން، ރާއްޖޭގައި ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި މަޝްރޫތައް ހިންގާ ޖޭއެމްސީ ޕްރޮޖެކްޓްސް ކުންފުންޏާ ހަވާލުކޮށްގެންނެވެ.

އެ މަޝްރޫއު ނިމުމުން، ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު އެއާޕޯޓު، ވެލާނާ އެއާޕޯޓާ ދާދި އެއްވަރެއް ވާނެ އެވެ.

ހަނިމާދޫ އެއާޕޯޓުގެ މައުލޫމާތު

- ވައިގެ ބަނދަރު ތަރައްގީއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރާނެ

- އެތަން ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ

- އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭނެ

- ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިމޭނެ

އެއް އެއާޕޯޓެއްގެ ތަރައްގީއަށް މިހާ ބޮޑު ހަރަދެއް ކުރާތީ ސަރުކާރަށް ވަނީ ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ. ނަމަވެސް ފައްޔާޒު ވިދާޅުވި ގޮތުގައި، މިއީ އިންޓަނޭޝަނަލް ބިޑިންގައި ލިބުނު އެންމެ ކުޑަ ހުށަހެޅުން ކަމަށެވެ. މަޝްވަރާކޮށްގެން އަސްލު ހުށަހެޅި އަގަށް ވުރެ ވެސް ކުޑަކޮށްފައިވާ އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އެއާޕޯޓު ތަރައްގީކުރަނީ ދުބާއިން ވެސް ސީދާ ފްލައިޓު ޖެއްސޭގޮތަށް ކަމަށެވެ. އަދި ރަންވޭ ހަދަނީ ދުރު ގައުމުތަކުން ފްލައިޓުތައް ޖައްސާނަމަ ކުރިއަށް އޮތް 15-20 އަހަރުގެ ތެރޭގައި ރަންވޭ ބޮޑުކުރަން ޖާގަ ލާފައި ކަމަށް ވިދާޅުވި އެވެ.

ތިލަދުންމަތި ތަރައްގީކުރަން ޕްލޭންތަކެއް ހުއްޓަސް އެކަމަށް ހުރަސް އަޅަނީ ދަތުރުފަތުރުކުރުމުގައި ހުރި ގޮންޖެހުންތަކެވެ. އެކަމަށް ވެސް ފައްޔާޒު ދެއްވީ އުއްމީދީ ޖަވާބެވެ.

އެއާޕޯޓާ އެކު ތިލަދުންމަތީގެ ޓޫރިޒަމް ކުރިއަރައި، ޑައިރެކްޓް ފްލައިޓުތައް ދަތުރުކޮށް އަދި ނުހެދި ހުރި ރިސޯޓުތައް ހެދުމަށް ވެސް ފައިނޭންސްތަކެއް ލިބުމުގެ އުއްމީދު އާވާނެ.-- ފައްޔާޒް

"އެއާޕޯޓާއެކު ތިލަދުންމަތީގެ ޓޫރިޒަމް ކުރިއަރައި، ޑައިރެކްޓް ފްލައިޓުތައް ދަތުރުކޮށް އަދި ނުހެދި ހުރި ރިސޯޓުތައް ހެދުމަށް ވެސް ފައިނޭންސްތަކެއް ލިބުމުގެ އުއްމީދު އާވާނެ. މިހާރު އެންމެ ބޮޑު މައްސަލައަކީ ފައިނޭންސް ނުލިބެނީ ވެސް ލޮޖިސްޓިކްސް ދަތިތަކާ ހެދި. މިހާރު އެތަން ހުޅުވައިގެން އުޅޭ މީހުންނަށް ވެސް އެ ދަތިތައް ކުރިމަތިވޭ،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓުގެ ޑިޕާޗާ ހޯލުގައި ބަޔަކު މަޑުކޮށްލައިގެން-- ފޮޓޯ: މިހާރު

"ވަރަށް ބޮޑު ޕްރޮޖެކްޓެއް މިއީ އެއް ޕްރޮޖެކްޓަކަށް ބަލައިފިއްޔާ. މާލެއިން ބޭރުގައި ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓް. އެރައިވަލް 1.3 މިލިއަން ފަސިންޖަރުންނަށް ވީމަ ވަރަށް ގިނަ ވަޒީފާތައް އިތުރުވެގެންދާނެ. އެކަމަކު ވަޒީފާ އިތުރުވާނީ ޓްރެފިކް ވެސް އިތުރުވާ ވަރަކަށް. ރަނގަޅު އަދަދެއްގެ ވަޒީފާ ސީދާ އެއާޕޯޓުން ވެސް އުފެދޭނެ. މާލޭގައި ވެސް އަނެއްކާ އެއާޕޯޓާ ގުޅިގެން އެކިއެކި ސިނާއަތް އުފެދިގެންދޭތާ، އެ ތަނުގައި [ހަނިމާދޫގައި] ވެސް ހަމަ އެހެން ވާނީ. އަދި ރިސޯޓުތަކުގެ ސަބަބުން ބައިވަރު ވަޒީފާ އުފެދިގެންދާނެ."

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ފަހުކޮޅާ ހަމައަށް ދާއިރު ރަންވޭ ނިމޭނެ އެވެ.

ދިވެހިރާއްޖެ އަށް މި ގެންނަ ބަދަލުގެ ވަރަށް ބޮޑު ބޮޅެއް މި އެޅިގެން ދިޔައީ. އިގުތިސޯދީ ގޮތުން ވެސް އަދި އިޖުތިމާއީ ގޮތުން ވެސް -- ފައްޔާޒް

"ދިވެހިރާއްޖެ އަށް މި ގެންނަ ބަދަލުގެ ވަރަށް ބޮޑު ބޮޅެއް މި އެޅިގެން ދިޔައީ. އިގުތިސޯދީ ގޮތުން ވެސް އަދި އިޖުތިމާއީ ގޮތުން ވެސް، އެއީ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ވަރަށް ބޮޑު ބޫސްޓެއް ލިބިގެންދާނެ މިކަންކަމުގެ ސީދާ ޕްރެކްޓިކަލީ އެއާޕޯޓު ހުޅުވުނީމަ އެ ނަތީޖާތައް ފެންނާނެ."

ފައްޔާޒު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ކުރަން ފެށުމުން އެހެން މަޝްރޫއުތަކަށް ފެނިގެންދާނެ ކަމަށެވެ.

ދަތުރުފަތުރުގެ ބޮޑު ބަދަލު ފެންނާނެ

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވި ގޮތުގައި އުތުރުގެ ރަށްތަކަށް އެންމެ ބޮޑު ދައްޗަކާ ކުރިމަތިވަނީ ދަތުރުކުރުމުގައި ކަމަށެވެ. އެކަމަކު، ތަރައްގީގެ ޕްލޭންތަކާއެކު މުޅި ތިލަދުންމައްޗަށް އަންނަ ބަދަލުގެ މައި ގޭޓަކީ ހަނިމާދޫ އެއާޕޯޓަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސްލު ވަރަށް ބޮޑު އެކްސްޕެންޝަނަކަށް މި ދަނީ އެއާޕޯޓު ހުޅުވިގެންދާއިރު. ހަމައެއާއެކު، އާރުޓީއެލް މި ފަށަނީ. މިއީ ވަރަށް ވަށާޖެހޭ ގޮތަށް މިކަން މި ކުރަނީ. ވައިގެ ދަތުރުފަތުރާ އެކީގައި އާރުޓީއެލްގެ ނެޓްވޯކް ވެސް މި އޮތީ ތިލަދުންމަތީގައި ފެށިފައި. މިހާރު ފަތުރުވެރިންނަށް ވެސް ބޮޑު ތިލަދުންމަތީގެ ހުރިހާ ރަށަކަށް މިހާރު ދަތުރުކުރެވޭނެ އާރުޓީއެލް މެދުވެރިކޮށް،" ހަމްދާން ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާހަކަދައްކަވަނީ ---ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މިހާރު އިންޓަނޭޝަނަލް ކޮށްފައި އެ ހުރީ ނަމެއްގައި. އަސްލު ތަރައްގީއާ އެކީގައި އެއާޕޯޓު ފުލީފްލެޖު އިންޓަނޭޝަނަލް އެއާޕޯޓެއް ގޮތަށް އޮޕަރޭޓްކުރަން ފެށީމަ ކަނެކްޓިވިޓީ މި ފުރިހަމަކުރެވެނީ -- ހަމްދާން

"މި ބުނާ ކަނެކްޓިވިޓީ ފުރިހަމަވަނީ ހަނިމާދޫ އެއާޕޯޓު، އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުވެގެން. މިހާރު އިންޓަނޭޝަނަލް ކޮށްފައި އެ ހުރީ ނަމެއްގައި. އަސްލު ތަރައްގީއާ އެކީގައި އެއާޕޯޓު ފުލީފްލެޖު އިންޓަނޭޝަނަލް އެއާޕޯޓެއް ގޮތަށް އޮޕަރޭޓްކުރަން ފެށީމަ ކަނެކްޓިވިޓީ މި ފުރިހަމަކުރެވެނީ."

ބޮޑު ތިލަދުންމަތީގެ ސިއްހީ ނިޒާމް ޓާޝަރީ ފެންވަރަށް ބަދަލުކުރާއިރު، އޭގެ ފައިދާ ށ. އަތޮޅަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ދަތުރުފަތުރުކުރުމުގައި ގެންނަ ބަދަލުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިއަރައިގެންދާނެކަން ހަމްދާން ފާހަގަކުރެއްވި އެވެ.

އޭގެ މިސާލެއްގެ ގޮތުން ނެންގެވީ، 500 މީހުން ވެސް ހަމަނުވާ ކުޑަކުޑަ ފިނޭ އެވެ.

އޭނާ ވިދާޅުވީ އެ ރަށަކީ ދަނޑުވެރިކަމާއި ޓޫރިޒަމަށް ވެސް ރަނގަޅު ރަށެއް ކަމަށެވެ. ފިނޭގައި ފެނާއި ނަރުދަމާ ނިޒާމް އެޅުމަށްފަހު، ދަތުރުފަތުރަށް ގެންނަ ބަދަލާއެކު އެކަން ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ހއ. އިހަވަންދޫގައި އަންނަ އަހަރު ހަދާ މަސް ފެކްޓްރީ ނިމުމުން ސީދާ ބޮޑު ތިލަދުންމަތިން ބޭރު ގައުމުތަކަށް މަސް އެކްސްޕޯޓު ކުރެވުމުން އިގުތިސޯދީ ހަރަކާތްތައް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކާއެކު ބޮޑު ތިލަދުންމައްޗަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ."

14 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަލަސްތީން

28 September 2022

އިންޑިޔާ އަކީ ފަގީރު ގައުމެ. ޗައިނާ އިމާރާއް ކުރާ ފަސްޓްކޮއް އިންޑިޔާއައް ނުވާނެ.

The name is already taken The name is available. Register?

އެމްރިކާ

28 September 2022

ބައެއް mހުންނަ ހިވަނީ މިކުރެވެނީ ރަނގަޅުކަމެެއްކަމަ. މީ ސީދާ ރޭވިގެން ހިގާ ލޯނުގެ ދަންތޫރަ. އިންޑިޔާއަކު ނުހުންނާނެ މިހާ ފައިސާއެއް.

The name is already taken The name is available. Register?

މަތިން

28 September 2022

އިންޑިއާ ސްޕީޑްގަ ހަދާއިރު ތިޔަ ކުރެހުމުގަ އެފެންނަ ފުރާޅު އެކަނި ނިމުނަސް އެއީ ބޮޑުވަރަކަށްވާނެ.

The name is already taken The name is available. Register?

ހުސައިން830

28 September 2022

ދައުރު ނިމިނިމިއޮއްވައި އަދި މަސައްކަތް މި ހަވާލު ކުރެވުނީ.. ދައުރު ނިމޭއިރުވެސް ތިމަސައްކަތް ފެށިއްޖެއްޔާ ވާ ނަސީބު. ތިހާބޮޑު ފައިދާތަކެއް ވާއޮތްތަނެއް މިހާދުވަހު ނުހަދާ ބޭއްވިކަން ދެރައިީ.. އައްޑޫ ސިޓީގެ މޭޔަރވެސް ވިދާޅުވި 8000 އެނދު އައްޑޫގައި ނޭޅިޔަސް ވައުދު ފުއްދިވާހަކަ. މިކަހަލަ ވައުދަކަށް ނުވާނެ ކަމަށް ބޮޑުތިލަދުންމަތީ ރައްޔިތުން އުންމީދުކުރަން. ބޮޑަށް ބެލެވެނީ ރާއްޖެ އުތުރު 50 އަހަރަށް އިންޑިއާއަށް ވިއްކާލިކަމަށް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 September 2022

ސަރަޙައްދުގެ އިޤްތިސޯދު ބަދަލުވުމުގެ އިތުރަށް ހަނިމާދުއާއި ގޭންއެއަރޕޯޓް ތަރައްޤީ ކުރެވެންއޮތީ ރާއްޖޭގެ ޗާޓް ބަދަލުވެގެން ކަމަށްވާނަމަ އަހަރުމެން އެކަމަށްވެސް ރުހި ޤަބޫލު.

The name is already taken The name is available. Register?

މޮހިތު

28 September 2022

އިންޑިޔާއިން ހަވާލުވި އެއްވެސް ޕްރޮޖެކްޓެއް އަދި ނުނިމޭ...! މިދައުރު މި ނިމުނީ....! އަދިވެސް އިންޑިއާ!

The name is already taken The name is available. Register?

ވަހުތާން

28 September 2022

ފައްކާ ދެވަނަ ބްރޯ1 އޭރު ރައްތަށް، މިހާރު ބިޑްތައް؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 September 2022

"ފައްޔާޒު ވިދާޅުވީ އެއާޕޯޓު ތަރައްގީކުރަނީ ދުބާއިން ވެސް ސީދާ ފްލައިޓު ޖެއްސޭގޮތަށް ކަމަށާއި، އަދި ރަންވޭ ހަދަނީ ދުރު ގައުމުތަކުން ފްލައިޓުތައް ޖައްސާނަމަ ކުރިއަށް އޮތް 15-20 އަހަރުގެ ތެރޭގައި ރަންވޭ ބޮޑުކުރަން ޖާގަ ލާފައި ކަމަށް" ލިއުމުގައި އެބައޮތް. # އަނެއްކާ މިއީ އަލަށް ICAO އާއި IATA އިން ސޯލިޙްގެ ހުވަފެނީ އެއަރޕޯޓް ޑިވޮލޯޕްމަންޓްސް ޕްރޮޖެކްޓް ތަކަށް ކަޑައެޅި އުސޫލު ތަކެއްތޯ.!؟

The name is already taken The name is available. Register?

ނަސީރު

28 September 2022

ކޮބާ އަންނީ އެންޑް އެމްޑީޕީގެ ބޮޑުވައުދު ؟ އައްޑޫ އެއާރ ޕޯޓްހަދަން ވިވައުދު!!؟؟ އައްޑޫ ރައްޔަތުންނަށް ވީ އެއްވެސް ވައުދެއް ނުފުއްދާ ހުރިހާކަމެއް އެކޮށްދެނީ ކޮންބަޔަކަށް ތޯސާފްކޮއްލާ ވޯޓްދިނުމުގެ ކުރިން ދެން!!!؟؟؟ ވަރަށްސަލާން

The name is already taken The name is available. Register?

ތަރައްގީ މަޑުޖެހުނީ

28 September 2022

މިހެންބުނީމަ ކޮމެންޓުކުރާ ގިނަ މީހުން ނުރުހޭނެ. އެކަމަކު ރާއްޖޭގެ އަތޮޅުތަކުގެ ތަރައްގީ ހަލުވިވުމައް އެންމެ ބޮޑު ހުރަހަކައްވީ ސިޔާސީ ޕްރެޝަރާހެދި ރާއްޖޭގަ ދެވަނައައް އެންމެ ތަރައްގީ ތަނަކީ އައްޑޫކަމައް ހަދަން މަޖުބޫރުވުން. އައްޑޫގަ ޓުއަރިޒަމްއައް އޮތް ފުރުސަތުތައް ކުޑަ އެހެންވެ އިންވެސްޓަރުންގެ ޝައުގުވެރިކަމެއް ނުހުންނާނެ. އައްޑޫއައްވުރެ ލާމައްވެސް ތަރައްގީގަ އިސްކަންދިނުންމާ ބުއްދިވެރި އަދި ފައިދާބޮޑު.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

28 September 2022

ހަނިމާދޫ އެއާޕޯޓާ އެކު ބަދަލުވާނީ މުޅި ސަރަހައްދު ދަރަނިދަންތުރައަކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454