ރިޕޯޓް

މާލެ އިން 17 މިނިޓް: މުސްތަގުބަލުގެ ސިޓީގެ މަލަމަތި

ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުއިއްޒު މިއަދު ވަނީ އިފްތިތާހުކޮށްދެއްވާފައި. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފުށިދިއްގަރުފަޅުން،  ނާޒިމް ހަސަން، މިހާރު

18 ޑިސެމްބަރ 2023 - 20:15

127 comments

ސްޕީޑް ބާރު ލޯންޗެއްގައި މާލޭ 1 ނަންބަރު ޖެޓީން މިއަދު ހަވީރު 3:15 ހާއިރުން ގަޑިއިރަކު 42 މޭލު ބާރު މިނުގައި ދަތުރުކުރަމުން ގޮސް ލޯންޗު މަޑުކޮށްލީ ގަޑިން 3:32 ގަ އެވެ.

މާލެ އިން 17 މިނިޓުން މި އާދެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އުއްމީދީ މަޝްރޫއު ކުރިއަށް އޮތް 8 މަސް ދުވަހު ކުރިއަށް ގެންދާނެ ފުށިދިއްގަރުފަޅަށެވެ. ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" އެއް ގެނެސްދޭން ތަރައްގީ ކުރާ ބިޔަ ސިޓީގެ މަންޒިލަށެވެ. މުސްތަގުބަލުގައި އެތައް ހާސް ބަޔަކު ދިރިއުޅޭނެ ތަނަށެވެ.

އެ ބޮޑު ފަޅު ތެރެއަށް ނޫސްވެރިން ތިބި އެމްޓީސީސީގެ ލޯންޗު ވަން އިރު ފަޅު ހިއްކުމުގެ މަޝްރޫއު ފެށުމަށް ޑްރެޖަރު ކައިރި ކޮށްފައި އޮތެވެ. ޑްރެޖަރު ކައިރިކޮށްފައި އޮތީ ބިން ހިއްކަން ފެށުމަށް ފަޅު ތެރެއިން ހިއްކާފައި ކުޑަ ވެލި ފުންޏެއް ކައިރީގަ އެވެ.

އެއީ ރާއްޖޭގައި މިހާތަނަށް ތަރައްގީ ކުރާ އެންމެ ބިޔަ ސިޓީގެ ފުރަތަމަ ވެލިކޮޅެވެ.

އެތަނުގައި ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް މަސައްކަތްތެރިން ހަރަކާތްތެރިވަމުން ދިޔައިރު ކައިރީގައި އޮތް ބޮޑު ޑްރެޖަރަކީ ދުވާލަކު އެއް ހެކްޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ "ފިލީޕޯ ބްރޫނެލޭޝީ" އެވެ. މިއީ އެމްޓީސީސީން މި އަހަރުގެ ޖުލައި މަހު ރާއްޖެ ގެނައި ޑްރެޖަރެކެވެ.

ދިގުމިނުގައި 142.5 މީޓަރު (467 ފޫޓް) އަދި ފުޅާމިނުގައި 27.5 މީޓަރު (90 ފޫޓް) ހުންނަ މި އުޅަނދަކީ 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ (އެއްފަހަރާ ލޯޑްކުރުމުގެ ގާބިލްކަން) ލިބިފައިވާ އެއްޗެކެވެ.

ޖުމްލަ 8 މަސް ތެރޭގައި ފުށިދިއްގަރުފަޅުން 1،153 ހެކްޓަރު ބިން، އެ ޑްރެޖަރުން ހިއްކާނެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިއްކާނެ އެންމެ ބޮޑު ބިމެވެ. ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލައި، އޭގެ ތިން ގުނަ ކުރުމުން އުފެދޭ ވަރުގެ ބޮޑު ބިމެކެވެ.

ފުށިދިއްގަރުފަޅު ހިއްކާ ޑްރެޗަރު: ޑްރެޗަރަކީ ދުވާލަކު އެއް ހެކްޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ "ފިލީޕޯ ބްރޫނެލޭޝީ" - ފޮޓޯ: މިހާރު

"މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން، ރަސް އެންމެ ބޮޑު ބިން. މި ތަނަށް އަޅުގަނޑުމެން ކިޔާނީ ރަސްމާލެ. ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ފަށަނީ،" ފުށިދިއްގަރުފަޅުގައި ތަރައްގީގެ ކުރާ ސިޓީގެ ނަން އިއުލާން ކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މަޝްރޫއު ރައީސް ފައްޓަވައި ދެއްވުމާ އެކު، ބިން ހިއްކުމުގެ މަސައްކަތް "ފިލީޕޯ ބްރޫނެލޭޝީ" އިން ފެށި އެވެ. މަސައްކަތް ހަވާލު ކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ އެވެ. މިއީ ތިލަފުއްޓާއި ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ވެސް ހިންގި ކުންފުންޏެވެ. ރާއްޖޭގައި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާ ބޮސްކާލިސް އަކީ ސީއެމްސީސީގެ ޕާޓްނަރެވެ.

ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ރައީސް ޑރ. މުއިއްޒު މިއަދު އެ ސަރަހައްދަށް ދަތުރުފުޅު ކުރެއްވި ލޯންޗާ އެކު ބޮޑުބެރާއި ސަގާފީ ނެށުންތަކުގެ ހުށަހެޅުންތަކާ އެކު ދޯނި ފްލީޓެއް ވެސް ފަޅުތެރެއަށް ވަނެވެ. ފަޅުގައި ބާއްވާފައި އޮތް ބާޖަށް އެ މަނިކުފާނު އަރާވަޑައިގެންނެވިއިރު، ސަރުކާރުގެ އިސް ހުރިހާ ބޭފުޅުން އެތަނުގައި ތިއްބެވެ.

ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތު އޮތީ އެ ބާޖުގަ އެވެ.

މޯލްޑިވްސް އިކޯ ސިޓީ

މިދިޔަ މަހުގެ 17 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުއިއްޒު މިއަދު ހާމަކުރެއްވި ގޮތުގައި 8 މަސް ދުވަހުގެ ބިން ހިއްކުމުގެ މަސައްކަތަށް ފަހު، އެ ބިމުގައި ތަރައްގީ ކުރާނީ "ފެހި، ރައްކާތެރި" ސިޓީއެކެވެ. ބްރޭންޑް ކުރާނީ "މޯލްޑިވްސް އިކޯ ސިޓީ"ގެ ގޮތުގަ އެވެ.

- ޒީރޯ ކާބަން ސިޓީއެއް

- ތިމާވެއްޓާ ރައްޓެހި އުޅަނދުފަހަރު (އިލެކްޓްރިކް އަދި ބެޓަރީ)

- ބޭނުން ކުރާނީ ރިނިއުބަލް އެނާޖީ.

ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވަން ރައީސް ޑރ. މުއިއްޒު މިއަދު . އެ ފަޅަށް ވަޑައިގަންނަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެ ތަރައްގީ ކުރާނީ ނަމޫނާ ސިޓީއެއްގެ ސިފައިގައި އެންމެންނަށް ވެސް އުޅެން ފަސޭހަ، ހިތްގައިމު މާހައުލެއް އޮންނަ ސިޓީއެއްގެ ގޮތަށެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އުޅެން ފަސޭހަވާ ގޮތަށް އިންކްލޫސިވް ގޮތްތަކަށް ސިޓީ ތަރައްގީ ކުރަން އިސްކަން ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މޯލްޑިވްސް އިކޯ ސިޓީ ވެގެން ދާނީ ހަމައެކަނި ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ނޫން، ހުރިހާ ގޮތަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވެސް ހިމެނިގެންދާ އިންކްލޫސިވް ސިޓީއަކަށް. މޮޑެލް ސިޓީއަކަށް މި ތަން އަޅުގަނޑުމެން ހަދާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު ހިއްކައިގެން އުފައްދާ ރަށް ވާނީ ރައްކާތެރި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ހިއްކާ ސިޓީއަކަށެވެ. ސޭފް އައިލެންޑަކަށް ކަމަށް ވިދާޅުވި އެވެ.

ސޭފް އައިލެންޑެއްގެ ބައިނަލްއަގްވާމީ މިންގަނޑު؛

- މެދަށް ތިން މީޓަރު އުސްމިނަށް ބިން ހިއްކުން.

- އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު ހުންނަ ވަރަށް ބިން ހިއްކުން.

ބޯހިޔާވަހިކަމަށް ދާއިމީ ހައްލު: 65،000 ހައުސިން

ރައީސް ވިދާޅުވީ ފުށިދިއްގަރުފަޅުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދެއްވާނެ ކަމަށެވެ.

މާލޭގެ މީހުންނާއި މާލޭގައި ދިރިއުޅޭ އެހެން މީހުންނަށް ވެސް މި ތަނުން ބޯހިޔާވަހިކަމުގެ ފުރުސަތުތައް ލިބޭނެ ކަމަށް ވިދާޅުވި އެވެ. ހަމަ އެއާ އެކު، ރާއްޖޭގެ އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ވެސް ހިޖުރަކުރަން ބޭނުންވާ ނަމަ، އެ ފުރުސަތު ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުގެ ތަސައްވުރަކީ ރަސްމާލެ ސިޓީ އާއި ގުޅީފަޅު އަދި ގިރާވަރުފަޅު ހިނެނޭ ގޮތަށް ގޯއްޗާއި ފްލެޓް ހިމެނޭ 65،000 ހައުސިން ޔުނިޓް އުފެއްދުމެވެ.

"މާލޭގެ ރައްޔިތުންނަށް މި ޒަމާންވީ ހައްލު ނުވެ އޮތް ގެދޮރުގެ މައްސަލަ ތާއަބަދަށް ދާއިމަށް އިރާދަކުރެއްވިއްޔާ ހައްލު ވެގެންދާނެ، ހައްލު ކޮށްދޭނަން މި ތަނުން،" ރައީސް ވިދާޅުވި އެވެ.

ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހައިސްޕީޑް ފެރީ އާއި އެއާޕޯޓް

ފުށިދިއްގަރަފަޅާއި މާލެއާ ދެމެދު އޮތީ ފުން ކަނޑެކެވެ. ބްރިޖަކުން އެ ތަން މާލެއާ ގުޅާލުމަކީ މި ވަގުތަށް ކުރެވޭނެ ކަމެއް ކަމަށް ސަރުކާރުގެ ފަންނީ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ. އެކަމުގެ ވިސްނުމެއް ވެސް ނެތެވެ.

ވިސްނުން އޮތީ ހައި ސްޕީޑް ފެރީގެ ނިޒާމަކުން މާލެ އާއި ރަސްމާލެ ގުޅާލުމަށެވެ. ރައީސް ޑރ. މުއިއްޒު މިއަދު އިއުލާން ކުރެއްވި ގޮތުން މާލެ އާއި ރަސްމާލެއާ ދެމެދު ގާއިމްކުރާނީ ވަރަށް ޒާމާނީ، ސްޕީޑް ބާރު ފެރީގެ ނިޒާމެކެވެ.

"އެކްޕްރެސް ފެރީގެ ނިޒާމް މިހާރު އެބަހުރިި. ކަނޑުގެ އޮއިގަ ނުވަތަ ރާޅުގައި އެހާ ބޮޑަށް އުނދަގޫ ނުވާ ކަހަލަ ލޯންޗު ފަހަރު އެބަހުރި ދުނިޔޭގަ. އެކަހަލަ ހައި ސްޕީޑް ލޯންޗު ގެނައުމަށް އަޅުގަނޑުމެން ނިންމައިފައިވޭ،" ރައީސް ވިދާޅުވި އެވެ.

މާލެއާ ގުޅާލުމުގެ އިތުރުން ރަސްމާލެ އަށް ހާއްސަ އެއާޕޯޓެއް ތަރައްގީ ކުރަން ވެސް ޕްލޭންގައި ވަނީ ހިމަނާފަ އެވެ. ފުށިދިއްގަރުފަޅާ އެންމެ ކައިރިއަށް އޮތް ފަޅު ހިއްކައިގެން އެތަނުގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އެ ދެމެދުގައި އޮތް ކުޑަ ކަނޑުއޮޅި ހުރަސްކޮށް ބްރިޖެއް އަޅައި، އެއާޕޯޓާއި ރަސްމާލެއާ ގުޅުވާލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ މި ތަން ތަރައްގީވެގެން ދާނީ ގެދޮރުގެ މަންޒިލަކަށް. ވަޒީފާގެ މަންޒިލަކަށް. އާމްދަނީގެ އަދި ވިޔަފާރީގެ ފުރުސަތުތައް ލިބޭ ތަނެއްގެ ގޮތުގައި. މި ތަނަކީ އިންކްލޫސިވް، ފަސޭހައިން އުޅެވޭ ތަނަކަށް ޕްލޭން ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ބިން ހިއްކުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންގެ ލޯންޗު ފުށިދިއްގަރުފަޅުން 5:20 ގައި ފުރިއިރު، 5:37 ވީއިރު މާލޭ ފަޅަށް ވަދެއްޖެ އެވެ. ފުށިދިއްގަރުފަޅުން މާލެއަށް ކުރި 17 މިނެޓްގެ އެ ދަތުރުން ފެނުނީ ރާއްޖޭގެ 240،000 މީހުންގެ އާބާދީއެއް އާބާދު ކުރެވޭ ބޮޑު ސިޓީއެއްގެ މަލަމައްޗެވެ.

127 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 5%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އީސަދަރި

19 December 2023

ހިއްކާލުމަކީ ކަނޑުފަޅުގެ ދިރުން މަރާލުން. މިކަމުގެ ނުބައި އަސަރު އަހަރެމެންނަށް ނުކޮއްފާނެ. އެކަމަކު އަހަރެމެންގެ ދަރިންނާ ދަރިންގެ ދަރިން މިކަމުގެ ހިތިބޭސް ބޯންޖެހޭނެކަން އެއީ ޔަގީންކަމެއް. މިހާރުވެސް މާލެއަތޮޅުން މަސް ހުސްވެއްޖެ. ދުވަސްކޮޅަކުން ރާއްޖެ އަންނަ ޓޫރިސްްޓުންނަށް ކާންދޭން ގިނިމަހެއްވެސް އެތެރެކުރަންޖެހޭނީ ރާއްޖޭން ބޭރުން. (މާލޭ ސަރަހައްދުގައުޅޭ) މީހަކަށް މަހެއް ގަންނަންލިބޭނީ ވަރަށް ލާރިހުރި މުއްސަނދިންނަށް. 2

The name is already taken The name is available. Register?

އީސަދަރި

19 December 2023

ނާޒިމް ހަސަން ކިތަންމެ މަޖާކޮށް ތި ރިޕޯޓް ލިޔުނަސް ތީ ކޮއްގެންވާވަރު ކަމެއްނޫން، ރައީސްކަމަށް އަންނަ މީހުން ވިސްނަންވީ އެމީހެއްގެ ވެރިކަމުގަ ތަނެއް ހިއްކާފަ ގޯތިދިނުން އެކަންޏެއްނޫން. ތަނެއް ހިއްކާއިރު އެތަނެއް ހިއްކުމުން ދިރިއުޅުމަށް ދިމާވާނެ އެހެން މައްސަލަތަކަށްވެސް ވިސްްނަން ޖެހޭނެ. އަތޮޅުތަކުގެ ބޭރުދުނީގަ ހުންނަ ތިކަހަލަ ބޮޑެތި ފަޅުތައް ހިއްކާލުމަކީ ކަނޑުފަޅުގެ ދިރުން މަރާލުން. ތި ފަޅަކީ ވަރަށްގިނަ މަސްއުޅޭ އެ އެއްޗެހީގެ ގެ. 1

The name is already taken The name is available. Register?

ސަލީމު އިދުރީސް

19 December 2023

މައިބަދާގަ ވަރުނެތި މާއަވަހައް އެއްޗެއް މައްޗައް ހެދިއްޖެނަމަ ވަރައް ފަސޭހައިން ބިންދައިގެން ދާނެ ކަމީ ސައްކެއް ހުރި ކަމެއްނޫން! ގަތަރު ސިންގަފޫރު ދުބާއީފަދަ އަވަހައް ހެދިފަހުރި ގައުމުތަކުގެ އިގުތިސޯދުގެ މައިބަދައާ ރާއްޖޭ އިގުތި ސޯދުގެ މައިބަދައް ބަލާއިރު ތިގޮތައް ލޯނު ނަގައިގެން ކުއްލިއަކާ ތަރައްގީ ކުރާމެގަ ސިޓީއެއް އުފުއްލޭހާ ވަރު ހުރިހެން އެއްގޮތަކަވެސް ހީނުވޭ ދުނިއެ ދެކެފަހުރި ތިފަދަ ކަންތަކައް ބަލާއިރު

The name is already taken The name is available. Register?

ކޮސް

19 December 2023

މިއީ މުޅިން ގޯސް ވިސްނުމެެއްނޫން. އެކަމަކު ހުރިހާގޮތަކުން ބަލާއިރު ދިވެހިންނަށް މިއަދު އެންމެ ރަނގަޅީ މާލެސަރަހައްދަށް މީހުން ޖަމަޢަވާގޮތް ނުހަދާ ރާއްޖޭގަ ހުރި ބޮޑެތި ބައެއްރަށްތައް ތިމާވެށްޓައި ގުޅޭގޮތަށް ސިޓީތައް ހެދުން

The name is already taken The name is available. Register?

ހޯހޯހޯ

19 December 2023

ތިޔައީ ސަރުކާރުތަކަށް ހަރާމްކަމެެއް. ކުރާ ކަމެއް ކުރަން ސަރުކާރުތަކަށް މަޖުބޫރުވަނީ މާލެ ކައިރީގައި.

The name is already taken The name is available. Register?

އައަޔ

19 December 2023

އާބާދީ މަދު ރައްރަށު މީހުން ނަށް ތިތަނުން ފުރުސަތު ދިނުން ރަނޅަޅުވާނެ.

The name is already taken The name is available. Register?

ގެދާނޯމޮސް

19 December 2023

އެހެން ހަދާކަށްނު މިއުޅެނީ، މ.އަތޮޅު އެންމެން ގެނަސް އަޅާލާފަ މ. ސައޫދީއަށް ވިއްކާލީމަ އޯކޭނު.

The name is already taken The name is available. Register?

އިޙްސާސް

19 December 2023

ތިޔަކަން ވެއްޖެއްޔާ ކިތަންމެހާވެސް ރަގަޅު. އެކަމު ތިތަނުން ލިބޭ ބޯހިޔާވެހިކަން ކުށްޔަށް ދެވިގެން ނުވާނެ. ކުއްޔަށް ދެވެންޏާ ތިޔަބުނާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުވާނެބާ؟ މާލޭގައި މިހާރުވެސް 10 ނުވަތަ 12 ބުރިއަށް ގެހަދާފަ މައިންބަފައިންނާ ދަރިން އެންމެ މަތީ ފުލޯގަ އުޅެފަ ބާކީ ހުރިތަންތަން ބޮޑުއަގުގަ ކުއްޔަށް ދީފައެބަހުރޭ. ދެން ބުނަނީ ބޯހިޔާވަހިކަމެއް ނެތޭ. ބިން ނުދީ ކޮންމެ ދެމަފިރިއަކަށް 3 ކޮޓަރީގެ ފުލެޓެއް ދޭންވީ.

The name is already taken The name is available. Register?

ތަކުރުބެއްޔާ

19 December 2023

ތިހެން ހުޅުމާލެ ހިއްކަން ފެށި އިރު މައުމޫންވެސް ބުނި. ތިތަން ވެސް ތި ފެންވަރަށް ތަރައްގީ ވާތަން މި ޖީލަށް ފެންނާނެ ހެނެއް ހީއެއް ނުވޭ.

The name is already taken The name is available. Register?

މައު މޫން

19 December 2023

މައުމޫން ދުނިޔޭގައި ހުއްޓާ މައުމޫން ހިއްކަން ފެށި ރަށް އިތުރަށް ހިއްކައި 25 ބުރިއަށް ބިލްޑިންގ ހަދާފައި އެހުރީ. މައުމޫން ދުނިޔޭގައި ހުއްޓާ އެރަށުގައި ދުނިޔޭގެ ފެންވަރުގެ އިމާރާތެއް އުރީދޫއިން އަޅާފައި އެހުރީ. މައުނޫން ދުނިޔޭގައި ހުއްޓާ ލަގްޒަރީ އެޕާޓްމަންޓްތައް އެ ރަށުގައި އަޅާފައި އެހުރީ. ޖީލަކީ 20 އަހަރު. 20 އަހަރުގެ ތެރޭގައި އެ ހުރިހާ މަންޒަރެއް ލޮލަށް ފެންނަން އެހުރީ. ބެއްޔާމެންނަށް ތިކިޔޭ އެއްޗެއް އެބަ އެނގޭތަ!

The name is already taken The name is available. Register?

ބެއްޔާދޯ

19 December 2023

ތަންތަން ހިއްކާ ވަރަކަށް އެއްބަޔަކު އާބާދީ ބޮޑުކުރަނީ އަދި މުސްކުޅިންނަށް ލިބޭ އިނާޔަތްތަކާ ބޭސްފަރުވާއާއެކު އެމީހުންގެ އުމުރު ދިގުވެ އެމީހުންވެސް ގިނަވަނީ އަދި އެމީހުން ބެލެހެއްޓުމާ ގައުމުގެ ހުރިހާ މަސައްކަތެއް ކުރަންހެން ގެންނަ ބިދޭސީންވެސް ގިނަވަނީ. އެންމެ ދިވެއްސަކުވެއްޖިއްޔާ މަސައްކަތުގަ އުޅޭނީ 3 ބިދޭސީން ކައިރިއަށް ލައިގެން.

The name is already taken The name is available. Register?

އުފެދިގަތުން

19 December 2023

މި ގައުމުގައި އޮންނާނީ ދެ ކަމެކެވެ. އެއް ބަޔަކު އަބަދުވެސް ކުރާނެ ކަމަކީ އަބަދުވެސް ފޮނި ހުވަފެން ބަލާފައި ތަންތަން ހެދުމާއި ހިއްކުމެވެ. ދެން އޮންނާނީ ސަޅިބައިސާ ކަނޑާފައި އުފެދުނު ތަންތަނުގެ ފޮނިމީރުކަން ލިބެން އެ ބަޔަކު އައުމެއެވެ. އެބަޔަކު ކުރާނެ ކަމަކީ ބެލި ފޮނި ހުވަފެން ބިލާހަކަށް ހެދުމެވެ. ތަނުގައި އޮތިއްޔާ އޮތް ޕްލޭނެއް އެކޮޅުކޮޅުންޖެހުމެވެ. އަމިއްލަ ބާލީހަށް ބަނޑާރަ ކަފަ ލުމެވެ.

The name is already taken The name is available. Register?

ޖީންސް

19 December 2023

މަށަށް ފެންނަނީ ރަސްމާލެ ރާއްޖޭގަ އުޅޭ ހުރިހާ ބަންގްލަދޭޝް މީހުންނަށް ދޭން. އެމީހުންގެ އާއިލާތައް ގެނެސް ވިޔަފާރިކޮށް އުޅެން. ދެން ކޮންމެ ބޮލަކަށް ރަސްޓެކްސް ކިޔާ ޓެކްސް އެެއް ނަގާނީ

The name is already taken The name is available. Register?

ޞިސް

19 December 2023

މަހީކުރީ މިސްކިތެއްގެ ބިންގާ ކަމަށް ފުރަތަމަ އަޅާނީ މުއިޒު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454